ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/20
ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް، 2009/SC-A/20
Hassan Aleemaniku v. Ahmed Janaah 2009/SC-A/20 (2009/SC-A/20, Supreme Court of the Maldives, 14 January 2010)
ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް
މައްސަލައިގެ ޚުލާޞާ
ހައިކޯޓުން ނަންބަރު 2008/HC-A/63 ޤަޟިއްޔާގައި ކަނޑައެޅީ، ލަސްވި ކޮންމެ މަހަކަށް 15% ދެއްކުމަށް ވެފައިވާ އެއްބަސްވުމަކީ ދަރަންޏަށް ނަގާ އިންޓަރެސްޓެއް ނޫން، ޞައްޙަ ޖޫރިމަނާގެ މުޢާމަލާތެއް ކަމަށެވެ. އަދި 30,000 ޔޫ.އެސް ޑޮލަރު އަޙްމަދު ޖަނާޙަށް ދެއްކުމަށް ޙަސަން ޢަލީމަނިކަށް ޙުކުމްކުރިއެވެ.
އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް އަޙްމަދު ޖަނާޙުގެ 33% ޙިއްޞާ ޙަސަން ޢަލީމަނިކަށް 700,000 ޔޫ.އެސް ޑޮލަރަށް ވިއްކުމަށް 8 ފެބްރުއަރީ 2007 ގައި އެއްބަސްވިއެވެ. ފުރަތަމަ އިންސްޓޯލްމަންޓް 100,000 ޔޫ.އެސް ޑޮލަރު ދައްކާފައިވަނީ އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ މުއްދަތަށްވުރެ 2 މަސް ދުވަސް ފަހުން ކަމަށްވާތީ، ލަސްވި ކޮންމެ މަހަކަށް 15% އިތުރަށް ދައްކަން ޖެހޭނެ ކަމަށް އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވާ ގޮތުން، އަޙްމަދު ޖަނާޙް ފައިސާ ހޯދުމަށް ދަޢުވާކުރިއެވެ.
ޙަސަން ޢަލީމަނިކު ބުނީ، އެއްބަސްވުމުގައި ސޮއިކުރި ދުވަހު ދިވެހި ރުފިޔާގެ ދެ ޗެކް ދީ، އެ ޗެކްތައް ޑޮލަރު ޗެކަށް ބަދަލުކޮށްދޭގޮތަށް ދެފަރާތް ލިޔުމެއްގައި ސޮއިކޮށްފައިވާއިރު، ހައިކޯޓުން އެ ލިޔުމަށް ނުބަލައި ޙުކުމްކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ޙިއްޞާ ވިއްކުމުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ މުއްދަތުގައި ފުރަތަމަ އިންސްޓޯލްމަންޓް ނުދެއްކުމުން، އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވާ 15% އިތުރަށް ދައްކަން ޖެހޭތޯ، އަދި ދިވެހި ރުފިޔާގެ ޗެކާ ގުޅޭ ލިޔުމުގެ ސަބަބުން އެ ޒިންމާއިން ބަރީއަވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ފާހަގަކުރީ، ޙަސަން ޢަލީމަނިކު ހުށަހެޅި ލިޔުމަކީ ފުރަތަމަ އިންސްޓޯލްމަންޓް މުއްދަތުގައި ދައްކަން ނުޖެހޭގޮތަށް ވެވުނު އެއްބަސްވުމެއް ނޫންކަމާއި، ޙިއްޞާ ވިއްކުމުގެ މުޢާމަލާތް ކުރާނީ ޔޫ.އެސް ޑޮލަރުން ކަން އެ ލިޔުމުންވެސް އެނގޭކަމާއި، އޭގައިވަނީ ޙަސަން ޢަލީމަނިކު އަމިއްލައަށް ވެފައިވާ ވަޢުދެއް ކަމަށްވާތީ އަޙްމަދު ޖަނާޙް ބަނދެވޭ ލިޔުމެއް ނޫންކަމެވެ. އެހެންކަމުން އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ ޒިންމާއިން ޙަސަން ޢަލީމަނިކު ބަރީއަ ނުވާތީ، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/20
ދަޢުވާކުރާ ފަރާތް: ޙަސަން ޢަލީމަނިކު
ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޖަނާޙް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 31 މެއި 2009
ނިމުނު ތާރީޚް: 14 ޖެނުއަރީ 2010
މައްސަލަ ނިންމި ގަޑި: 10:50
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މުޖްތާޒް ފަހުމީ
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/63
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 26 ފެބްރުއަރީ 2008
ނިމުނު ތާރީޚް: 01 އޭޕްރީލް 2009
މައްސަލައިގެ ޚުލާޞާ
[1]މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/63 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިލްތިމާސްކުރުމަށް އެދި ހ. ކާމިނީޕޫލްގެ ޙަސަން ޢަލީމަނިކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
[2]ހައިކޯޓުގެ ނަންބަރު 2008/HC-A/63 ޤަޟިއްޔާ ނިމިފައިވާގޮތަށް ބަލާއިރު، ނަންބަރު 2008/HC-A/63 ޤަޟިއްޔާގެ ޙުކުމްގައި ވަނީ "ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، 08 ފެބްރުއަރީ 2007 ދުވަހު ޖަނާޙާއި ޢަލީމަނިކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީމަނިކު، އަޙްމަދު ޖަނާޙަށް ދައްކަންޖެހޭ ފުރަތަމަ އިންސްޓޯލްމަންޓްގެ ފައިސާ އަދާކުރުމަށް ދީފައިވާ ޗެކްގައިވާ US$100,000.00 (އެއްލައްކަ ޔޫ.އެސް.ޑޮލަރ) އަޙްމަދު ޖަނާޙަށް ލިބިފައިވަނީ ޗެކްގައިވާ މުއްދަތަށްވުރެ 02 (ދެއެއް) މަސް ދުވަސް ފަހުންކަމަށް ޙަސަން ޢަލީމަނިކު އެއްބަސްވާތީއާއި، އެއިންސްޓޯލްމަންޓްގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކި އިތުރުވާ ކޮންމެ މަހަކަށް %15 އިންސައްތަ އިތުރަށް ދެއްކުމަށް ޙަސަން ޢަލީމަނިކު އެއްބަސްވެ ސޮއިކޮށްފައިވާތީއާއި، މިއީ ދޭދޭ އަމިއްލަ ދެފަރުދެއްގެ މެދުގައި ކޮށްފައިވާ ދަރަނީގެ މުޢާމަލާތަކަށް ނަގާފައިވާ އިންޓަރެސްޓެއް ކަމުގައި ބެލެވެން ނެތަތީއާއި، މިފަދައިން ކުރެވޭ ވިޔަފާރި މުޢާމަލާތް ތަކުގައި ދައްކަންޖެހޭ އިންސްޓޯލްމަންޓަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކިގެން ނުވަތަ މުދަލެއްގެ އަގު އަދާކުރުމުގެ ގޮތުން ދައްކަންޖެހޭ ބިލެއްގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކިގެން އެއިންސްޓޯލްމަންޓުގެ ނުވަތަ އެބިލެއްގެ ޖުމްލަ ޢަދަދުގެ ކަނޑައެޅި ބަޔާންވެގެންވާ ވަކި އިންސައްތައެއް އިތުރަށް ދައްކާގޮތަށް ދެފަރާތް އެއްބަސްވެ ކޮށްފައި ހުންނަ ޖޫރިމަނާގެ މުޢާމަލާތްތަކަކީ ޞައްޙަ މުޢާމަލާތްތަކެއްކަމަށް މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޙުކުމްކުރައްވައި، އެޙުކުމްތަކަށް ތާއީދު ކުރައްވާފައިވާތީ، އަޙްމަދު ޖަނާޙްގެ ދަޢުވާގައި ބަޔާން ކޮށްފައިވާ US$30,000.00 (ތިރީސް ހާސް ޔޫ.އެސް.ޑޮލަރ) އަކީ ޙަސަން ޢަލީމަނިކު، އަޙްމަދު ޖަނާޙަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ އަޙްމަދު ޖަނާޙަށް ލިބިދިނުމަށްޓަކައި މިއަދު 01 އޭޕްރީލް 2009 ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މި US$30,000.00 (ތިރީސް ހާސް ޔޫ.އެސް.ޑޮލަރ) އެއްފަހަރާ މަދަނީ ކޯޓަށް ދައްކާ ޚަލާޞް ކުރުމަށް ޢަލީމަނިކު (ދ.ރ.ކ ނަންބަރު A-034407) އަށް އަންގާ ޙުކުމް ކޮށްފީމެވެ." މިފަދައިންކަން އެނގެއެވެ.
[3]ހައިކޯޓުގެ ނަންބަރު 2008/HC-A/63 ޤަޟިއްޔާގެ ޙުކުމް ޝަރީޢަތާއި ޤާނޫނާއި ޚިލާފުވާ ނުކުތާއެއްގެ ގޮތުގައި ދަޢުވާކުރާ ޙަސަން ޢަލީމަނިކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ތިރީގައިވާ ދެނުކުތާކަން އެނގެއެވެ.
[4]ފުރަތަމަ ޕޮއިންޓަކީ 08 ފެބްރުއަރީ 2007 ގައި ސޮއި ކުރެވުނު އެއްބަސްވުމުގައި އިންސްޓޯލްމަންޓް ޑޮލަރުން ދެއްކުމަށް އެއްބަސްވެފައި އޮއްވައި އެވަގުތު ޑޮލަރު ޗެކް ދެވެން ނެތިގެން އެއްބަސްވުމުގައި ބުނެފައިވާގޮތާ ޙިލާފު ގޮތަކަށް އެއްބަސްވުމުގައި ސޮއިކުރި ދުވަހު ދިވެހި ރުފިޔާގެ ދެޗެކް ދީ، މި ޗެކްތަކަށް ފައިސާނަގަން ބޭންކަށް ހުށަހަޅައިގެން ނުވާނެކަމަށާއި އެއްބަސްވުމުގައި ސޮއި ކުރެވުނުއިރު އަޙްމަދު ޖަނާހާއި ހަވާލުކުރެވުނު ދިވެހި ރުފިޔާގެ ޗެކްތައް ގެނެއުމުން މި ޗެކްތަށް ޑޮލަރު ޗެކްތަކަކަށް ބަދަލުކޮށް އެފައިސާ ނަގާނީ ޑޮލަރުންކަމަށް އެއްބަސްވެ، ދެފަރާތުން ލިޔުމެއްގައި ސޮއިކޮށްފައިވާއިރު އަދި ޑޮލަރު ޗެކް ދޫކުރި ދުވަހު އެޗެކަށް ފައިސާ ލިބިފައިވާއިރު މިކަމަށް އެއްވެސް ވަރަކަށް ނުބައްލަވައި ޙުކުމް ކުރެއްވިކަން.
[5]ދެވަނަ ޕޮއިންޓަކީ ދީފައިވާ ޗެކުގައިވާ 100,000/- US$ (އެއްލައްކަ) ޔޫ.އެސް ޑޮލަރު އަޙްމަދު ޖަނާޙަށް ލިބިފައިވަނީ ޗެކުގައިވާ މުއްދަތައްވުރެ 2 (ދޭއް) މަސްދުވަސް ފަހުންކަމަށް ޙަސަން އަލީމަނިކު އެއްބަސްވާތީ، އެއިންސްޓޯލްމަންޓުގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކި އިތުރުވާ ކޮންމެ މަހަކަށް 15% އިތުރަށް ދެއްކުމަށް ޙަސަން އަލީމަނިކު އެއްބަސްވެ ސޮއި ކުރައްވާފައިވާކަން ފާހަގަ ކުރައްވައި އެކަމުގެ މައްޗަށް ބިނާކޮށް 15% ޖޫރިމަނާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ނިންމެވިއިރު 1 (އެކެއް) ވަނަ ނަންބަރުގައި ޙަސަން އަލީމަނިކު ބަޔާންކޮށްފައިވާ ވާހަކަތައް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ދައްކައި އެލިޔުންވެސް ޝަރީޢަތަށް ހުށަހަޅާފައިވާއިރު އެ ލިޔުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނެތްކަން.
ފާހަގަ ކުރެވުނު ނުކުތާތައް.
[6]މިމައްސަލައާއި ގުޅިގެން ޚަސްމުންގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި ހުށަހެޅި ޤާނޫނީ ނުކުތާތަކަށާއި ހައިކޯޓުގެ ނަންބަރު 2008/HC-A/63 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
[7](ހ) ފުރަތަމަ ކަމަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި އޮންނަ އަޙްމަދު ޖަނާޙުގެ 33% ޙިއްސާ، އެކުންފުނީގެ އަނެއް ޙިއްސާދާރު ކަމުގައިވާ ޙަސަން ޢަލީމަނިކަށް 700,000/- US$ (ހަތްލައްކަ) ޔޫ.އެސް ޑޮލަރަށް ވިއްކުމަށް އެއްބަސްވެ 8/2/2007 ގައި އެގްރީމެންޓެއް ކުރެވިފައިވާކަން އެނގެން އޮތްކަމެވެ.
[8](ށ) ދެވަނަ ކަމަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި އޮންނަ އަޙްމަދު ޖަނާޙުގެ 33% ޙިއްސާ އެކުންފުނީގެ އަނެއް ޙިއްސާދާރު ކަމުގައިވާ ޙަސަން އަލީމަނިކަށް 700,000/- US$ (ހަތްލައްކަ) ޔޫ.އެސް ޑޮލަރަށް ވިއްކާލުމަށް 8 ފެބްރުއަރީ 2007 ދުވަހު އެއްބަސްވެފައިވާ އެގްރީމެންޓުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަޙްމަދު ޖަނާޙަށް ޙަސަން ޢަލީމަނިކު ދައްކަންޖެހޭ ފުރަތަމަ އިންސްޓޯލްމަންޓަށްވާ ފައިސާ (100,000/- US$) އެގްރިމެންޓްގައި ސޮއިކުރާތާ 1 (އެކެއް) މަސްދުވަހުގެތެރޭ ދައްކަންޖެހޭކަމަށް އޮތްއިރު އެފައިސާ އަޙްމަދު ޖަނާޙަށް ޙަސަން ޢަލީމަނިކު ދައްކާފައިވަނީ އެގްރީމެންޓުގެ 8 ވަނަ މާއްދާގައި ބުނާ މުއްދަތަށްވުރެ 2 (ދޭއް) މަސްދުވަސް ފަހުންކަން އެނގެން އޮންނަކަމެވެ.
[9](ނ) ތިންވަނަ ކަމަކީ އެގްރީމެންޓުގެ 8 ވަނަ މާއްދާގައި އެއްބަސްވެފައިވާގޮތަށް އިންސްޓޯލްމަންޓް ފައިސާ ދެއްކުން ލަސްވެއްޖެނަމަ ފައިސާ ނުދައްކާ އިތުރުވާ ކޮންމެ މަހަކަށް އިންސްޓޯލްމަންޓުގެ 15% އިތުރަށް ދައްކަން ޖެހޭނެކަން އެއްބަސްވުމުގެ 10 ވަނަ މާއްދާއިން އެނގެން އޮންނަކަމެވެ.
[10](ރ) ހަތަރުވަނަ ކަމަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް އަޙްމަދު ޖަނާޙުގެ 33% ޙިއްސާ ޙަސަން ޢަލީމަނިކަށް ވިއްކުމަށް 8/2/2007 ގައި އެއްބަސްވި އެގްރީމެންޓުގައި އިންސްޓޯލްމަންޓް ޔޫ.އެސް ޑޮލަރުން ދެއްކުމަށް އެއްބަސްވެފައިވަނިކޮށް އެއްބަސްވިގޮތާއި ޚިލާފަށް ހަމަ އެދުވަހު ދިވެހި ރުފިޔާގެ ދެޗެކު އަޙްމަދު ޖަނާހަށް ޙަސަން އަލީމަނިކު ދީ، އެ ދެޗެކު އަނބުރާ ގެނައުމުން ޔޫ.އެސް ޑޮލަރަށް ބަދަލުކޮށްދޭގޮތަށް އެއްބަސްވުމެއް ވެފައިވާނޭކަމަށް ބުނެ ޙަސަން ޢަލީމަނިކު ހުށަހެޅި ލިޔުމަށާއި އެލިޔުމުގެ މައްޗަށް ޝަރީޢަތުގެ މަރުޙަލާތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެލިޔުމަކީ ޙިއްސާ ވިއްކުމަށް އެއްބަސްވި އެގްރީމެންޓުގެ 8 (އަށެއް) ވަނަ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި ފުރަތަމަ ދައްކަންޖެހޭ އިންސްޓޯލްމަންޓް ދައްކަން ނުޖެހޭގޮތަށް އެއްބަސްވެފައިވާ އެއްބަސްވުމެއް ނޫންކަމާއި ޙިއްސާ ވިއްކުމުގެ މުއާމަލާތްކުރާނީ ޔޫ.އެސް ޑޮލަރުންކަން މިލިޔުމުންވެސް އެނގޭކަމާއި އަދި އެލިޔުމަކީ އަޙްމަދު ޖަނާޙް ބަނދެވޭ ގޮތަށްއޮތް ލިޔުމެއް ނޫންކަމާއި އެލިޔުމުގައިވަނީ ޙަސަން ޢަލީމަނިކު އަމިއްލަ ނަފްސަށް ޙަސަން ޢަލީމަނިކު ވެފައިވާ ވަޢުދެއްކަމާއި އެލިޔުމުގެ ސަބަބުން ޙިއްސާ ވިއްކުމަށް އެއްބަސްވި އެގްރީމެންޓުގެ 8 (އަށެއް) ވަނަ މާއްދާއާއި އެއްގޮތަށް އަޙްމަދު ޖަނާޙަށް ޙަސަން ޢަލީމަނިކު ދައްކަންޖެހޭ 100,000/- US$ (އެއްލައްކަ) ޔޫ.އެސް ޑޮލަރު އެމާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި ދެއްކުމުގެ ޒިންމާއިން ޙަސަން ޢަލީމަނިކު ބަރީޢަނުވާކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
[11]ދެންފަހެ އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/63 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވީ ހިނދު އެޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް މިމައްސަލަ ނިންމީއެވެ.
ފަނޑިޔާރު މުޖްތާޒު ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
- ބެންޗު
- މުޖުތާޒް ފަހުމީ (ރިޔާސަތު)، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް
- ރިޔާސަތު
- މުޖުތާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 31 މޭ 2009 · ރަޖިސްޓްރީކުރީ 31 މޭ 2009 · ނިމުނީ 14 ޖަނަވަރީ 2010 (7.5 މަސް)