ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/397
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވ. އާރިފާ ކުޑަތުއްތު ޙަސަން ފުޅު، 2022/HC-A/397
National Integritee Commission v. Aarifaa Kudathuthu Hassan Fulhu 2022/HC-A/397 (2022/HC-A/397, High Court of the Maldives, 23 December 2024)
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވ. އާރިފާ ކުޑަތުއްތު ޙަސަން ފުޅު
މައިގަނޑު ސުވާލު
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ދޭ ލިވިންގ އެލަވަންސް ނުދިނުމަކީ ޤާނޫނުއަސާސީގެ 37 (ށ) އާ ޚިލާފު ތަފާތުކުރުމެއްކަމަށް ޓްރައިބިއުނަލުން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ، މާނަކުރުމުގެ ޤާނޫނުގެ 3 (ނ) ނުވަތަ އިކުއިޓީގެ ހަމަތަކާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފުންގެ މެދުގައި އުޖޫރަ ދިނުމުގައި ތަފާތުކުރުމުގެ ޝަކުވާ ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭކަން ނުވަތަ ތަފާތު ގެނައީ ޖާއިޒު ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ (ވަޒީފާއާބެހޭ ޤާނޫނުގެ 4 (ރ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39)
- އެއް މަސައްކަތެއް ކުރާ މުވައްޒަފުންގެ މެދުގައި ހަމައެކަނި ކުރިން މަސައްކަތްކުރި މުއައްސަސާއަށް ބަލައި އުޖޫރައިގައި ތަފާތުކުރުމަކީ ޖާއިޒު ސަބަބެއް ނޫން؛ ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމަކީ ޤާނޫނުއަސާސީގެ 37 (ށ) ގެ އަސާސީ ޙައްޤެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40، 43، 48)
- ޤާނޫނުއަސާސީގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވާޖިބު ކަމެކެވެ؛ ތަފާތުކުރުމެއް ވާނަމަ ވަގުތުން ނައްތާލުމަކީ ދައުލަތުގެ ޒިންމާ، ޕޭ ހާމަނައިޒްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނުމަކީ އެ ޒިންމާއިން ބަރީއަވެވޭނެ ހުއްޖަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48، 50)
- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގައި މުވައްޒަފުން ދަށް މަޤާމަކަށް ނުވަތަ ކުޑަ މުސާރައަކަށް ބަދަލުނުކުރުމަށް ލާޒިމުކުރުމަކީ، ބަދަލުވި އެއް މަސައްކަތެއްކުރާ މުވައްޒަފުންނަށް ތަފާތު ދެ އޮނިގަނޑަކުން އުޖޫރަ ދިނުމުގެ ހުއްދައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49)
- އަސާސީ ޙައްޤުތަކާ ގުޅޭ ކަންކަމުގައި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ އެއްގޮތަށް ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ މާއްދާއެއް ތަޠުބީޤުކުރުމަކީ ޤާނޫނުއަސާސީގެ 42 (ހ) އަދި (ށ) އާ ޚިލާފު ކަމެއް ނޫން؛ ކޯޓުން ފަރުވާ ދިނީ ހުށަހެޅުނު ދާއިރާގެ ތެރެއިން ނަމަ އެއީ ހުށަނާޅާ ކަމަކަށް ފައިސަލާކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-42، 55-56)
- ޤާނޫނުއަސާސީގެ 37 (ށ) ގައި ކުރާ މަސައްކަތް ވަޒަންކުރުމުގެ އިތުރުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމުގެ ޙައްޤުވެސް ހިމެނޭތީ، ޓްރައިބިއުނަލުން އެ މާއްދާ ތަޠުބީޤުކުރުމަކީ މާނަކުރުމުގެ ޤާނޫނުގެ 3 (ނ) އާ ޚިލާފަށް މާނަ ފުޅާކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-45، 51)
- އިކުއިޓީ (equity) ގެ މަފްހޫމަށް ބަރޯސާވާ ފަރާތުން ތަޠުބީޤުކުރަން އެދޭ ވަކި maxim ނުވަތަ މަފްހޫމާއި، އޭގެ ޢުންޞުރުތަކާއި، އެ ޢުންޞުރުތައް ފުރިހަމަވާ ގޮތް ބަޔާންނުކޮށް އިކުއިޓީއަށް ޢާންމުކޮށް ޙަވާލާދިނުމަކީ އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52-53، 57)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17، 20، 37 (ށ)، 42 (ހ) އަދި (ށ)، 69 އަދި 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ (ހ) އަދި (ރ)، 87 ވަނަ މާއްދާ (ށ)
- ޤާނޫނު ނަންބަރު 17/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 18 (ނ)، 62 އަދި 63 (ހ)، (ށ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް) — މައްސަލަތައް ގުޅުވައިގެން ބެލުން
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02 (މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
- Dudley v Dudley (1705) Prec Ch 241; 24 ER 118 (އިކުއިޓީގެ ޠަބީޢަތު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފާޠިމަތު ނިޒްނާ، މަޖުދު ރަޝީދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް