ސައިޓޭޝަން ކޮޕީ ކުރުމަށް
2014/SC-A/33
ޙައްވާ ޙުޒައިމާ ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ، 2014/SC-A/33
Hawwa Huzaimaa v. State Bank of Indiyaa 2014/SC-A/33 (2014/SC-A/33, Supreme Court of the Maldives, 2 May 2017)
ޙައްވާ ޙުޒައިމާ ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ނަންބަރު 725/Cv-C/2010 ޤަޟިއްޔާގައި ދަރަނި ދެބައިކޮށް އެއްބައި ޙުސައިން ރަފީޢަށާއި އަނެއްބައި ވާރިޘުންނަށް ތަރިކައިން ލިބުނު ނިސްބަތުން ޒިންމާކުރުވިއެވެ. ބޭންކުން އިސްތިއުނާފުކުރުމުން ހައިކޯޓުން ނަންބަރު 2013/HC-A/171 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، 2006/HC-A/25 ގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އެންގިއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް އައީ ޙައްވާ ޙުޒައިމާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން ހައިކޯޓުގެ ޙުކުމް އިލްތިމާސްކުރުމުންނެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ޙުސައިން ރަފީޢުއަށް ދޫކުރި އޯވަރޑްރާފްޓް ލޯނަށް މަޙްމޫދު ޙުސައިން ތަޟާމުނީކޮށް އަދި ފަރްދީކޮށް ގެރެންޓީ ދީފައިވާއިރު، 882,537/27ރ. ގެ ދަރަނި ޙުސައިން ރަފީޢާއި މަޙްމޫދު ޙުސައިންގެ ވާރިޘުން ދައްކަން ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާއިން ޙުކުމްކުރިއެވެ. އެ ފައިސާ ނުދެއްކުމުން ބޭންކުން ޙުކުމް ތަންފީޒުކޮށްދިނުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
އިލްތިމާސްކުރި ފަރާތުން ބުނީ ހައިކޯޓުގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާއި ޤާނޫނާ ޚިލާފަށް ކަމަށެވެ. ބޭންކުގެ ހުށަހެޅުމަކީ 2006/HC-A/25 ގެ ޙުކުމުގައި ދަރަނީގެ ޒިންމާ ކަނޑައަޅާފައިވަނީ ތަޟާމުނީކޮށް ކަމަށާއި، ސިވިލް ކޯޓުން ދަރަނި ބަހާލީ އެ ޙުކުމާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ތަޟާމުނީކޮށް އަދި ފަރްދީކޮށް ލޯނަށް ގެރެންޓީ ދިން ފަރާތް ނިޔާވުމުން، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމެއްގެ ދަރަނި އަދާކުރުމުގެ ޒިންމާ އޭނާގެ ވާރިޘުންނަށް ނަޤުލުވަނީ ކޮންމެ ވާރިޘަކު މުޅި ދަރަންޏަށް ޒިންމާވާ ގޮތަށްތޯ، ނުވަތަ ތަރިކައިން ލިބުނު މިންވަރުގެ ނިސްބަތުންތޯ، އަދި ތަންފީޒީ ކޯޓަށް ބޭންކުގެ ރުހުމަކާ ނުލައި ލޯނު ނެގި ފަރާތާއި ގެރެންޓަރުގެ ވާރިޘުންގެ މެދުގައި ދަރަނި ބަހާލެވޭތޯ.
ނިންމި ގޮތް
ހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، 2006/HC-A/25 ގެ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމަކަށްވާތީ، ތަންފީޒީ ކޯޓަށް އެ ޙުކުމުން ފައިޞަލާކުރި ކަންތައް އަލުން ނުބެލޭނެ ކަމަށާއި، ބޭންކުގެ ރުހުމަކާ ނުލައި ދަރަނި ދެބައިކޮށް ލޯނު ނެގި ފަރާތާއި ގެރެންޓަރުގެ ޒިންމާ ޤައިދުކުރުމަކީ ރަހުނު އެއްބަސްވުމުގެ 7 ވަނަ މާއްދާއާއި ތަޟާމުނީ ގެރެންޓީގެ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. ނަމަވެސް ގެރެންޓަރުގެ ޒިންމާ ވާރިޘުންނަށް ނަޤުލުވާއިރު ކޮންމެ ވާރިޘަކު ދައްކަންޖެހެނީ ތަރިކައިން ލިބުނު މިންވަރުގެ ނިސްބަތުން ކަމަށް ކަނޑައަޅައި، ދެ ޙުކުމް ބާޠިލުކޮށް، ބައެއް ވާރިޘުން ސިވިލް ކޯޓަށް ދައްކާފައިވާ ފައިސާ އެ ވާރިޘުން ދައްކަންޖެހޭ ފައިސާއިން އުނިކުރަން ޙުކުމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމި، ނުވަތަ އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތުން، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށް ދޫކޮށްލުމުގެ ސަބަބުން، ނިހާއީ ޙުކުމަށްވެ، ފައިޞަލާކުރަނިވި ބާރު ލިބިފައިވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމަކީ މަދަނީ ޚުޞޫމަތްތަކަށް ލިބިދެވޭ ޤަޟާއީ ޙައްލުތައް އިސްތިޤުރާރު ވެގެންދިއުމަށް ހުރަސްއެޅިގެންދާ ކަމަކަށް ވާތީއާ، އަދި ފައިޞަލާކުރަނިވި ނިހާއީ ޙުކުމަކީ ޙަޤީޤަތުގައި އެއާ ޚިލާފަށް ޘާބިތުކުރުން އެއްވެސް ކޯޓެއްގައި ހުއްދަވެގެންނުވާ ޤަޠްޢީ ޤާނޫނީ ޤަރީނާއަކަށް ވާތީ، އެފަދަ މައްސަލައެއް އަލުން ބެލުމުގެ އިޚްތިޞާޞް އެއްވެސް ކޯޓަކަށް ލިބިގެން ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ޤަޟާއީ ޙުއްޖިއްޔަތު ލިބި، ކަނޑައެޅިނިޔާގެ ބާރު ލިބިފައިވާ ފައިޞަލާކުރަނިވި މަދަނީ ޙުކުމްތަކަކީ އޭގެ ޒާތުގައި ތަންފީޒީ ބާރުލިބިގެންވާ ޙުކުމްތަކެއްކަމާއި، އެފަދަ ޙުކުމެއް ތަންފީޒުކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުން އެ ޙުކުމުން ފައިޞަލާކޮށްފައިވާ ކަންތައް ޝަރީޢަތުގެ މަޖިލީހެއްގައި އަލުން ބަލައި ފައިޞަލާކުރުމަކީ އިސްތިޤުރާރުވެފައިވާ މަދަނީ އިޖްރާއާތުގެ އުޞޫލުތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ކަނޑައެޅިނިޔާގެ ބާރު ލިބިފައިވާ ފައިޞަލާކުރަނިވި މަދަނީ ޙުކުމެއް ތަންފީޒުކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުން، އެ ޙުކުމުން ފައިޞަލާކޮށްފައިވާ ވާޤިޢާތައް އަލުން ބަލައި ފައިޞަލާކުރުމަކީ ތަންފީޒީ ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވިނަމަވެސް، އެ ޙުކުމުން ފައިޞަލާކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ ޙުކުމް ތަންފީޒުކުރުމަށް ލާޒިމްވާ ޝަރްޠަކާ، ނުވަތަ އިޖްރާއާތަކާ ގުޅިގެން އުފެދޭ "ތަންފީޒީ އިޝްކާލާތު" (enforcement complications) އާ ގުޅޭ ޚުޞޫމަތްތަކަށް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޤަޟާއީ އަވަސް ޙައްލު ހޯދައިދިނުމަކީ ކަމާބެހޭ ތަންފީޒީ ކޯޓުގެ އިޚްތިޞާޞެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [11])
- ދަރަންޏެއް އަދާކުރުމަށް ދަރަނި ނަގާފަރާތާއެކު ތަޟާމުނީކޮށް އަދި ފަރްދީކޮށް ދެވޭ ގެރެންޓީ ނުވަތަ "ޟަމާން" ގެ ޤާނޫނީ މަފްހޫމަކީ ދަރަނި ނަގާފަރާތެކޭ އެއްފަދައިން ދަރަންޏަށް ގެރެންޓީ ދޭފަރާތުން އެ ދަރަނި އެއްކޮށް އަދާކުރުމުގެ ފުރިހަމަ ޒިންމާއާއި އިލްތިޒާމް އުފުލުމެވެ. ދަރަނި ނަގާ ފަރާތުން ދަރަނި އަދާކުރުމަށް ނުކުޅެދޭ ޙާލަތުގައި އެ ދަރަންޏަށް ގެރެންޓީ ދިން ފަރާތުން އެ ދަރަނި އެއްކޮށް އަދާކުރުމުގެ ޤާނޫނީ އިލްތިޒާމު އުފުލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [12])
- ދަރަނި ނަގާ ފަރާތުން ދަރަނި އަދާކުރުމަށް ނުކުޅެދޭ ޙާލަތުގައި އެ ދަރަނި އެއްކޮށް ހޯދުމަށް ގެރެންޓީދިން ފަރާތުގެ މައްޗަށް ވަކިން ދަޢުވާކުރުމުގެ ޙައްޤު ދަރަނި ދޫކުރި ފަރާތަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [12])
- ދެބައިވެރިއެއްގެ ނުވަތަ އެއަށްވުރެ ގިނަ ބައިވެރިންގެ މެދުގައި ކުރެވޭ ޢަޤުދު ނުވަތަ ކޮންޓްރެކްޓުގެ "އަޘަރު" (effect) އެ ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމަށް ފަހު އޭނާގެ "އަލް ޚަލަފުލް ޢާންމު" (Universal Successor) ގެ ގޮތުގައި ބެލެވޭ އޭނާގެ ވާރިޘުންނަށް ނަޤުލު ވުމުގެ އުޞޫލުގެ މަފްހޫމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމަށްފަހު، އެ ކޮންޓްރެކްޓަކުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް އުޞޫލެއްގެ ގޮތުގައި ނަޤުލުވެގެން ދިއުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [13])
- ދަރަނި ނެގި ފަރާތް ނުކުޅެދޭ ޙާލަތުގައި، އޭނައާއެކު ތަޟާމުނީކޮށް އެ ދަރަނި އަދާކުރުމަށް އެއްބަސްވެފައި ވީނަމަވެސް އޭނާ ނިޔައުވުމަށް ފަހު އޭނާގެ ވާރީޘުންނަށް އެ ދަރަނި އަދާކުރުމުގެ ޒިންމާ ނަޤުލުވެގެންދާ ހިނދު، އެ ދަރަނީގެ ފައިސާގެ ތެރެއިން ކޮންމެ ވާރިޘެއްގެ މައްޗަށް ފަރްދީކޮށް ވަކިން (severally) ދެއްކުން ލާޒިމްވެގެންވާނީ އެ ވާރިޘަކަށް ތަރިކައިން ލިބުނު މިންވަރެއްގެ ނިސްބަތުން އެ ޙުދޫދުގެ ތެރޭގައެވެ. އެއާ ޚިލާފަށް ކޮންމެ ވާރިޘަކީ މުސްތަޤިއްލު ގެރެންޓަރއެއް ކަމަށް ބަލައި، ތަޟާމުނީކޮށް މުޅި ދަރަންޏަށް ކޮންމެ ވާރިޘަކު ވަކިވަކިން ޒިންމާ އުފުލަންޖެހޭނެ ޝަރްޢީ އަދީ ޤާނޫނީ އެއްވެސް އަސާސެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [13])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 332014/SC-A/
ދަޢުވާކުރާ ފަރާތް: ޙައްވާ ޙުޒައިމާ
ދަޢުވާލިބޭ ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިޔާ
ތަދައްޚުލްވި ފަރާތް: ޙުސައިން ރަފީޢު
މައްސަލައިގެ ބާވަތް: ސާބިތު ދަރަނި
[1]މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 16 ޖޫން 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ޖުލައި 2014
ނިމުނު ތާރީޚް: 02 މެއި 2017
މައްސަލަ ނިންމި ގަޑި: 13:13
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2013/HC-A/171
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 20 މެއި 2013
ނިމުނު ތާރީޚް: 24 ފެބްރުއަރީ 2014
މައްސަލައިގެ ޚުލާޞާ
[2]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ޙައްވާ ޙުޒައިމާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.
[3]ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 (1560/MC/2010) ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތްތަކަކީ، ދަފްތަރު ނަންބަރު 2306 / މާލެ، ޙުސައިން ރަފީޢުގެ އިތުރުން، އަލް މަރްޙޫމް މަޙްމޫދު ޙުސައިންގެ ވާރިޘުންކަމުގައިވާ ޝަކީލާ އިބްރާހީމް އާއި އަޙްމަދު ޢާޞިމް އާއި އިބްރާހީމް ޢާޞިމް އާއި އިސްމާޢިލް ޢާޞިމް އާއި ޢަބްދުﷲ ޢާޞިމް އާއި ސާދު މަޙްމޫދު އާއި ޝަދީޙް މަޙްމޫދު އާއި އާމިނަތު ޢާޞިމާ އާއި ޢާއިޝަތު އާޞިމާ އާއި މަރްޔަމް ޢާޞިމް އާއި ރަޙީމާ އާޞިމް އާއި ޙައްވާ ޙުޒެއިމާ އާއި ފާޠިމަތު ޞާބިރާ އާއި މިޒްނާ މަޙްމޫދު އާއި ޢާއިޝަތު ސިދުނާ މަޙްމޫދު އާއި މާޝާ މަޙްމޫދު އާ މި 16 (ސޯޅަ) މީހުންނެވެ.
[4]މި ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްނެގުމަކަށް ދަފްތަރު ނަންބަރު 2306 / މާލެ، ޙުސައިން ރަފީޢު ތަދައްޚުލް ކުރެވިފައި ވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް
[5]މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 (1560/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުންނާއި، މައްސަލައަށް ތަދައްޚުލް ކުރެވުނު ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާ، އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
[6]1. ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކޮށްދިނުމަށް އެދި، ޙުސައިން ރަފީޢު އާއި އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ވާރިޘުންގެ މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، އެ ޤަޟިއްޔާ ބަލައި ފައިޞިލާކޮށްފައިވާ ސިވިލް ކޯޓުގެ ޙުކުމުގައި "......ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާ ޙުކުމުގައިވާ ފަދައިން ދައްކާފައި ނުވާކަން ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން ކޯޓަށް ޙާޟިރުވި ފަރާތްތަކުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްކަމާއި، ހައިކޯޓުގެ ޙުކުމުގައިވަނީ ދައްކަންޖެހޭ ފައިސާގެ ވަކި މިންވަރެއް ކަނޑައަޅާފައި ކަމަށާއި، އިތުރަށް އަރަމުންދާ އިންޓްރެސްޓެއް ނޯންނާނެ ކަމަށް ކަނޑައަޅައި ދިނުމަށާއި، ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކު ދައްކަންޖެހޭ ފައިސާގެ މިންވަރަކީ ކޮބައިކަން ކަނޑައެޅިގެން ނޫނީ މި ފައިސާ ދެއްކެން ނެތްކަމަށް ދަޢުވާލިބޭ ފަރާތްތަކުން ބުނެފައިވުމާއި، ދައްކަންޖެހޭ ފައިސާގެ ވަކި މިންވަރެއް ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވުމާއި، އިތުރަށް އިންޓްރެސްޓް އަރަމުން ދާނެކަން ޙުކުމުގައި ބަޔާންކޮށްފައި ނުވުމާއި، ދަރަނީގެ މިންވަރަކީ 882,537/27ރ. (އަށްލައްކަ އަށްޑިހަ ދެހާސް ފަސްސަތޭކަ ތިރީސް ހަތްރުފިޔާ ހަތާވީސް ލާރި) ކަން މަދަނީ ކޯޓުގެ ނަންބަރު 2010/137 ދަރަނީގެ ޗިޓުން އެނގެން އޮތުމުން، މި ދަރަންޏަކީ ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅިފައިވާ ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏެއްކަމަށް ކަނޑައަޅައި، މިބުނެވިދިޔަ، ފައިސާ ދަޢުވާކުރާ ފަރާތުން ދައްކަންޖެހެނީ ޙުސައިން ރަފީޢު އާއި މަޙްމޫދު ޙުސައިންގެ ތަރިކަ ހިފި އޭނާގެ ވާރިޘުންކަމަށް ހައިކޯޓުގެ ޙުކުމުގައި ބަޔާންވެފައި ވުމާއި، ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކު ދައްކަންޖެހޭ ފައިސާގެ މިންވަރަކީ ކޮބައިކަން ކަނޑައެޅުމަށް ދަޢުވާކުރާ ފަރާތުން އިޢުތިރާޟް ކުރާކަމަށް ބުނި ނަމަވެސް، ލޯނަށް ޔަޤީންކަންދިން ފަރާތް ނިޔާވެގެން އޭނާގެ ތަރިކަ ބަހައި ނިމުނުތާ އަހަރުތަކެއް ވެފައިވުމާއި، ލޯނަށް ޔަޤީންކަންދިން ފަރާތުގެ ގިނަ ވާރިޘުންތަކެއް ތިބުމާއި، އެއިން ކޮންމެ މީހަކުވެސް ވަކިން ދިރިއުޅުން ފަށައިގެން މާލީ ގޮތުން މުސްތަޤިއްލު ވެފައިވުމުން، އެންމެ ޢަދުލުވެރި ގޮތަކީ ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކު ދައްކަންޖެހޭ ފައިސާގެ މިންވަރަކީ ކޮބައިކަން ކަނޑައެޅުންކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ލޯނު ހަމަހަމައަށް ދެ ބައިކޮށް، އޭގެ އެއްބައިކަމުގައިވާ 441,268/64ރ. (ހަތަރުލައްކަ ސާޅީސް އެއްހާސް ދުއިސައްތަ ފަސްދޮޅަށް އަށްރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އަކީ ލޯނު ނެގި ޙުސައިން ރަފީޢު ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާ ކަމަށާއި، ބާކީއޮތް 441,268/63ރ. (ހަތަރުލައްކަ ސާޅީސް އެއްހާސް ދުއިސައްތަ ފަސްދޮޅަސް އަށްރުފިޔާ ފަސްދޮޅަސް ތިން ލާރި) އަކީ މި މުޢާމަލާތުގައި ޔަޤީންކަންދިން އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ވާރިޘުން ތަރިކަ ހިފި ނިސްބަތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާ ކަމަށާއި، މިގޮތުން، މަޙްމޫދު ޙުސައިންގެ ވާރިޘުންކުރެ ހުވަފަތް އަނބި، ހ. ޑޯންޑިވް ޝަކީލާ އިބްރާހީމް ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ޢަދަދަކީ 55,158/64ރ. (ފަންސާސް ފަސްހާސް އެއްސަތޭކަ ފަންސާސް އަށްރުފިޔާ ފަސްދޮޅަށް ހަތަރު ލާރި) ކަމާއި، މަޙްމޫދު ޙުސައިންގެ ވާރިޘުންކުރެ 06 (ހައެއް) ފިރިހެން ދަރިން ކަމުގައިވާ އަޙްމަދު ޢާޞިމް، އިބްރާހީމް ޢާޞިމް، އިސްމާޢިލް ޢާޞިމް، ޢަބްދުﷲ ޢާޞިމް، ސާދު މަޙްމޫދު، ޝަދީޙް މަޙްމޫދު އާއި މި 06 (ހައެއް) މީހުންކުރެ ކޮންމެ މީހަކު ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ޢަދަދަކީ 36,772/38ރ. (ތިރީސް ހަހާސް ހަތްސަތޭކަ ހަތްދިހަ ދެރުފިޔާ ތިރީސް އަށް ލާރި) ކަމާއި މަޙްމޫދު ޙުސައިންގެ ވާރިޘުންކުރެ 09 (ނުވައެއް) އަންހެން ދަރިން ކަމުގައިވާ އާމިނަތު ޢާޞިމާ، ޢާއިޝަތު އާޞިމާ، މަރްޔަމް ޢާޞިމް، ރަޙީމާ އާޞިމް، ޙައްވާ ޙުޒެއިމާ، ފާޠިމަތު ޞާބިރާ، މިޒްނާ މަޙްމޫދު، އާއިޝަތު ސިދުނާ މަޙްމޫދު، މާޝާ މަޙްމޫދު އާއި މި 09 (ނުވައެއް) މީހުންކުރެ ކޮންމެ މީހަކު ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ޢަދަދަކީ 18,386/19ރ. (އަށާރަހާސް ތިންސަތޭކަ އަށްޑިހަ ހަރުފިޔާ ނަވާރަ ލާރި) ކަމަށް ކަނޑައަޅައި، މިއަދު (03 ޖެނުއަރީ 2013) އިން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައި ބުނެވިދިޔަ މަގުން މި ފައިސާ ސިވިލް ކޯޓަށް ދައްކައި ނިންމުމަށާއި، ތަންފީޛުކުރަންޖެހޭ ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް ދަޢުވާލިބޭ ފަރާތްތަކަށް އަންގައި، ދަޢުވާ ލިބޭ ޙުސައިން ރަފީޢު އާއި މަރްޙޫމް މަޙްމޫދު ޙުސައިންގެ 16 (ސޯޅަ) ވާރިޘުންކުރެ ސާދު މަޙްމޫދު، ސަދީޙް މަޙްމޫދު، ފާޠިމަތު ޞާބިރާ، މިޒްނާ މަޙްމޫދު، ޢާއިޝަތު ސިދުނާ މަޙްމޫދު، މާޝާ މަޙްމޫދު އާއި ޝަކީލާ އިބްރާހީމްގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފީމެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަން އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
[7]2. ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2006/HC-A/25 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުމުން ސިވިލް ކޯޓުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާގެ ޙުކުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ނުފެންނާތީ، ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް ހ. ފިލިމާގޭ ޙުސައިން ރަފީޢު އަށާއި އަލްމަރްޙޫމް މަޙްމޫދު ޙުސައިން ނިޔައުވުމަށްފަހު އޭނާގެ ތަރިކައާ ޙަވާލުވެފައިވާ އޭނާގެ ވާރިޘުންނަށް އަންގައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
[8]3. ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2013/HC-A/171 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، އެ ސަބަބުތަކާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލާގައި ހިމެނޭ ވަޤާއިޢުތަކުގެ މައްޗަށް ދަށު ކޯޓުންނާއި ހައިކޯޓުން ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ނަޒަރުކުރިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
[9](ހ) ފުރަތަމަ ކަމަކީ، މި މައްސަލައިގެ މައުޟޫޢަށް ބަލާއިރު، މިއީ، އަލްމަރްޙޫމް މަޙްމޫދު ޙުސައިން ދީފައިވާ ގެރެންޓީގެ މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ހ. ފިލިމާގޭ ޙުސައިން ރަފީޢުއަށް ދޫކޮށްފައިވާ އޯވަރޑްރާފްޓުގެ އެކައުންޓުގައި 30 ޖޫން 2003 ގެ ނިޔަލަށް ދައްކަންޖެހި ނުދެއްކިވާ 882,537/27ރ. (އަށްލައްކަ އަށްޑިހަ ދެހާސް ފަސްސަތޭކަ ތިރީސް ހަތްރުފިޔާ ހަތާވީސް ލާރި) މަދަނީ ކޯޓަށް ދައްކާ ޚަލާޞްކުރުމަށް އަލްމަރްޙޫމް މަޙްމޫދު ޙުސައިން ނިޔައުވުމަށްފަހު އޭނާގެ ތަރިކައާ ޙަވާލުވެފައިވާ އޭނާގެ ވާރިޘުންގެ އިތުރަށް ހ. ފިލިމާގޭ ޙުސައިން ރަފީޢު އަށް އަންގައި ހައިކޯޓުގެ ނަންބަރު2006/HC-A/25 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ އެއްގޮތަށް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ އެ ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި ސްޓޭޓެ ބޭންކް އޮފް އިންޑިއާގެ ފަރާތުން ޙުސައިން ރަފީޢު އާއި އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ވާރިޘުންގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައެއްކަން ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، 25 ޖޫން 2007 ގައި ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2006/HC-A/25 ޤަޟިއްޔާއަކީ، އެއިރު ޤާއިމުވެފައި އޮތް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް އިލްތިމާސްކުރުމުގެ ނިޒާމުގެ ދަށުން އިލްތިމާސްކުރުމަށް ހުށަހެޅި، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް އައިސްފައިވާ ޤަޟިއްޔާއެއް ނޫންކަން ދެފަރާތުގެ ބަހުން އެނގެން އޮންނާތީ، އެ ޤަޟިއްޔާގައި ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު (res judicata) ލިބިގެންވާ ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއްކަން އެނގެން އޮންނަ އޮތުމެވެ.
[10](ށ) ދެވަނަ ކަމަކީ، ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމި، ނުވަތަ އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތުން، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށް ދޫކޮށްލުމުގެ ސަބަބުން، ނިހާއީ ޙުކުމަށްވެ، ފައިޞަލާކުރަނިވި ބާރު ލިބިފައިވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމަކީ މަދަނީ ޚުޞޫމަތްތަކަށް ލިބިދެވޭ ޤަޟާއީ ޙައްލުތައް އިސްތިޤުރާރު ވެގެންދިއުމަށް ހުރަސްއެޅިގެންދާ ކަމަކަށް ވާތީއާ، އަދި ފައިޞަލާކުރަނިވި ނިހާއީ ޙުކުމަކީ ޙަޤީޤަތުގައި އެއާ ޚިލާފަށް ޘާބިތުކުރުން އެއްވެސް ކޯޓެއްގައި ހުއްދަވެގެންނުވާ ޤަޠްޢީ ޤާނޫނީ ޤަރީނާއަކަށް ވާތީ، އެފަދަ މައްސަލައެއް އަލުން ބެލުމުގެ އިޚްތިޞާޞް އެއްވެސް ކޯޓަކަށް ލިބިގެން ނުވާކަމާ، މިގޮތުން ބަލާއިރު، ޤަޟާއީ ޙުއްޖިއްޔަތު ލިބި، ކަނޑައެޅިނިޔާގެ ބާރު ލިބިފައިވާ ފައިޞަލާކުރަނިވި މަދަނީ ޙުކުމްތަކަކީ އޭގެ ޒާތުގައި ތަންފީޒީ ބާރުލިބިގެންވާ ޙުކުމްތަކެއްކަމާއި، އެފަދަ ޙުކުމެއް ތަންފީޒުކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުން އެ ޙުކުމުން ފައިޞަލާކޮށްފައިވާ ކަންތައް ޝަރީޢަތުގެ މަޖިލީހެއްގައި އަލުން ބަލައި ފައިޞަލާކުރުމަކީ އިސްތިޤުރާރުވެފައިވާ މަދަނީ އިޖްރާއާތުގެ އުޞޫލުތަކާ ޚިލާފު ކަމެއްކަން އެނގެން އޮންނައިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމުގެ ޞައްޙަކަމާ މެދު ޠަޢުނުކޮށް، އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ބައެއް ވާރިޘުންގެ ފަރާތުން ޙަވާލާދެވުނު ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާ އާއި، ހައިކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާގެ އިތުރުން، ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތުގައި، މި މައްސަލައިގެ މައުޟޫޢަށް ފައިޞަލާކުރުމުގައި އެއްވެސް ޙުއްޖަތެއް ޤާއިމުކުރެވިދާނެ ވާހަކަތަކެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމެވެ.
[11](ނ) ތިންވަނަ ކަމަކީ، ކަނޑައެޅިނިޔާގެ ބާރު ލިބިފައިވާ ފައިޞަލާކުރަނިވި މަދަނީ ޙުކުމެއް ތަންފީޒުކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުން، އެ ޙުކުމުން ފައިޞަލާކޮށްފައިވާ ވާޤިޢާތައް އަލުން ބަލައި ފައިޞަލާކުރުމަކީ ތަންފީޒީ ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވިނަމަވެސް، އެ ޙުކުމުން ފައިޞަލާކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ ޙުކުމް ތަންފީޒުކުރުމަށް ލާޒިމްވާ ޝަރްޠަކާ، ނުވަތަ އިޖްރާއާތަކާ ގުޅިގެން އުފެދޭ "ތަންފީޒީ އިޝްކާލާތު" (enforcement complications) އާ ގުޅޭ ޚުޞޫމަތްތަކަށް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޤަޟާއީ އަވަސް ޙައްލު ހޯދައިދިނުމަކީ ކަމާބެހޭ ތަންފީޒީ ކޯޓުގެ އިޚްތިޞާޞެއްކަން އެނގެން އޮންނަ އޮތުމެވެ.
[12](ރ) ހަތަރުވަނަ ކަމަކީ، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު އެއް އަސާސަކީ 19 އޮކްޓޯބަރ 1997 ގައި ސްޓޭޓޭ ބޭންކް އޮފް އިންޑިއާ އާއި، މަޙްމޫދު ޙުސައިން އާއި، އަދި ޙުސައިން ރަފީޢު އާ ދެމެދު ސޮއި ކުރެވުނު "ލެޓަރ އޮފް މޯރގޭޖް އެންޑް ހައިޕޮތަކޭޝަން" (ރަހުނު އެއްބަސްވުން) ގެ 07 ވަނަ މާއްދާގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ޙުސައިން ރަފީޢުއަށް ދޫކޮށްފައިވާ ލޯނު (އޯވަރ ޑްރާފްޓް) ގެ ފައިސާ އަދާކުރުމުގެ ޒިންމާ ޙުސައިން ރަފީޢުއާ އެކު ތަޟާމުނީ (jointly) ކޮށް އަދި ވަކިވަކިން ފަރްދީކޮށް (severally) އުފުލުމަށް މަޙްމޫދު ޙުސައިން ދީފައިވާ ގެރެންޓީގެ މައްޗަށް ރިޢާޔަތްކޮށް، އެ ލޯނުގެ ފައިސާ ހޯދުމަށް ޙުސައިން ރަފީޢުއާއި މަޙްމޫދު ޙުސައިންއާ ދެމީހުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ވަކި ވަކިންނާ، އަދި އެކު އެކީ ދަޢުވާކުރުމުގެ ޙައްޤު ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ލިބިފައިވުމުގެ އަސާސްކަން އެނގެން އޮންނަ ކަމާއި، ދަރަންޏެއް އަދާކުރުމަށް ދަރަނި ނަގާފަރާތާއެކު ތަޟާމުނީކޮށް އަދި ފަރްދީކޮށް ދެވޭ ގެރެންޓީ ނުވަތަ "ޟަމާން" ގެ ޤާނޫނީ މަފްހޫމަކީ ދަރަނި ނަގާފަރާތެކޭ އެއްފަދައިން ދަރަންޏަށް ގެރެންޓީ ދޭފަރާތުން އެ ދަރަނި އެއްކޮށް އަދާކުރުމުގެ ފުރިހަމަ ޒިންމާއާއި އިލްތިޒާމް އުފުލުން ކަމާ، އެހެންކަމުން ދަރަނި ނަގާ ފަރާތުން ދަރަނި އަދާކުރުމަށް ނުކުޅެދޭ ޙާލަތުގައި އެ ދަރަންޏަށް ގެރެންޓީ ދިން ފަރާތުން އެ ދަރަނި އެއްކޮށް އަދާކުރުމުގެ ޤާނޫނީ އިލްތިޒާމު އުފުލަންވާނެ ކަމާ، އަދި އެ ޙާލަތުގައި އެ ދަރަނި އެއްކޮށް ހޯދުމަށް ގެރެންޓީދިން ފަރާތުގެ މައްޗަށް ވަކިން ދަޢުވާކުރުމުގެ ޙައްޤު ދަރަނި ދޫކުރި ފަރާތަށް ލިބިގެންވާކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ މަދަނީ އަދި ތިޖާރީ ޤާނޫނުތަކުގައި އިސްތިޤްރާރުވެފައިވާ ދަރަންޏަށް ގެރެންޓީ ދިނުމާބެހޭ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ޙުސައިން ރަފީޢު އަށް ދޫކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ލޯނަށް މަޙްމޫދު ޙުސައިންގެ ފަރާތުން ގެރެންޓީ ދީފައިވަނީ އެ ލޯނުގެ ފައިސާ އެއްކޮށް އަދާކުރުމަށް ކަމުގައިވާއިރު، ލޯނު ނެގިފަރާތުން ލޯނުގެ ފައިސާ ދެއްކުމަށް ނުކުޅެދޭ ޙާލަތުގައި އެ ފައިސާ އެއްކޮށް އަދާކުރުމުގެ ޤާނޫނީ ޒިންމާ އަކީ މަޙްމޫދު ޙުސައިންގެ ފަރާތުން އުފުލަންޖެހޭ ޒިންމާއެއްކަން އެނގެން އޮންނަ ހިނދު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން، އެ ޙުކުމުގައި ލޯނު ނެގިފަރާތް ކަމުގައިވާ ޙުސައިން ރަފީޢު އަށާއި، ލޯނަށް ގެރެންޓީ ދިން ފަރާތް ކަމުގައިވާ މަޙްމޫދު ޙުސައިން ނިޔައުވެފައިވާތީ އޭނާގެ ތަރިކަ ވާރުތަވި އޭނާގެ ވާރިޘުން "ތަޟާމުނީ" ކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަން އަންގާފައިވާ ދަރަނީގެ ފައިސާ، ބޭންކުގެ އެއްވެސް ރުހުމަކާ ނުލައި ހަމަޔަށް ދެބައިކޮށް ލޯނު ނެގި ފަރާތްކަމުގައިވާ ޙުސައިން ރަފީޢު އަށް ދަރަނީގެ ދެބައިކުޅަ އެއްބައި ޒިންމާ ކުރުވައި، އަދި ލޯނަށް ގެރެންޓީ ދިން ފަރާތުގެ ޙައިޘިއްޔަތުން އަލް މަރްޙޫމް މަޙްމޫދު ޙުސައިންގެ ޒިންމާ ޤާނޫނީގޮތުން ނަޤުލުވެފައިވާ އޭނާގެ ވާރިޘުންނަށް ދަރަނީގެ އަނެއްބައި ޒިންމާ ކުރުވައި، ލޯނު ނެގިފަރާތާއި، ލޯނަށް ގެރެންޓީ ދިން ފަރާތާއި ދެފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތު "ޤައިދު" (limit) ކުރަނިވި އުޞޫލަކުން ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 725/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ އަސާސްތަކަކީ ބުނެވިދިޔަ ރަހުނު އެއްބަސްވުމުގެ 7 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު، އަދި އިސްތިޤުރާރުވެފައިވާ ތަޟާމުނީކޮށް ދަރަންޏަށް ގެރެންޓީ ދިނުމުގެ ޢާންމު އުޞޫލުތަކާވެސް ޚިލާފު އަސާސްތަކަކަށްވާތީ، ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަކަށް ކޮށްފައިވާ ޙުކުމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
[13](ބ) ފަސްވަނަ ކަމަކީ، ދެބައިވެރިއެއްގެ ނުވަތަ އެއަށްވުރެ ގިނަ ބައިވެރިންގެ މެދުގައި ކުރެވޭ ޢަޤުދު ނުވަތަ ކޮންޓްރެކްޓުގެ "އަޘަރު" (effect) އެ ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމަށް ފަހު އޭނާގެ "އަލް ޚަލަފުލް ޢާންމު" (Universal Successor) ގެ ގޮތުގައި ބެލެވޭ އޭނާގެ ވާރިޘުންނަށް ނަޤުލު ވުމުގެ އުޞޫލަކީ އިސްލާމީ ފިޤުހާއި އެނޫންވެސް ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިންތިޒާމުކުރެވި އެއަށް ޢަމަލުކުރެވޭ އުޞޫލެއްކަމާއި، އެ އުޞޫލުގެ މަފްހޫމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމަށްފަހު، އެ ކޮންޓްރެކްޓަކުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް އުޞޫލެއްގެ ގޮތުގައި ނަޤުލުވެގެން ދިއުންކަމާ، ނަމަވެސް އެގޮތުގެ މަތިން ކޮންޓްރެކްޓުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް ވާރިޘުންނަށް ނަޤުލު ނުވާ ޙާލަތްތަކެއް ވާކަމާއި؛ އޭގެ ތެރޭގައި، ކޮންޓްރެކްޓުގެ އަޞްލު ބައިވެރިންގެ މެދުގައި އެ ޙައްޤުތަކާއި އިލްތިޒާމުތައް ވާރިޘުންނަށް ނަޤުލު ނުވާނެކަމަށް އެއްބަސްވެފައިވުމާއި، ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކޮންޓްރެކްޓުގެ އަޘަރު ވާރިޘުންނަށް ވަކި ޙާލަތްތަކެއްގައި ނަޤުލު ނުވާނޭކަމަށް ކަނޑައަޅައިފައިވުމާ، ނުވަތަ ކޮންޓްރެކްޓުގެ ޠަބީޢަތުގެ ގޮތުން އެ ކޮންޓްރެކްޓުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް ވާރިޘުންނަށް ނަޤުލުވުމަކީ އެކަށީގެންވާކަމަކަށް ނުވުންފަދަ ޙާލަތްތައް ޝާމިލުވެގެންވާކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ ޤާނޫނުތަކުގަޔާއި، ޤަޟާއީ ޕްރެކްޓިސްތަކުގައި އިސްތިޤުރާރުވެފައިވާ މުވައްރިޘުގެ ތަޢާޤުދީ އިލްތިޒާމްތައް ވާރިޘުންނަށް ނަޤުލުވުމާ ބެހޭ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2006/HC-A/25 ޤަޟިއްޔާގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ޙުސައިން ރަފީޢުއަށް ދޫކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ލޯނަށް ގެރެންޓީ ދިން ފަރާތްކަމުގައިވާ މަޙްމޫދު ޙުސައިން ނިޔައުވެފައިވާތީ، ގެރެންޓަރުގެ ޙައިޘިއްޔަތުން އޭނާ އުފުލާފައިވާ ޒިންމާ އޭނާގެ ތަރިކަ ވާރުތަވި ވާރިޘުންނަށް ނަޤުލުވެފައިވާކަމަށް ކަނޑައަޅައި، އޭގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާއިން ޘާބިތުވެފައިވާ ދަރަނި ސްޓޭޓޭ ބޭންކް އޮފް އިންޑިއާ އަށް ދައްކައި ޚަލާޞް ކުރުމަކީ ލޯނު ނެގިފަރާތް ކަމުގައިވާ ޙުސައިން ރަފީޢުއެކޭ އެއްފަދައިން ލޯނަށް ގެރެންޓީދިން ފަރާތުގެ ވާރިޘުންގެވެސް ޒިންމާ އެއްކަމަށް ކަނޑައަޅާފައިވާއިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2006/HC-A/25 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 2004/MC/1484 ޤަޟިއްޔާއިން މަޙްމޫދު ޙުސައިންގެ ތަރިކައިގެ މައްސަލަ ބަލައި، މަޙްމޫދު ޙުސައިންގެ ވާރިޘުންގެ މެދުގައި އޭނާގެ ތަރިކަ ބަހައި ނިމުނު ފަހުންކަން އެނގެން އޮންނަކަމާ، އެގޮތުގެމަތިން މަޙްމޫދު ޙުސައިންގެ ވާރިޘުންގެ މެދުގައި އޭނާގެ ތަރިކަ ބަހައި ނިމި، ކޮންމެ ވާރިޘަކީވެސް ޤާނޫނީގޮތުން މުސްތަޤިއްލު "މާލީ ޒިންމާ" (financial assets) އެއްގެ ވެރިއަކަށް ވުމަށްފަހު، މަޙްމޫދު ޙުސައިން އުފުލަންޖެހިފައިވާ، ބުނެވުނު މާލީ އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް ނަޤުލުވެގެންދާ ޙާލަތުގައި އޭނާގެ ވާރިޘުންގެ ތެރޭގައި އެކަކަށް ވުރެ ގިނަ ވާރިޘުން ތިބިނަމަ، ކޮންމެ ވާރިޘަކަށްވެސް ބުނެވިދިޔަ އިލްތިޒާމްތައް ނަޤުލުވެގެންދާނީ އެ ވާރިޘަކަށް މަޙްމޫދު ޙުސައިންގެ ތަރިކައިން ލިބުނު މިންވަރެއްގެ ނިސްބަތުންކަން އިސްލާމީ ފިޤުހާއި ކުރިއަރާފައިވާ ގިނަ ޖުރިސްޑިކްޝަންތަކުގެ ޤާނޫނުތަކާއި ޤަޟާއީ ޕްރެކްޓިސްތަކުގައި މުވައްރިޘުގެ މާލީ އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް ނަޤުލުވާ ޙާލަތުގައި ޢަމަލުކުރެވޭ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގައި އެ ޙުކުމުގައި ކަނޑައަޅައިފައިވާ ދަރަނީގެ ފައިސާ ސްޓޭޓެ ބޭންކް އޮފް އިންޑިއާއަށް ދައްކައި ޚަލާސްކުރުމަށް އެ ދަރަނި ނެގި ފަރާތް ކަމުގައިވާ ޙުސައިން ރަފީޢު ނުކުޅެދޭ ޙާލަތުގައި، އޭނައާއެކު ތަޟާމުނީކޮށް އެ ދަރަނި އަދާކުރުމަށް މަޙްމޫދު ޙުސައިން އެއްބަސްވެފައި ވީނަމަވެސް އޭނާ ނިޔައުވުމަށް ފަހު އޭނާގެ ވާރީޘުންނަށް އެ ދަރަނި އަދާކުރުމުގެ ޒިންމާ ނަޤުލުވެގެންދާ ހިނދު، އެ ދަރަނީގެ ފައިސާގެ ތެރެއިން ކޮންމެ ވާރިޘެއްގެ މައްޗަށް ފަރްދީކޮށް ވަކިން (severally) ދެއްކުން ލާޒިމްވެގެންވާނީ އެ ވާރިޘަކަށް މަޙްމޫދު ޙުސައިންގެ ތަރިކައިން ލިބުނު މިންވަރެއްގެ ނިސްބަތުން އެ ޙުދޫދުގެ ތެރޭގައި ކަމާއި، އެއާ ޚިލާފަށް ކޮންމެ ވާރިޘަކީ މުސްތަޤިއްލު ގެރެންޓަރއެއް ކަމަށް ބަލައި، ތަޟާމުނީކޮށް މުޅި ދަރަންޏަށް ކޮންމެ ވާރިޘަކު ވަކިވަކިން ޒިންމާ އުފުލަންޖެހޭނެ ޝަރްޢީ އަދީ ޤާނޫނީ އެއްވެސް އަސާސެއް ނެތްއިރު، ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާ އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާގައި މަޙްމޫދު ޙުސައިންގެ ތަރިކަ ވާރުތަވި އޭނާގެ ވާރިޘުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކަންޖެހޭ ކަމަށް ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާއިން ކަނޑައަޅައިފައިވާ ދަރަނީގެ ފައިސާއަކީ ދަރަނި ނެގި ޙުސައިން ރަފީޢުއާ އެކު، ހުރިހައި ވާރިޘުން ތަޟާމުނީކޮށް އަދާކުރަންޖެހޭ ފައިސާއެއްކަމަށާއި، އެ ފައިސާ އެއްކޮށް ދައްކާ ޚަލާޞް ނުކުރެވޭހާ ހިނދަކު އެއިން އެއްވެސް ވާރީޘެއް އެ ދަރަނި އަދާކުރުމުގެ ޒިންމާއިން ބަރީޢަ ނުވާނެކަމަށް ބަލައި، އޭގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2013/HC-A/171 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ޙުކުމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
[14](ޅ) ހަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/171 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއިން އިލްތިމާސް ކުރުމަށް ހުށަހެޅިފައި ވަނިކޮށް، ސިވިލް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 725/Cv-C/2010 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ބައެއް ވާރިޘުންގެ ފަރާތުން ސިވިލް ކޯޓަށް ފައިސާ ދައްކައިފައިވާ ކަމާ، މިގޮތުން، އަޙްމަދު ޢާޞިމް އާއި، އިބްރާހީމް ޢާޞިމް އާއި، އިޞްމާޢީލް ޢާޞިމް އާއި، ޢަބްދު ﷲ ޢާޞިމް އާ، މި 4 (ހަތަރު) މީހުން ކުރެ ކޮންމެ މީހަކު 36,772.38 ރ. (ތިރީސް ހަހާސް ހަތްސަތޭކަ ހަތްދިހަ ދެރުފިޔާ ތިރީސް އަށް ލާރި) އާއި، އަދި އާމިނަތު ޢާޞިމާ އާއި، އައިޝަތު ޢާޞިމާ އާއި، މަރްޔަމް ޢާޞިމް އާއި، ރަޙީމާ ޢާޞިމް އާއި، ޙައްވާ ޙުޒައިމާ އާއި، ފާޠިމަތު ޞާބިރާ އާއި، މިޒްނާ މަޙްމޫދު އާއި، ޢާއިޝަތު ސިދުނާ މަޙްމޫދު އާ މި 8 (އަށް) މީހުން ކުރެ ކޮންމެ މީހަކު 18,386.19ރ. (އަށާރަހާސް ތިންސަތޭކަ އަށްޑިހަ ހަރުފިޔާ ނަވާރަ ލާރި) ގެ މަގުން، މުޅި ޖުމްލަ 294,179.04ރ. (ދެލައްކަ ނުވަދިހަ ހަތަރުހާސް، އެއް ސަތޭކަ ހަތަދިހަނުވަ ރުފިޔާ ހަތަރު ލާރި) މަޙްމޫދު ޙުސައިންގެ އިސްވެ ބަޔާންކުރެވުނު ވާރިޘުންގެ ފަރާތުން ސިވިލް ކޯޓަށް ދައްކާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު : 29/2017/197/144-REC (27 އޭޕްރީލް 2017) ސިޓީއިން އެނގެން އޮންނަ އޮތުމެވެ.
[15]4. އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2006/HC-A/25 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން، އެ ޙުކުމުގައި ލޯނު ނެގިފަރާތް ކަމުގައިވާ ޙުސައިން ރަފީޢު އާއި، ލޯނަށް ގެރެންޓީ ދިން ފަރާތް ކަމުގައިވާ މަޙްމޫދު ޙުސައިން ނިޔައުވެފައިވާތީ އޭނާގެ ތަރިކަ ވާރުތަވި އޭނާގެ ވާރިޘުން "ތަޟާމުނީ" ކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަން އަންގާފައިވާ ދަރަނީގެ ފައިސާ ބޭންކުގެ އެއްވެސް ރުހުމަކާ ނުލައި، ހަމަޔަށް ދެބައިކޮށް ލޯނު ނެގި ފަރާތްކަމުގައިވާ ޙުސައިން ރަފީޢު އަށް ދަރަނީގެ ދެބައިކުޅަ އެއްބައި ޒިންމާ ކުރުވައި، އަދި ލޯނަށް ގެރެންޓީ ދިން ފަރާތުގެ ޙައިޘިއްޔަތުން އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ޒިންމާ ޤާނޫނީގޮތުން ނަޤުލުވެފައިވާ އޭނާގެ ވާރިޘުންނަށް ދަރަނީގެ އަނެއް ބައި ޒިންމާ ކުރުވައި، ލޯނުނެގި ފަރާތާއި، ލޯނަށް ގެރެންޓީ ދިން ފަރާތާއި ދެފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތު "ޤައިދު" (limit) ކުރަނިވި އުޞޫލަކުން ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 725/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ އަސާސްތަކަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އަސާސްތަކަކަށްވާތީ، ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ އެ ޙުކުމާއި، އަދި ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާއިން ކަނޑައަޅައިފައިވާ ދަރަނީގެ ފައިސާއަކީ ދަރަނި ނެގި ޙުސައިން ރަފީޢުއާ އެކު، ދަރަންޏަށް ގެރެންޓީ ދިން މަޙްމޫދު ޙުސައިންގެ ވާރިޘުންގެ ތެރެއިން ކޮންމެ ވާރިޘަކުވެސް މުޅި ދަރަންޏަށް ޒިންމާ އުފުލަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި އޭގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނަންބަރު2013/HC-A/171 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ޙުކުމަކަށް ނުވާތީ އެ ޙުކުމާ، މި ދެ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް ފެނެއެވެ.
ޙުކުމް:
[16]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 (1560/MC/2010) ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ނަންބަރު2013/HC-A/171 ޤަޟިއްޔާގެ ޙުކުމާ، މި ދެ ޙުކުމަކީ ބާޠިލު ޙުކުމްތަކެއް ކަމަށް ކަނޑައަޅައި،
[17]ހައިކޯޓުގެ ނަންބަރު 2006/HC-A/25 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ އެއްގޮތަށް، އެ ޙުކުމުގައި ކަނޑައަޅައިފައިވާ ދަރަނީގެ ފައިސާ، 882,537/27ރ. (އަށްލައްކަ އަށްޑިހަ ދެހާސް ފަސްސަތޭކަ ތިރީސް ހަތްރުފިޔާ ހަތާވީސް ލާރި) ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އަދާކުރުމަށްޓަކައި، ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަކީ ލޯނު ނެގި ފަރާތް ކަމުގައިވާ ދަފްތަރު ނަންބަރު 2306 / މާލެ، ޙުސައިން ރަފީޢު އާއި، ލޯނަށް ގެރެންޓީ ދީފައިވާ އަލް މަރްޙޫމް މަޙްމޫދު ޙުސައިންގެ ވާރިޘުންގެ ޒިންމާއެއް ކަމަށް ކަނޑައަޅައި، ބުނެވިދިޔަ ދަރަނީގެ ފައިސާގެ ތެރެއިން، އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ވާރިޘުންގެ ތެރެއިން ކޮންމެ ވާރިޘެއްގެ މައްޗަށް ފަރްދީކޮށް ވަކިވަކިން އަދާކުރުން ލާޒިމްވެގެންވަނީ، ކޮންމެ ވާރިޘަކަށް އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ތަރިކައިން ލިބުނު މިންވަރެއްގެ ނިސްބަތުންކަމަށް ކަނޑައެޅުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 725/Cv-C/2010 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އަލްމަރްޙޫމް މަޙްމޫދު ޙުސައިންގެ ބައެއް ވާރިޘުން ސިވިލް ކޯޓަށް ދައްކާފައިވާ ބަޔާންކުރެވިދިޔަ ފައިސާއަކީ، އެ ވާރިޘަކު ބުނެވިދިޔަ އުޞޫލުގެ މަތިން ދައްކަންޖެހޭ ޖުމްލަ ފައިސާއިން އުނިކުރަންޖެހޭނެ ފައިސާއެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
- 2006/HC-A/25
- 2004/MC/1484
- ބެންޗު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އާދަމް މުޙައްމަދު ޢަބްދުﷲ
- ރިޔާސަތު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 16 ޖޫން 2014 · ރަޖިސްޓްރީކުރީ 20 ޖުލައި 2014 · ނިމުނީ 2 މޭ 2017 (33.4 މަސް)