ސައިޓޭޝަން ކޮޕީ ކުރުމަށް
2008/SC-C/01
އިދުހާމް މުޢިއްޒު ޢަދްނާން ވ. ރައްޔިތުންގެ މަޖިލިސް، 2008/SC-C/01
Idhuhaam Muizu Adhnaan v. People's Majlis 2008/SC-C/01 (2008/SC-C/01, Supreme Court of the Maldives, 27 September 2008)
އިދުހާމް މުޢިއްޒު ޢަދްނާން ވ. ރައްޔިތުންގެ މަޖިލިސް
މައްސަލައިގެ ޚުލާޞާ
ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ ސަބަބުން ތަފާތުކުރުންތަކެއް ކުރިމަތިވާ ކަމަށް ބުނެ، ރިޔާސީ އިންތިޚާބުގައި އެހެން ރައްޔިތުންނާ ހަމަހަމަގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތަށް އެދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން މ. ގުލްފާމްގޭ އިދުހާމް މުޢިއްޒު ޢަދްނާން ސުޕްރީމް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. ދަޢުވާ ފޯމުގައި ދަޢުވާ ލިބޭ ފަރާތަކަށް ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހެވެ.
ދަޢުވާކުރާ ފަރާތުން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވި ކަމަކާމެދު ޚިލާފު އުފެދިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ކުރާ ދަޢުވާއެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ ސަބަބުން ތަފާތުކުރުން ކުރިމަތިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިސް ދަޢުވާލިބޭ ފަރާތަކަށް ހަދައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅި ދަޢުވާ ބަލައިގަނެވޭނެތޯ.
ނިންމި ގޮތް
ދަޢުވާ ބަލައިނުގަނެވުނު
ސުޕްރީމް ކޯޓުން ބުނީ މި ދަޢުވާ މައުޟޫޢީގޮތުން ބެލުމުގެ ނަތީޖާއަކީ ޤާނޫނެއް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުން ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ބާރު ލިބިގެންވަނީ ހައިކޯޓާއި ސުޕްރީމް ކޯޓަށް ކަމުން، ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ސަބަބުން ޤާނޫނެއް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ދަޢުވާ ލިބޭގޮތަށް ދަޢުވާކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ، ދަޢުވާ ބަލައިނުގަތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ ދެ މަރުޙާލާގެ ކޯޓަކަށް އިޙްތިޞާސް ލިބިގެންވާކަމެއް ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ނޫން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [3])
- މި ދަޢުވާއަކީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ޚިލާފު އުފެދިގެން ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ކުރާ ދަޢުވާއެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައި އޮތްކަމުގައިވިޔަސް މި ދަޢުވާކޮށްފައިވާގޮތަށް ބަލާއިރު މި ދަޢުވާ މައުޟޫޢީގޮތުން ބެލުމުގެ ނަތީޖާއަކަށްވާނީ އިޝާރާތްކުރެވިފައިވާ ޤާނޫނު ނުވަތަ އެޤާނޫނުގެ ބައެއް ނަމަވެސް ޤާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [3])
- ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި "މިޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުން އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ." މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމަކީ އެމަޖިލީހަށް ދަޢުވާ ލިބޭގޮތަށް ދަޢުވާކުރެވޭނޭކަމެއް ނޫން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [4])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު: 2008/SC-C/01
ހުށަހެޅި ފަރާތް: މ. ގުލްފާމުގޭ
ހުށަހެޅުނު ތާރީޚް: 22-09-2008
ނިމުނު ތާރީޚް: 27-09-2008
ނިމުނު ގަޑި: 12:05
[1]މިއީ ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ ސަބަބުން ތަފާތުކުރުންތަކެއް ކުރިމަތިކުރުވާފައިވާކަމަށް ބުނެ އެތަފާތުކުރުންތައް ނައްތާލާ އެހެން ހުރިހާ ރައްޔިތުންނެކޭ ހަމަހަމަގޮތެއްގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދިނުން އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން މ. ގުލްފާމްގޭ، އިދުހާމް މުޢިއްޒު ޢަދްނާން ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ބަލައިގަތް މައްސަލައެކެވެ.
[2]އިސްވެ އިޝާރާތްކުރެވުނު ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު ދަޢުވާއަކަށްވާތީ އެމާއްދާާއިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިޚްތިޞާޞްއަށް ބަލާއިރު އެމާއްދާއަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ އޭނާގެ ނާއިބަކަށް ހުންނާނެކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ އެކަމެއް ވަކިގޮތަކަށް ނިންމުމުގެ ބާރު ހަމައެކަނި ސުޕްރީމް ކޯޓަށް ލިބިދޭ މާއްދާއެއްކަމަށްވެފައި އަދި އެމާއްދާާގެ ދަށުން އިދުހާމް މުޢިއްޒު ޢަދްނާން ކުރާ މި ދަޢުވާއަކީ އެމާއްދާާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ރައީސުޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވިކަމަކާއިމެދު ޚިލާފު އުފެދިގެން ކުރާ ދަޢުވާއެއްކަމަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ބުނެފައިވާއިރު މި ދަޢުވާ ލިބެނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ދަޢުވާ ހުށަހަޅާ ފޯމުގައި އިދުހާާމް މުޢިއްޒު ޢަދްނާން ކަނޑައަޅާފައިވާތީ ރައްޔިތުންގެ މަޖިލީހަށް ދަޢުވާ ލިބޭ މައްސަލައެއްގެގޮތުގައި މި ދަޢުވާ ކުރިއަށް ގެންދެވިދާނެތޯއާއި މި ދަޢުވާއަކީ މައުޟޫޢީގޮތުން ބެލިދާނެ ދަޢުވާއެއްތޯ ބަލާއިރު އަންނަނިވި ޤާނޫނީ ސަބަބުތައް ފާހަގަކުރެވުނެވެ.
[3]މި ދަޢުވާއަކީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ޚިލާފު އުފެދިގެން ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ކުރާ ދަޢުވާއެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައި އޮތްކަމުގައިވިޔަސް މި ދަޢުވާކޮށްފައިވާގޮތަށް ބަލާއިރު މި ދަޢުވާ މައުޟޫޢީގޮތުން ބެލުމުގެ ނަތީޖާއަކަށްވާނީ އިޝާރާތްކުރެވިފައިވާ ޤާނޫނު ނުވަތަ އެޤާނޫނުގެ ބައެއް ނަމަވެސް ޤާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުންކަމަށްވެފައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ ދެ މަރުޙާލާގެ ކޯޓަކަށް އިޙްތިޞާސް ލިބިގެންވާކަމެއް ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ނޫންކަން.
[4]ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި "މިޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުން އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ." މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމަކީ އެމަޖިލީހަށް ދަޢުވާ ލިބޭގޮތަށް ދަޢުވާކުރެވޭނޭކަމެއް ނޫންކަން.
[5]ވީމާ، 22 ސެޕްޓެމްބަރު 2008 ވަނަ ދުވަހު މ.ގުލްފާމްގޭ އިދްހާމް މުޢިއްޒު ޢަދްނާން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ (މިކޯޓުގެ ނަންބަރު 2008/SC-C/01 ޤަޟިއްޔާ) މި ކޯޓުން ބަލައިދެވެން ނެތްކަމަށް ކަނޑައަޅައިފީމެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުން:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖުތާޒު ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު)
- ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، މުޖުތާޒް ފަހުމީ، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް، އަޙްމަދު ފާއިޒު ޙުސައިން
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 22 ސެޕްޓެމްބަރު 2008 · ރަޖިސްޓްރީކުރީ 22 ސެޕްޓެމްބަރު 2008 · ނިމުނީ 27 ސެޕްޓެމްބަރު 2008 (5 ދުވަސް)