ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 14
މުސްޠަފާ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، [2021] SC 14 (2020/SC-A/48)
Musthafa Hussain v. Prosecutor General's Office [2021] SC 14 (2020/SC-A/48, Supreme Court of the Maldives, 1 February 2021)
މުސްޠަފާ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/P10-C/2013 ގަޒިއްޔާގައި ކުށް ސާބިތުވާކަމަށް ހުކުމްކޮށް، އެ ހުކުމް މުސްޠަފާ ޙުސައިން އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2014/HC-A/36 ގަޒިއްޔާގައި އެ ހުކުމަށް ތާއީދުކުރިއެވެ. ދެން ހައިކޯޓުގެ އެ ހުކުމް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ މުސްޠަފާ ޙުސައިން ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅުމުން މި މައްސަލަ ސުޕްރީމް ކޯޓަށް އައީއެވެ.
ގއ. ކަނޑުހުޅުދޫ އޮފީހުގެ ކުޑަކަތީބުކަމުގެ މަގާމުގައި ހުރި މުސްޠަފާ ޙުސައިން، އޭނާގެ އަނބިމީހާގެ ބައްޕަގެ ނަމުގައިވާ 'ޔުނިކޯ' ގޯތީގެ ރަޖިސްޓަރީ ހެދުމަށް 2007 ވަނަ އަހަރު އަތޮޅު އޮފީހަށް ހުށަހެޅިއިރު، ރަށު އޮފީހުގެ ފޮތުގައިވާ މިންތަކާ އިންފާރުން ނެގި މިންތައް ތަފާތުވާކަން އެނގިހުރެ އަތޮޅުވެރިޔާގެ ސަމާލުކަމަށް އެކަން ނުގެނައުމުން، އަސްލު ދޫކުރި 5000 އަކަފޫޓުގެ ބަދަލުގައި 7743.45 އަކަފޫޓު ރަޖިސްޓަރީވިއެވެ. ދައުލަތުން އޭނާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރިއެވެ.
މުސްޠަފާ ޙުސައިން ބުނީ، މިންތައް ތަފާތުވާކަން އޭނާއަށް އެނގޭކަން ކަނޑައަޅާފައިވަނީ ކަނޑުހުޅުދޫ ކައުންސިލަށް 28 ޑިސެންބަރު 2011 ގައި ދިން ބަޔާނަށް ބިނާކޮށް ކަމަށާއި، އެއީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޝަރީއަތަށް ބޭނުން ނުކުރެވޭނެ ބަޔާނަކަށްވާތީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށެވެ. ދައުލަތުން ބުނީ، ޝަރީއަތްކުރި ކޯޓުން ރިޢާޔަތްކުރީ 20 ނޮވެންބަރު 2013 ގެ އަޑުއެހުމުގައި އިއްވުނު ތަޙުޤީޤަށް ދިން ބަޔާނަށް ކަމަށާއި، އެއީ އޭނާ ކިޔައިދީފައިވާ ވާހަކަތަކެއްކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
މުސްޠަފާ ޙުސައިން ކަނޑުހުޅުދޫ ކައުންސިލަށް 28 ޑިސެންބަރު 2011 ގައި ދިން ބަޔާނަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޝަރީއަތަށް ބޭނުން ނުކުރެވޭނެ ބަޔާނެއްކަމަށް ބުނާއިރު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކުށުގެ މާނަވީ ރުކުން (މިންތައް ތަފާތުވާކަން އެނގުން) ސާބިތުކުރުމަށް ޝަރީއަތްކުރި ފަނޑިޔާރު ބުރަވި ގޮތް ޞައްޙަތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކުށުގެ ނިޔަތް ނުވަތަ ވަކި ކަމެއް މީހަކަށް އެނގޭކަން ދެނެގަންނާނީ މައްސަލައިގައި ހިމެނޭ ވާގިއާތަކުން ދޭހަކުރެވޭ ކަންތައްތަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ތަޙުޤީޤަށް ދިން ބަޔާނުގައިވާ ވާހަކަތަކަކީ އޭނާ ދައްކާފައިވާ ވާހަކަތަކެއްކަމަށް 20 ނޮވެންބަރު 2013 ގެ އަޑުއެހުމުގައި ޝަރީއަތްކުރި ފަނޑިޔާރުގެ ކުރިމަތީގައި އޭނާ ކަށަވަރުކޮށްދީފައިވާތީ، އެ ވާހަކަތަކަށް ބުރަވެ ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމަށާއި، ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް އިއްތިފާޤުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލު
- ކުށުގެ ނިޔަތް ނުވަތަ ވަކި ކަމެއް މީހަކަށް އެނގޭކަން ޝަރީއަތުން ދެނެގަންނާނީ މައްސަލައިގައި ހިމެނޭ ވާގިއާތަކުން ދޭހަކުރެވޭ ކަންތައްތަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
މުސްޠަފާ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު
01 ފެބްރުއަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2014/HC-A/36
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މުސްޠަފާ ޙުސައިން
ޤާނޫނީ ވަކީލު: ޢަބްދުﷲ ރާބިޢު، އަޙްމަދު ތައުފީޤު ޤާނޫނީ ވަކީލު: އުސާމާ މޫސާ، ޗަމަން، ށ. ކޮމަންޑޫ
ޖިނާއީ – މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުން - ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު
މުސްޠަފާ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/36 ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް، މުސްޠަފާ ޙުސައިން (މީގެ ފަހުން 'މުސްޠަފާ ޙުސައިން') ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
2ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/P10-C/2013 ގަޒިއްޔާގައި މުސްޠަފާ ޙުސައިންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
3އެ ގަޒިއްޔާގައި މުސްޠަފާ ޙުސައިންގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ އަމަލަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން 2007 ވަނަ އަހަރު ގއ. ކަނޑުހުޅުދޫ އޮފީހުގެ ކުޑަކަތީބުކަމުގެ މަގާމުގައި މުސްޠަފާ ޙުސައިން ހުރެ ގއ. ކަނޑުހުޅުދޫ 'ޔުނިކޯ' ގޯއްޗަށް ބިން އިތުރުކޮށްދިނުމެވެ.
4ގއ. ކަނޑުހުޅުދޫ ޔުނިކޯއެވެ ކިޔާ ބަންޑާރަ ގޯއްޗަކީ 15 މޭ 1985 ގައި ދޫކޮށްފައިވާ ގޯއްޗެކެވެ. އެ ގޯތީގެ ރަޖިސްޓަރީ ގއ. އަތޮޅު އޮފީހުން ހަދައިދީފައިވަނީ 9 ޖުލައި 2007 ގައެވެ. އެ ގޯތީގެ ރަޖިސްޓަރީ ހެދުމަށްޓަކައި ގއ. އަތޮޅު އޮފީހަށް އެ ގޯއްޗާބެހޭ މައުލޫމާތާއި ލިޔެކިޔުންތައް ގއ. ކަނޑުހުޅުދޫ އޮފީހުން ފޮނުވިއިރު ގއ. ކަނޑުހުޅުދޫ އޮފީސް ހިންގުމާ ހަވާލުވެ ހުރީ މުސްޠަފާ ޙުސައިންއެވެ. މުސްޠަފާ ޙުސައިން އަކީ ޔުނިކޯ ގޯތި ދޫކުރެވިފައިވާ ފަރާތް ކަމަށްވާމުޙައްމަދު ނާޞިރުގެ އަންހެން ދަރިއަކާ ކައިވެނިކޮށްގެން ޔުނިކޯއެވެ ކިޔާ ގޭގައި އެވަގުތު ދިރިއުޅުނު ފަރާތެވެ. އެ ގޯތީގެ ރަޖިސްޓަރީ ހެދުމަށްޓަކައި އެ ގޯތީގެ ވެރިފަރާތުން (މުސްޠަފާ ޙުސައިންގެ އަނބިމީހާގެ ބައްޕަ) އެރަށު އޮފީހަށް ހުށަހެޅުމުން އެ ގޯތީގެ އިންފާރު ރާނާފައި ހުރި ތަނުން މިން ނަގައި، އެ މިންތަކާ އެއްގޮތަށް އެ ގޯތީގެ ޗާޓު ކުރަހައި ކަމާބެހޭ މައުލޫމާތުތަކާ ލިޔެކިޔުންތަކާއެކު މުސްޠަފާ ޙުސައިން ސޮއިކޮށް އަތޮޅު އޮފީހަށް ހުށަހެޅިއިރު، ގއ. ކަނޑުހުޅުދޫ އޮފީހުގައި އޮންނަ އެ ރަށުން ދޫކުރެވޭ ގޯތިތަކުގެ އެންމެހައި މައުލޫމާތު ލިޔެފައިވާ ފޮތުގައި ރެކޯޑުކުރެވިފައިހުރި އެ ގޯއްޗާބެހޭ މައުލޫމާތާ އަޅައި ބަލާއިރު ބޮޑު ތަފާތުތަކެއް އެގޯތީގައި ފަހުން އިންފާރު ރޭނިއިރު ހުރިކަން މުސްޠަފާ ޙުސައިންއަށް އެނގިހުރެ އަތޮޅުވެރިޔާގެ ސަމާލުކަމަށް އެކަން ގެނެސްފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން އަތޮޅު އޮފީހުން ޔުނިކޯ ގޯއްޗަށް ރަޖިސްޓަރީކޮށްދެވުނު ގޯތީގައި ހުރީ އެ ގޯތީގެ ވެރިފަރާތަށް އަސްލު ދޫކުރި 5000 އަކަފޫޓުގެ ބަދަލުގައި 7743.45 އަކަފޫޓެވެ.
5ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/P10-C/2013 ގަޒިއްޔާގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށް މުސްޠަފާ ޙުސައިންގެ މައްޗަށް ސާބިތުވާ ކަމަށެވެ.
6ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/P10-C/2013 ގަޒިއްޔާގައި އެ ކޯޓުން ކޮށްފައިވާ ހުކުމް މުސްޠަފާ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2014/HC-A/36 ގަޒިއްޔާގައި ދަށު ކޯޓުން މުސްޠަފާ ޙުސައިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައިވެއެވެ.
7ހައިކޯޓުގައި މުސްޠަފާ ޙުސައިންގެ ދިފާއުގައި ބުނެފައިވަނީ ރަށްރަށުން ގޯތި ދޫކުރާއިރުގައި އެ ގޯތިތަކާބެހޭ މައުލޫމާތު ލިޔެފައި ހުންނަ ފޮތްތަކުގައި ދޫކުރެވުނު ގޯތީގެ މިންތައްކަމަށް ލިޔެފައި ހުންނަ މިންތަކާ އެ ގޯއްޗެއްގެ އަސްލު ލިޔުންތަކާ ދިމާވެފައި ހުންނާނީ މަދު ގޯއްޗެއްގައި ކަމަށާއި ކަނޑުހުޅުދޫގައި ވެސް އެކަން ހިނގަމުން އައިސްފައިވަނީ ހަމައެފަދައިން ކަމަށާއި، ރަށްރަށުން ދޫކޮށްފައިވާ ގޯތިތަކުގެ ރަޖިސްޓަރީ ހެދުމަށް އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން ރަށު އޮފީހުގައި އެދުމުން ރަށު އޮފީހުން އެކަން ހުށަހަޅަނީ އަތޮޅު އޮފީހަށް ކަމަށާއި، ގޯތީގެ ރަޖިސްޓަރީއަކީ އަތޮޅު އޮފީހުން އަތޮޅުވެރިޔާ ސޮއިކޮށް ދޫކުރާ ލިޔުމަކަށްވާތީ އެ ގޯއްޗެއްގެ ރަޖިސްޓަރީ ހެދުމަށް ހުށަހަޅާފައިވަނީ އެ ގޯއްޗެއް ދޫކުރެވިފައިވާ މިންތަކާ އެއްގޮތަށްތޯ ބެލުމަކީ އަތޮޅުވެރިޔާގެ ޒިންމާއެއް ކަމަށާއި، އެއާ ޚިލާފަށް އަތޮޅުވެރިޔާ އަމަލުކުރުމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާ އެކަމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައިވާ އެރަށެއްގެ ރަށު އޮފީސް ހިންގުމާ ހަވާލުވެ ހުރި ފަރާތުން ނަގަންޖެހޭނެ ކަމަށް ނުދެކޭ ކަމަށެވެ.
8އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/36 ގަޒިއްޔާގައި ދަށުކޯޓުން މުސްޠަފާ ޙުސައިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމަށް ތާއީދުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބަޔާންކޮށްފައިވަނީ ރަށްރަށުގެ ގޯތި ދޫކުރުމަށްފަހު އެ ގޯތިތަކާބެހޭ މައުލޫމާތު ލިޔެ ރައްކާކުރާ ފޮތުގައި ލިޔެފައި ހުންނަ މިންތަކާއި އެ ގޯއްޗެއްގެ ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމުން އެ ގޯއްޗެއްގެ އިންފާރުން ނަގާ މިންތަކާ ދިމާނުވާ ހާލަތުގައި އެކަން އަތޮޅުވެރިޔާގެ ސަމާލުކަމަށް ގެނެސް އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަކީ އެފަދަ ހާލަތެއްގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުކަން އެނގެން އޮތް ކަމަށާއި، ރަށު އޮފީހަށް ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމުން ބަލާބެލުމުގައި އެފަދަ ތަފާތެއް ހުރިނަމަ އަތޮޅުވެރިޔާގެ ސަމާލުކަމަށް އެކަން ގެނައުމަކީ އެރަށެއްގެ ރަށު އޮފީސް ހިންގުމާ ހަވާލުވެހުރި ފަރާތެއްގެ މަސްއޫލިއްޔަތުކަމަށެވެ.
9ޔުނިކޯ ގޯތި ދޫކުރެވުނުއިރު އެރަށުގެ އޮފީހުގައިވާ ދޫކުރެވޭ ގޯތިތަކުގެ މައުލޫމާތު ލިޔާ ފޮތުގައި ނޯޓުކޮށްފައިވާ މައުލޫމާތާއި، އެ ގޯތީގެ ރަޖިސްޓަރީ ހަދަންވެގެން ރަށު އޮފީހަށް ހުށަހެޅުމުން އެ ގޯތީގައި ރާނާފައިވާ ވަށާފާރުން އެގޯތީގެ މިންތައް ނެގިއިރު، ރަށު އޮފީހުން ޔުނިކޯ ގޯތީގެ ވެރިފަރާތަށް އަސްލު ދޫކުރި 5000 އަކަފޫޓުގެ ގޯއްޗަށް 2743.45 އަކަފޫޓު އިތުރުވެފައިވާކަން މުސްޠަފާ ޙުސައިން އަށް އެނގިހުރެ، އަދި އަތޮޅުވެރިޔާގެ ސަމާލުކަމަށް އެކަން ނުގެނެސް، މުސްޠަފާ ޙުސައިން ހުށަހަޅާފައިވާ މައުލޫމާތަކީ ތެދު ސައްހަ މައުލޫމާތު ކަމުގައި ބަޔާންކޮށް ކަމާބެހޭ ލިޔުންތަކުގައި މުސްޠަފާ ޙުސައިން ސޮއިކޮށްފައިވާއިރު، މުސްޠަފާ ޙުސައިން ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ ޔުނިކޯ ގޯތި އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިވާ މުޙައްމަދު ނާޞިރުގެ ދަރިއަކާ ކަމާއި މުސްޠަފާ ޙުސައިން ދިރިއުޅެނީވެސް ޔުނިކޯ ގޭގައި ކަން ސާފުކޮށް އެނގެން އޮންނާތީ މުސްޠަފާ ޙުސައިންގެ އެ އަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މުސްޠަފާ ޙުސައިންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ އަމަލެއް ކަމަށެވެ.
10މި މައްސަލައިގައި، މުސްޠަފާ ޙުސައިންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅިފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ އެ ގޯތީގައި މިން އެޅިއިރު ހުރި މިންތަކާއި ރަށު އޮފީހުގެ ފޮތުގައި ހުރި މިންތަކާއި ދިމާނުވާކަން އެނގިހުރެ އެ މިންތަކުގެ މައްޗަށް ގޯތީގެ ރަޖިސްޓަރީ ހެދުން ކަމުގައި މައްސަލައިގެ ހުކުމުގައި ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާއިރު މިކަމުގައި ކުށުގެ މާނަވީ ރުކުން ނުވަތަ އޭނާއަށް އެކަން (ގޯތީގައި ހުރި މިންތަކާއި ފޮތުގައި ލިޔެފައި ހުރިމިންތައް ތަފާތުވާކަން) އެނގޭކަން އަދި އަތޮޅު އޮފީހަށް ރަޖިސްޓަރީ ހެދުމަށް ހުށަހަޅާފައިވަނީ އެކަން އެނގިހުރެކަން ކަނޑައަޅާފައިވަނީ އޭނާ ކަނޑުހުޅުދޫ ކައުންސިލަށް 28 ޑިސެންބަރު 2011 ގައި ދީފައިވާ ބަޔާނަށް ބިނާކޮށްގެން ކަމަށްވާއިރު، މި ބަޔާނަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޝަރީއަތަށް ބޭނުން ނުކުރެވޭނެ ބަޔާނެއް ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ ފަދައިން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތު ނުވާކަމަށެވެ.
11އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ މުސްޠަފާ ޙުސައިންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުން ދިޔައިރު އެ ކޯޓުން އޭނާ ތަހުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތްކޮށްފައިވަނީ އެ މައްސަލައިގެ ޝަރީއަތުގައި 20 ނޮވެންބަރު 2013 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި މި މައްސަލައިގެ ތަހުގީގަށް މުސްޠަފާ ޙުސައިން ދީފައިވާ ބަޔާނުގެ ގޮތުގައި އެ ދުވަހު އިއްވުނު ބަޔާނަކީ މުސްޠަފާ ޙުސައިން ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށް ބުނެފައިވާތީ ކަމަށެވެ.
12ޕްރިސިޑެންސް 1ކުށުގެ ނިޔަތް ނުވަތަ ވަކި ކަމެއް މީހަކަށް އެނގޭކަން ޝަރީއަތުން ދެނެގަންނާނީ މައްސަލައިގައި ހިމެނޭ ވާގިއާތަކުން ދޭހަކުރެވޭ ކަންތައްތަކުންނެވެ. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޔުނިކޯ ގޯތީގެ ރަޖިސްޓަރީ ހެދުމަށް މުސްޠަފާ ޙުސައިން އަތޮޅު އޮފީހަށް ހުށަހަޅާފައިވަނީ އެ ގޯތީގައި މިން އެޅިއިރު ހުރި މިންތަކާއި ރަށު އޮފީހުގެ ފޮތުގައި ހުރި މިންތަކާއި ދިމާނުވާކަން އެނގިހުރެކަން ޝަރީއަތްކުރި ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ގަބޫލުކޮށްފައިވަނީ، ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހިންގި ޝަރީއަތުގައި 20 ނޮވެންބަރު 2013 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި މި މައްސަލައިގެ ތަހުގީގަށް މުސްޠަފާ ޙުސައިން ދީފައިވާ ބަޔާނުގެ ގޮތުގައި އެ ދުވަހު އިއްވުނު ބަޔާނަކީ މުސްޠަފާ ޙުސައިން ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށް ބުނެފައިވާތީ އެ ބަޔާނުގައި ބަޔާންކޮށްފައިވާ ވާގިއާތަކުން ޝަރީއަތްކުރި ފަނޑިޔާރު ދޭހަކުރި ދޭހަކުރުންތަކަކުން ކަން އެނގެއެވެ. އެ ބަޔާނުގައި މުސްޠަފާ ޙުސައިން ދައްކާފައިވާ ވާހަކަތަކުން އަތޮޅު އޮފީހަށް ޔުނިކޯ ގޯތީގެ ރަޖިސްޓަރީ ހެދުމަށް ހުށަހަޅާފައިވަނީ އެ ގޯތީގައި މިން އެޅިއިރު ހުރި މިންތަކާއި ރަށު އޮފީހުގެ ފޮތުގައި ހުރި މިންތަކާއި ދިމާނުވާކަން އެނގިހުރެކަން ޝަރީއަތްކުރި ފަނޑިޔާރަށް އެކަށީގެންވާ މިންވަރަށް ސާބިތުވާތީ އެވެ. މުސްޠަފާ ޙުސައިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޝަރީއަތްކުރި ފަނޑިޔާރުގެ ނިންމި ނިންމުމަށް ބުރަވީ މުސްޠަފާ ޙުސައިން ކަނޑުހުޅުދޫ ކައުންސިލަށް 28 ޑިސެންބަރު 2011 ގައި ދީފައިވާ ބަޔާނަށް ބިނާކޮށްގެން ކަމަށާއި އެ ބަޔާނަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޝަރީއަތުން ގޮތެއް ނިންމުމަށް ބޭނުން ކުރެވޭނެ ހެއްކެއް ނޫންކަމަށް މުސްޠަފާ ޙުސައިން ބުނެފައިވީ ނަމަވެސްގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހިންގި ޝަރީއަތުގައި 20 ނޮވެންބަރު 2013 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އެ ބަޔާނުގައި ހުރި ވާހަކަތަކަކީ މުސްޠަފާ ޙުސައިން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ޝަރީއަތްކުރި ފަނޑިޔާރުގެ ކުރިމަތީގައި ކަށަވަރުކޮށް ދީފައިވާތީވެ، ފަނޑިޔާރު އެ ވާހަކަތަކުގެ މައްޗަށް ބުރަވެ ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ގަބޫލުކުރެވެއެވެ.
13މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/36 ގަޒިއްޔާގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތެވެ.
14ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
15މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/36 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)
- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ)
- ގާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އުސާމާ މޫސާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރާބިޢު
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 28 ޖަނަވަރީ 2020 · ރަޖިސްޓްރީކުރީ 10 އޮގަސްޓް 2020 · ނިމުނީ 1 ފެބުރުއަރީ 2021 (5.7 މަސް)