ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/320
ޙަބީބާ ޙުސައިން ޙަބީބް ވ. އެޓާރނީ ޖެނެރަލްގެ އޮފީސް، 2014/HC-A/320
Habeebaa Hussain Habeeb v. Etaarnee General's Office 2014/HC-A/320 (2014/HC-A/320, High Court of the Maldives, 18 October 2016)
ޙަބީބާ ޙުސައިން ޙަބީބް ވ. އެޓާރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ރަށް ވަކިކުރީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި، ފަޅުރަށްރަށާބެހޭ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ.
1968 ވަނަ އަހަރުން ފެށިގެން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، ދައުލަތުގެ ބޭނުމަކަށް ކަމަށް ބުނެ، 2 އަހަރުގެ ވަރުވާއަށްވާ ބަދަލާއި މުދާ ގެންދިއުމަށް 30 ދުވަސް ދީ، 2013 ސެޕްޓެމްބަރު 29 ގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވަކިކުރިއެވެ. ވަރުވާއަށް ލިޔެދިނުމުގެ ލިޔުމުން ކުރެވުނު އެއްބަސްވުމެއް ހުށަހެޅިފައެއް ނުވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މުދާ ހޯދުމާއި ގެންގުޅުމުގެ ޙައްޤާ ތަޢާރުޟުވާ ގޮތަށް ނިންމިކަމަށާއި، ހައިކޯޓުގެ 2012/HC-A/124 ޤަޟިއްޔާގެ އުޞޫލުތަކަށް ރިޢާޔަތް ނުކުރާކަމަށެވެ.
މައިގަނޑު ސުވާލު
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ދައުލަތުގެ ބޭނުމަކަށް، ޤަވާޢިދުގައިވާ ބަދަލު ދީ، ވަރުވާ ލިޔެގެން އުޅޭ ފަރާތުގެ އަތުން ވަކިކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މުދަލުގެ ޙައްޤާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ވަރުވާ ރަށަކީ ދައުލަތުގެ މިލްކެއް ކަމުން، އިތުރު އެއްބަސްވުމެއް ނެތްއިރު ޢަމަލުކުރަންޖެހޭނީ ޤާނޫނާއި ޤަވާޢިދުގެ އިޖުރާއާތުތަކަށެވެ. ޤަވާޢިދުގެ 9 އާއި 10 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ބޭނުމަކަށް، އެކަށީގެންވާ ވަގުތާއި ޤާނޫނީ ބަދަލު ދީ ވަކިކުރި ކަމުން، އެއީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަރުވާއަށް ދޫކުރެވޭ ރަށްރަށުގެ ވަރުވާގެ އެއްބަސްވުން ކުރިއަށްދާ މުއްދަތުގައި، ވަރުވާއަށް ދޫކުރެވޭ ރަށްރަށަކީ ދައުލަތުގެ މިލްކެކެވެ. އެއީ އެރަށް ވަރުވާއަށް ލިޔެގެން އުޅޭ ފަރާތެއްގެ މިލްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ވަރުވާއަށް ފަޅުރަށެއް ލިޔެދިނުމަކީ ފަޅުރަށްރަށް ދިރުވާ ބެލެހެއްޓުމަށް ޙަވާލުކުރެވޭ ޙަވާލުކުރެވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ރަށް ވަރުވާއަށް ލިޔެދިނުމުގައި ފަރާތްތަކުގެ ދެމެދުގައި ލިޔެކިޔުމުން އިތުރު އެއްބަސްވުމެއް ވެފައިނުވާނަމަ، އަދި ރަށް ދައުލަތަށް އަނބުރާ ހޯދުމުގައި ޢަމަލުކުރަން ދެފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެވިފައިވާ ގޮތެއް ނެތްނަމަ، ޢަމަލުކުރަންޖެހޭނީ މިފަދަ ކަންކަމުގައި ޢަމަލުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގައިވާ އިޖުރާއާތުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދައުލަތުގެ ބޭނުމަކަށް ނުވަތަ ސަރުކާރު ޤަބޫލުކުރާ މަސައްކަތެއްކުރަން ރަށެއް ވަރުވާއަށް ލިޔެގެން އުޅޭ ފަރާތެއްގެ ކިބައިން ވަކިކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ވަރުވާއަށް ލިޔެގެން އުޅޭ ފަރާތެއްގެ ކިބައިން ރަށެއް ވަކިކުރާނަމަ ބަދަލުގެ ގޮތުގައި ދޭންޖެހެނީ އެރަށެއްގެ ދެއަހަރުދުވަހުގެ ވަރުވާއާ އެއްވަރުގެ ޢަދަދެއްގެ ފައިސާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ވަރުވާއަށް ލިޔެދީފައިވާ ރަށެއް ދައުލަތުގެ ބޭނުމަކަށް، ރަށުގައި ހުރި އަމިއްލަ މުދަލެއް ހުސްކުރުމަށް އެކަށީގެންވާ ވަގުތު ދީ، ޤާނޫނުގައި ބުނާ މިންވަރުގެ ބަދަލު ލިބިދެވޭ ގޮތަށް ވަކިކުރަން ދައުލަތުގެ ފަރާތުން ނިންމާ ނިންމުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި ޚިލާފު ނިންމުމެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)
- ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤަވާޢިދުގެ 10 ވަނަ މާއްދާ
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް