ސައިޓޭޝަން ކޮޕީ ކުރުމަށް
2010/SC-C/23
އެޓާރނީ ޖެނެރަލްގެ އޮފީސް، 2010/SC-C/23
Etaarnee General's Office 2010/SC-C/23 (2010/SC-C/23, Supreme Court of the Maldives, 28 October 2010)
އެޓާރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) ގައިވާ ގޮތަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ޤާނޫނުއަސާސީގެ 130 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައިދިނުން އެދި އެޓާރނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިއެވެ. ޕީޕަލްސް އެލަޔަންސް، ދިވެހި ރައްޔިތުންގެ ޕާޓީ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މައްސަލައަށް ތަދައްޚުލުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) އިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައިވާ ޝަރުޠުތަކަށް އިތުރު ކަންކަން ހިމަނާފައިވާތީ، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގެ ބާރު ކެނޑޭކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ. ތަދައްޚުލުވި ފަރާތްތަކުގެ ވާހަކަތައް ނިންމުމުގައި ތަފްޞީލުކޮށްފައެއް ނުވެއެވެ.
މައިގަނޑު ސުވާލު
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) ގައިވާ އިޖުރާއަތަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ޤާނޫނުއަސާސީގެ 130 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ވަޒީރުންގެ ރުހުމަށް މަޖިލީހުގެ ޤަވާޢިދު ނުހިނގާ (އަޣްލަބިއްޔަތުން)
ޤާނޫނުއަސާސީއާ ޚިލާފު ޤަވާޢިދެއް ޚިލާފުވީ މިންވަރަށް ބާޠިލުވާނެކަމާއި، ޤާނޫނުއަސާސީގައި ވަކި ގޮތަކަށް ކަމެއް ކުރުން ލާޒިމްކޮށްފައިވާ ޙާލަތްތަކުގައި އެއާ ޚިލާފަށް ޢަމަލުކުރުމުގެ ޤާނޫނީ ހަމައެއް ނެތްކަމަށް އަޣްލަބިއްޔަތުން ކަނޑައެޅިއެވެ. ވަޒީރުންގެ މަޤާމުތަކަކީ ސިޔާސީ މަޤާމުތަކެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) ގެ އިޖުރާއަތަށް ޢަމަލުކުރުމަކީ ބާރުތައް ވަކިކުރުމުގެ އުޞޫލާއި ތަޢާރުޟުވާ ކަމެއް ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމުގައި އެ މާއްދާއަށް ޢަމަލުނުކުރެވޭނެކަމަށް ކަނޑައެޅިއެވެ. ނަމަވެސް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ވަކި ގޮތެއް ބަޔާންކޮށްފައިނުވާ ކަންކަމުގައި އެ މާއްދާއަށް ޢަމަލުކުރުމަށް ހުރަހެއް ނެތުމުން، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) އޭގެ ޒާތުގައި ޤާނޫނުއަސާސީއާ ޚިލާފެއް ނޫންކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން، ހަދާ ޤަވާޢިދެއް ނުވަތަ ޤަވާޢިދަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވެއްޖެނަމަ އެ ޚިލާފުވީ މިންވަރެއް ބާޠިލުވާނެކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [6])
- ޤާނޫނުއަސާސީގައި ވަކިގޮތަކަށް ކަމެއް ކުރުން ލާޒިމް ކޮށްފައިވާ ޙާލަތްތަކުގައި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް އެއްވެސް ފަރާތަކުން ކުރާކަމެއް ނުވަތަ ނިންމާ ނިންމުމެއްވިޔަސް ހުއްދަކުރާ ޤާނޫނީ ހަމައެއް ނެތް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
- ދައުލަތުގެ ވެރިކަމުގެ ތިންބާރުންކުރެ އެއްވެސް ބާރެއް އަނެއް ބާރެއްގެ މައްޗަށް ޚުދުމުޚްތާރުވުމެއްނެތި އަދި ނުފޫޒު ފޯރުވުމެއް ނެތި އަދި އަނެއް ބާރެއްގެ ދުސްތޫރީ އިޚްތިޞާޞްގެ ތެރެއަށް ވަނުމަކާނުލައި އެއްބާރުން ކުރާކަންތަކާއި ނިންމާ ނިންމުންތައް ހުންނަނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެތެރޭގައި ތޯ އަނެއް ބާރުތަކުން ބަލައި ތިންބާރުގެ މެދުގައި ތިލަފަތް ހަމަހަމަގޮތުގައި ޗެކް ކުރެވޭނޭ ޗެކް އެންޑް ބެލަންސްގެ އުޞޫލުތަކާއި އިޖްރާއާތު، ޤާނޫނުއަސާސީގެ ނައްސުތަކުން ކަނޑައެޅިފައިވާއިރު ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ މި އިންތައް ފަހަނަޅާދާ ގޮތަކަށް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ބައެއްވިޔަސް ހުރެއްޖެނަމަ އެބައެއް ވާނީ ކަނޑައެޅިގެން ބާޠިލު އެއްޗަކަށް ކަން އެނގެން އޮންނަ އޮތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [9])
- ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ޖެހޭ ބައެއް މަޤާމުތަކަކީ އެ މަޤާމުތަކަށް ޢައްޔަންކުރުމުގައި ހަމައެކަނި މަޤާމު އަދާ ކުރުމުގެ އަހުލުވެރިކަމާއި ފަންނީ ޤާބިލުކަންހުރި މިންވަރު ބަލައި ވަޒަންކުރުމަށްފަހު ރުހުންދެވިދާނެ މަޤާމުތަކަކަށްވާއިރު، އަނެއްބައި މަޤާމުތަކަކީ އެ މަޤާމުތަކަށް ރުހުން ދިނުމުގައި ދުސްތޫރީ ވަކި އުޞޫލުތަކަކަށް ތަބާވުން ލާޒިމް ވާގޮތަށް ހުރި މަޤާމު ތަކެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [13])
- ވަޒީރުން މަޤާމަށް ޢައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވިކަމުގައި ވިޔަސް އެމަޤާމުތަކަކީ ސިޔާސީ މަޤާމުތަކެއްކަމާއި އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ގެ 171 ވަނަ މާއްދާގެ (ވ) ގައި ވާގޮތަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ (ސެޕަރޭޝަން އޮފް ޕަވަރސްގެ) ދުސްތޫރީ އުޞޫލާއި ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރާއި ވަޒީރުންނަށް ރުހުން ދިނުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރު ބަޔާންވެފައިވާ ދުސްތޫރީ އުޞޫލާއި ތަޢާރުޟުވާނޭ އިޖްރާއާތުތަކެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [13]، [15])
- ވަކި ގޮތަކަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ބަޔާންކޮށްފައިނުވާނަމަ އެއަކުރާ އެއްގޮތަށް ޢަމަލުކުރުން ޤާނޫނުއަސާސީ ހުރަސް އަޅާކަމަކަށް ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) މިއަކުރު އޭގެ ޒާތުގައި ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ބެލެވޭނެ ހަމައެއްނެތް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [14]، [15])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2010/SC-C/23
ދަޢުވާކުރާ ފަރާތް: އެޓާރނީ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: ----
ތަދައްޚުލްވި ފަރާތް: (1) ޕީޕަލްސް އެލަޔަންސް
(2) ދިވެހި ރައްޔިތުންގެ ޕާޓީ
(3) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
[1]މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން (29 އޯގަސްޓް 2010)
ހުށަހެޅުނު ތާރީޚް: 29 އޯގަސްޓް 2010
ނިމުނު ތާރީޚް: 28 އޮކްޓޯބަރ 20101 މާޗް 2009
މައްސަލަ ނިންމި ގަޑި: 20:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
[3]މިއީ ރައްޔިތުންގެ މަޖިލީހުން 02 މާޗް 2010 ދުވަހުން ފެށިގެން ޢަމަލުކުރަމުންގެންދާ "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު" އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީސް ހިންގުމަށް ބޭނުންވާ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތައް ބަޔާންކުރާ ޤަވާޢިދެއް ކަމަށް ވާންޖެހޭ ހިނދު، އަދި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާ ބެހޭގޮތުން ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބުނެފައިވާގޮތުގެ މަތިން ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޝަރުޠުތަކަށް "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު" ގެ 171 ވަނަ މާއްދާގެ (ވ) ގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި 130 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށް ކަނޑައަޅައި ދިނުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[4]މިމައްސަލާގައި، މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި މި މައްސަލައާ ގުޅިގެން ތަދައްޚުލުވެފައިވާ ފަރާތްތަކުގެ ވާހަކަތަކުގެ މައްޗަށާއި މަބްދައުލް މަޝްރޫޢިއްޔާގެ )ޕްރިންސިޕަލް އޮފް ލެޖިޓިމަސީ)ގެ މައްޗަށް ބިނާވެގެން އެކި އެކި ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ އުޞޫލުތަކަށާއި މަބްދައުއްދުސްތޫރިއްޔާ (ޕްރިންސިޕަލް އޮފް ކޮންސްޓިޓިޔުޝަނަލިޓީ)ގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލި އިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަ ކަމަކީ މި މައްސަލައަކީ ޤަވާޢިދެއްގެ މާއްދާއެއްގެ ބައެއް ޤާނޫނުއަސާސީގެ މާއްދާތަކަކާ ޚިލާފުވާކަމަށް ކަނޑައަޅައި ދިނުން އެދި ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮންނަ އޮތުމެވެ.
[6](ށ) ދެވަނަ ކަމަކީ ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތީންކަމަށާއި ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށް ކަމަށާއި އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރު ނުހިނގާނެކަމަށާއި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލްކަމެއެކަމަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައި އޮންނަކަމާއި ޤާނޫނުއަސާސީގެ އެމާއްދާގައި މަބްދައުލްމަޝްރޫޢިއްޔަތުގެ މިއުޞޫލު ކަނޑައަޅައި ބަޔާންކޮށްފައިވާގޮތަށް ބަލާއިރު ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން، ހަދާ ޤަވާޢިދެއް ނުވަތަ ޤަވާޢިދަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވެއްޖެނަމަ އެ ޚިލާފުވީ މިންވަރެއް ބާޠިލުވާނެކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
[7](ނ) ތިންވަނަ ކަމަކީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މިޤާނޫނުއަސާސީގައިވާގޮތުގެ މަތީންނެވެ." މިފަދައިން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބުނުމަށްފަހު، ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގައި ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލިހުންނާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި އެންމެހައި ރައްޔިތުން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ، ޢަމަލު ކުރާންވާނެ ކަމަށް ކަނޑައެޅި ބަޔާންވެފައިއޮތުމުން އެއްވެސް އިސްތިޘްނާއެއްނެތި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުންނާއި ދައުލަތުގެ އެކިއެކި ކަންކަމާ ޙަވާލުވެތިބި ފަރާތްތަކުން ޤާނޫނުއަސާސީއަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރަންޖެހޭނެކަމާއި ހުރިހާ ފަރާތްތަކެއްގެ ޢަމަލުތަކާއި ނިންމުންތަކަކީވެސް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އިންތަކުގެ ތެރޭގައި އެކަންކަން ބަލައި ޤާނޫނުއަސާސީގެ މީޒާނުން ވަޒަންކުރެވޭނެ ކަންތައްތަކެއްކަމާއި އެފަދަ ޢަމަލުތަކުގެ ތެރެއިން ޞައްޙަ ކަމަށް ޤާނޫނީގޮތުން ބެލެވޭނީ ހަމައެކަނި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިންތަކުގެތެރޭގައި ޤާނޫނުއަސާސީއަށް ފެތޭ ޢަމަލުތައްކަމާއި ޤާނޫނުއަސާސީގައި ވަކިގޮތަކަށް ކަމެއް ކުރުން ލާޒިމް ކޮށްފައިވާ ޙާލަތްތަކުގައި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް އެއްވެސް ފަރާތަކުން ކުރާކަމެއް ނުވަތަ ނިންމާ ނިންމުމެއްވިޔަސް ހުއްދަކުރާ ޤާނޫނީ ހަމައެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/02 ޤަޟިއްޔާގައި ކަނޑައެޅިފައި އޮތުމުން އެއްވެސް ޤާނޫނީ ބޭނުމެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އެނޫންގޮތަކަށް ޢަމަލުކުރުން ހުއްދަކުރެވޭނެ ހަމަ އެއްވެސް ހަމައެއްނެތްކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
[8](ރ) ހަތަރުވަނަ ކަމަކީ ޤާނޫނުއަސާސީއާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެހައި ކަންތައްތައް ހިންގުމާއި، މުވައްޒަފުން ލެއްވުމާއި، ވަކި ކުރުމާއި މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މަޖިލީހުގެ ޖަލްސާތަކާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުންކަމާއި މިކަންތައްތަކާ ގުޅޭ ޤަވާޢިދުތައް ހަދާނީވެސް އެމަޖިލީހުން ކަން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 1 އިން އެނގެން އޮންނަ އޮތުމާއި ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައި މީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދީމިޤްރާޠީ އުޞޫލުތައް އެކުލެވޭނޭ ޖަވާބު ދާރީވާ، ހާމަކަން ބޮޑުގޮތަކަށް ރައްޔިތުންގެ މަޖިލީސް ހިންގުމަށް ބޭނުންވާނޭ ޤަވާޢިދުތަކާއި އުޞޫލުތައް އެމަޖިލީހުން ކަނޑައަޅަން ވާނެކަމަށާއި އެޤަވާޢިދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑުތަކާއި، ހާޒިރީއާގުޅޭ އުޞޫލުތައް ހިމެނި ދާނެކަމަށާއި މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ މެންބަރެއްގެ މުސާރައާއި ޢިނާޔަތް ކަނޑައެޅިދާނެކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ގައި ބަޔާންވެފައި އޮންނަ އޮތުމެވެ.
[9](ބ) ފަސްވަނަކަމަކީ ދައުލަތުގެ ވެރިކަމުގެ ތިން ބާރުގެ އިޚްތިޔާރުގެ ދާއިރާ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ކަނޑައަޅާފައިވުމާއި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައިވާގޮތުގެ މަތީންކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމާއި ދައުލަތުގެ ވެރިކަމުގެ ތިންބާރުންކުރެ އެއްވެސް ބާރެއް އަނެއް ބާރެއްގެ މައްޗަށް ޚުދުމުޚްތާރުވުމެއްނެތި އަދި ނުފޫޒު ފޯރުވުމެއް ނެތި އަދި އަނެއް ބާރެއްގެ ދުސްތޫރީ އިޚްތިޞާޞްގެ ތެރެއަށް ވަނުމަކާނުލައި އެއްބާރުން ކުރާކަންތަކާއި ނިންމާ ނިންމުންތައް ހުންނަނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެތެރޭގައި ތޯ އަނެއް ބާރުތަކުން ބަލައި ތިންބާރުގެ މެދުގައި ތިލަފަތް ހަމަހަމަގޮތުގައި ޗެކް ކުރެވޭނޭ ޗެކް އެންޑް ބެލަންސްގެ އުޞޫލުތަކާއި އިޖްރާއާތު، ޤާނޫނުއަސާސީގެ ނައްސުތަކުން ކަނޑައެޅިފައިވާއިރު ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ މި އިންތައް ފަހަނަޅާދާ ގޮތަކަށް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ބައެއްވިޔަސް ހުރެއްޖެނަމަ އެބައެއް ވާނީ ކަނޑައެޅިގެން ބާޠިލު އެއްޗަކަށް ކަން އެނގެން އޮންނަ އޮތުމެވެ.
[10](ޅ) ހަވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރާ ކަންތައްތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ ވަޒީރުންގެ މަޖިލީހެއް އޮންނާންވާނެކަން ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަ އޮތުމާއި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކި އެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވަޒީރުންނާއި ބަންޑާރަނައިބުގެ މައްޗަށް ކަން އެ މާއްދާގެ (ށ) އިން އެނގެން އޮންނަ އޮތުމެވެ.
[11](ކ) ހަތްވަނަކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރާ އެހެން މެންބަރުން އެމަޖިލީހަށް ޢައްޔަން ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެކަމަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާކަމާއި އެގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ ނަންތައް އެމީހުން ޢައްޔަން ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެކަމަށް އެމާއްދާގެ (ރ) ގައި ބުނެފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[12](އ) އަށްވަނަކަމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި ފުރިހަމަވެފައިވުން ލާޒިމްވާ ޝަރުޠުތައް ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައި އޮތުމާއި ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެ ޙާލަތުތައް އެމާއްދާގެ (ށ) ގައި ބަޔާންވެފައި އޮންނަ އޮތުމެވެ.
[13](ވ) ނުވަވަނަކަމަކީ ވަކިގޮތަކަށް ޢަމަލުކުރުމަށް ޤާނޫނެއްގައި ބަޔާންކޮށްފައި ނުވާނަމަ، ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ކަންކަމުގައްޔާއި ލަފާދޭން ޖެހޭ ކަންކަމުގައްޔާއި، މަޝްވަރާ ދޭން ޖެހޭ ކަންކަމުގައި ޢަމަލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގައި ބުނެފައިވާގޮތުގެ މަތިން ކަމަށް އެމާއްދާގައި ބަޔާންވެފައި، އެމާއްދާގެ (ވ) ގައި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ މައްސަލައަކީ ވަކި މަޤާމަކަށް މީހަކު ޢައްޔަންކުރުމާ ގުޅޭ މައްސަލައެއްކަމަށްވާނަމަ، އެ މަޤާމަކަށް އެމީހަކު ޤާބިލުކަން ނުވަތަ ނޫންކަން، އެ މަޤާމަކާގުޅޭ މަޢުލޫމާތު އެމީހަކަށް ލިބިގެންވާކަން ނުވަތަ ނޫންކަން، އެދާއިރާއާ ގުޅޭގޮތުން އެއްވެސް ތަޖުރިބާއެއް ހުރިކަން ނުވަތަ ނޫންކަން، އެދާއިރާ ކުރި އެރުވުމަށްޓަކައި އޭނާގެ އޮތް ޢާންމު ތަޞައްވުރާ ބެހޭގޮތުން ކޮމިޓީގެ މަރުޙަލާގައި އޭނާއާ ސުވާލުކުރަން ވާނެކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ކަނޑައަޅާ އުޞޫލުތަކެއްގެ މަތިން އެމީހެއްގެ ޒާތީ މަޢުލޫމާތާއި ޢިލްމީ މަޢުލޫމާތާއި ފަންނީ މަޢުލޫމާތު ހޯދުމުގެ އިތުރުން ކަމަށް ބަޔާންވެފައިވާ ޢިބާރާތަށާއި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ މަޤާމުތަކަށް މީހުން ޢައްޔަން ކުރުމުގައި ޢަމަލުކުރުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ޖެހޭ އެކި މަޤާމުތަކަށް މީހުން ޢައްޔަން ކުރުމުގައި ޢަމަލުކުރަން ޖެހޭ ތަފާތު ދުސްތޫރީ އުޞޫލުތަކެއް ޤާނޫނުއަސާސީގައި ވާކަން ފާހަގަކުރެވޭ ކަމާ އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން މެނުވީ މީހުން ޢައްޔަން ނުކުރެވޭނެ މަޤާމުތައް ޤާނޫނުއަސާސީގައި ބަޔާންވެފައި ހުރިކަމާއި މަޤާމަށް މީހަކު ޢައްޔަންކުރުމަށް ފަހު ރުހުން ހޯދަން ޖެހޭ މަޤާމުތައް ހުރިކަމާއި ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ޖެހޭ ބައެއް މަޤާމުތަކަކީ އެ މަޤާމުތަކަށް ޢައްޔަންކުރުމުގައި ހަމައެކަނި މަޤާމު އަދާ ކުރުމުގެ އަހުލުވެރިކަމާއި ފަންނީ ޤާބިލުކަންހުރި މިންވަރު ބަލައި ވަޒަންކުރުމަށްފަހު ރުހުންދެވިދާނެ މަޤާމުތަކަކަށްވާއިރު، އަނެއްބައި މަޤާމުތަކަކީ އެ މަޤާމުތަކަށް ރުހުން ދިނުމުގައި ދުސްތޫރީ ވަކި އުޞޫލުތަކަކަށް ތަބާވުން ލާޒިމް ވާގޮތަށް ހުރި މަޤާމު ތަކެއްކަން ފާހަގަ ކުރެވޭ ކަމާ އެގޮތުން ވަޒީރުން މަޤާމަށް ޢައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވިކަމުގައި ވިޔަސް އެމަޤާމުތަކަކީ ސިޔާސީ މަޤާމުތަކެއްކަމާއި އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ގެ 171 ވަނަ މާއްދާގެ (ވ) ގައި ވާގޮތަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ (ސެޕަރޭޝަން އޮފް ޕަވަރސްގެ) ދުސްތޫރީ އުޞޫލާއި ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރާއި ވަޒީރުންނަށް ރުހުން ދިނުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރު ބަޔާންވެފައިވާ ދުސްތޫރީ އުޞޫލާއި ތަޢާރުޟުވާނޭ އިޖްރާއާތުތަކެއްކަން އެނގެން އޮންނަ އޮތުމެވެ.
[14](މ) ދިހަވަނަ ކަމަކީ ވަކިގޮތަކަށް ޢަމަލުކުރުމަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ބަޔާންކޮށްފައި ނުވާނަމަ، ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ކަންކަމުގައްޔާއި ލަފާދޭން ޖެހޭ ކަންކަމުގައްޔާއި، މަޝްވަރާ ދޭން ޖެހޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ގެ 171 ވަނަ މާއްދާގެ (ވ) ގައި ވާގޮތަށް ޢަމަލުކުރުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެން ވާކަން އެނގޭކަމާއި ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ވަކި ގޮތަކަށް ބުނެފައިވާކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) ގައި ވާގޮތަށް ޢަމަލުކުރެވެން ނެތުމަކީ ވަކި ގޮތަކަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ބަޔާންކޮށްފައިނުވާނަމަ އެއަކުރާ އެއްގޮތަށް ޢަމަލުކުރުން ޤާނޫނުއަސާސީ ހުރަސް އަޅާކަމަކަށް ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) މިއަކުރު އޭގެ ޒާތުގައި ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ބެލެވޭނެ ހަމައެއްނެތްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[15]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ދައުލަތުގެ އެކިއެކި މަޤާމުތަކަށް ޢައްޔަންކުރެވޭ ފަރާތްތަކަށް، ރުހުންދިނުމުގައި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކި ގޮތަކަށް ޢަމަލުކުރަންޖެހޭ ކަމަށް ބުނެފައިނުވާ ކަންތައްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) އަށް ޢަމަލުކުރުމަށް ޤާނޫނީ ގޮތުން ހުރަސް އަޅާ ސަބަބެއް ނެތް ކަމަށާއި ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) ގައި ބަޔާންވެފައިވާ އިޖުރާއާތުތަކަކީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުތައް ފަހަނައަޅާދާ އިޖުރާއާތުތަކެއް ކަމަށްވާތީ، ޤާނޫނުއަސާސީގެ ބުނެވިދިޔަ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންނަށް ރުހުންދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) އަށް ޢަމަލުނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރައުޔު
[16]ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 29 އޯގަސްޓް 2010 ގައި ހުށަހެޅި ދުސްތޫރީ މައްސަލައިގެ ދަޢުވާގެ ޞީޣާ ގައި ވަނީ ރައްޔިތުންގެ މަޖިލީހުން 2 މާޗް 2010 ދުވަހުން ފެށިގެން ޢަމަލުކުރަމުން ގެންދާ "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު" އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީސް ހިންގުމަށް ބޭނުންވާ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތައް ބަޔާންކުރާ ޤަވާޢިދެއްކަމަށާއި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބުނެފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޝަރުޠުތަކަށް "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު" ގެ 171 ވަނަ މާއްދާގެ (ވ) އިން އިތުރު ކަންކަން ހިމަނާފައިވާކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ބާރު ކެނޑޭތީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) ގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި 130 ވަނަ މާއްދާއާ ޚިލާފް ކަމެއް ކަމަށެވެ.
[17]އިސްވެ ބުނެވުނު މައްސަލާގައި އަހުރެންގެ ރައުޔު ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަށާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލާގައި ދެއްކި ވާހަކަ ތަކަށާއި، ހުށަހެޅި ލިޔެކިޔުންތަކަށް ބެލިއިރު އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.
[18]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާ ގެ (ހ)، (ށ)، އަދި (ނ) އަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތައްތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ ވަޒީރުންގެ މަޖިލީހެއް ދިވެހިރާއްޖޭގައި އޮންނާންވާނެކަމާއި، މި ވަޒީރުންގެ މަޖިލީސް އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެކި އެކި ވުޒާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވަޒީރުންނާއި ބަންޑާރަނައިބުގެ މައްޗަށްކަމާއި، ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހުގައި ތިބެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މީހުންކަމާއި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުން، އެ މަޖިލީހަށް ޢައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަންޖެހެނީ ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރުމަށް ފަހުގައިކަމެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގައި ޢަމަލު ކުރަންވީ ވަކި ގޮތެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނައްޞުން އެނގެން ނެތްކަން ވެސް ފާހަގަ ކުރަމެވެ.
[19]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ ނަންތައް، އެމީހަކު ޢައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެތެރޭގައި ރައްޔިތުންގެ މަޖިލީހަށް، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުވަން ޖެހޭނެކަމާއި، މިފަހުން ޢައްޔަން ކުރެވުނު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް، އެ މެންބަރުން ޢައްޔަން ކުރި ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ މަޖިލީހަށް ފޮނުވާފައިވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާއަށް ބަލާއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެ މީހުންގެ މަޤާމާ ޙަވާލުވާންވާނީ އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއިކުރުމަށް ފަހުގައި ކަމާއި، މި ފަހުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރި ވަޒީރުންގެ މަޖިލީހުގެ މެންބަރުންވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ހުވާކޮށް އެ ހުވައިގެ އިޤްރާރުގައި ސޮއިކުރުމަށް ފަހު ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމަށް އިސްކުރެވިފައިކަމެވެ.
[20]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެހައި ކަންތައްތައް ހިންގުމާއި، މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މަޖިލީހުގެ ޖަލްސާތަކާ ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުންކަމާއި، އެ ކަންތައްތަކާ ގުޅޭ ޤަވާޢިދުތައް ހަދާނީ ވެސް ރައްޔިތުންގެ މަޖިލީހުން ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ޤަވާޢިދެއް ރައްޔިތުންގެ މަޖިލީހުން ހަދާފައިވާކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ގެ 1 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، އެ ޤަވާޢިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބަޔާންވެގެންވާ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިންގާނެ އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، އެ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ޤަވާޢިދެއްކަން ފާހަގަ ކުރަމެވެ.
[21]އިސްވެ ބުނެވުނު ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވުނު ހިނދު، އަދި ބަންޑާރަނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ބުނާ ބުނުމާ މެދު އަހުރެންގެ ރައުޔު ކަނޑައެޅުމަށް ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ވިސްނި ފާހަގަ ވިއެވެ.
[22]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގައި ހުންނަންވާ ޝަރުޠުތައް ބުނެދީފައި ވުމެވެ. އެ ޝަރުތުތަކަކީ: 1. ދިވެހިރައްޔިތަކަށްވުން؛ 2. ބޭރު ޤަޢުމެއްގެ ރައްޔިތަކަށް ނުވުން؛ 3. މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައި ވުން؛ 4. ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛ އަދި، 5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުމެވެ.
[23]ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލައިފައިވާ ޤަވާޢިދަކީ ޤާނޫނުއަސާސީގެ މިބުނި މާއްދާގައި ބުނެފައިވާ ކަންތައްތައް ކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެއްކަމެވެ.
[24]ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ހެދުމަށް އިޝާރާތްކޮށްފައިވާ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ހިންގުމާ ގުޅޭ ކަންތައްތަކެއް ކަމާއި، އެ ޤަވާޢިދަކީ ރައްޔިތުންގެ މަޖިލީސް ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ މައްޗަށް ހިންގޭނެ ޤަވާޢިދެއް ނޫންކަމާއި، އެ ޤަވާޢިދު ބޭނުން ކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ކުރަން ބުނެފައިވާ ކަންތައްތައް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންތައްތައް ރާވާ ހިންގުމަށެވެ.
[25]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ ވަޒީރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއިކުރުމުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމަށް އިސްވީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއް ވަޒީރެއްގެ މަޤާމުން ވަކިވާނީ ނުވަތަ ވަކިކުރެވޭނީ ހަމައެކަނި ޤާނޫނުއަސާސީގެ 137 ވަނަ މާއްދާގެ (ހ)، އަދި 139 ވަނަ މާއްދާ، އަދި 130 ވަނަ މާއްދާގެ (ށ) 1، އަދި 130 ވަނަ މާއްދާގެ (ށ) 2، އަދި ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައި ބުނާ ޙާލަތްތަކުގައި އެ މާއްދާތަކުގައި ބުނެފައިވާ ގޮތުގެ މަތިންކަމެވެ.
[26]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވަކި ޝަރުޠުތަކެއް ކަނޑައަޅާ ބަޔާންކޮށްފައި އޮތް ކަމަކަށް ނުވަތަ ކަމެއްގެ ތެރެއަށް އިތުރު ޝަރުޠެއް ހިމެނޭ ގޮތަށް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ހަދައިފިނަމަ އެފަދަ ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ޝަރުޠަކަށް އިތުރު ކުރާ ޝަރުޠު ނުވަތަ ޝަރުޠުތައް ޞައްޙައެއް ނުވާނެ ކަމެވެ.
[27]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު" ހިނގާނީ އެމަޖިލީހުގެ މައްޗަށް އެކަނި ކަމަށް ވާހިނދު އަދި އެ ޤަވާޢިދު އެކުލަވާލައިފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއްގެ ދަށުން ކަމަށް ވީހިނދު، އެ ޤަވާޢިދުގެ ސައްޙަކަމާމެދު އެއްޗެއް ބުނުމުގެ ޙައްޤެއް އެހެން އެއްވެސް ފަރާތަކަށް ލިބިފައި ނުވާކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ދަށުން އަންގާ އެންގުންތަކަށް ތަބާވުމަކީ އެހެން ފަރާތެއްގެ މައްޗަށް ލާޒިމްވާނެ ކަމެއް ނޫންކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުފިޔަވައި އިތުރުބާރެއް ރައްޔިތުންގެ މަޖިލީހުން ހަދާ ޤަވާޢިދަކުން އެމަޖިލީހަށް ލިބި ނުދެވޭނެކަމަށް ވިއަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަކި މާއްދާ އަކާ ޙަވާލާދީ އެ މާއްދާ އިން ލިބިދޭ ބާރުގެ ބޭނުން ހިފުމަށް ރައްޔިތުން މަޖިލީހުން ކުރާ އަމުރުތަކަށް ނުވަތަ އަންގާ އެންގުތަކަށް އެ އަމުރެއް ނުވަތަ އެ އެންގުމެއް ލިބޭ ފަރާތުން ޢަމަލު ކުރުން ލާޒިމްވާނެކަމެވެ.
[28]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުވައިކޮށް ވަޒީރުންގެ މަޖިލީހަށް އިސްކުރެވޭ ވަޒީރުން އެމަޖިލީހުން ވަކި ކުރެވޭނެ އަދި ވަކިވާނެ ގޮތްތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވީ އިރު، ވަޒީރުންގެ މަޖިލީހަށް އިސްކުރެވޭ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ޢަމަލު ކުރާނެ ގޮތް ޤަވާޢިދެއްގައި ހިމެނުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފްވުމުގެ ސަބަބުން ތަންފީޒު ނުކުރެވޭނެ ކަމެއް ޤަވާޢިދެއްގައި ހިމަނައިގެން ނުކުންނަ ނަތީޖާގެ ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީސްކަމެވެ.
[29]އިސްވެ ބުނެވުނު ކަންތައްތައްތަކަށް ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، އަހުރެންގެ ރައުޔަކީ ވަޒީރުންގެ މަޖިލީހަށް މި ފަހުން އިސްކުރެވުނު މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމުގެ ފުރިހަމަ ބާރާއި އިޙްތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް ފިޔަވައި އެހެން ބާރެއް އެމަޖިލީހުން ހަދާ ޤަވާޢިދަކުން ލިބި ނުގަނެވޭނެކަމާއި، މި ފަހުން ވަޒީރުންގެ މަޖިލީހަށް އިސްކުރެވުނު މެމްބަރުން ވަޒީރުންގެ މަޖިލީހުން ވަކިކުރެވޭނެ ހަމައެކަނި ގޮތްތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތްތަކުން ކުރެ ގޮތެއްގެ މަތިން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ އަދި ވަކިވާނެ ގޮތްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވެގެން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޒިންމާ އުފުލަންޖެހޭ އެހެން ސަބަބަކާ ހުރެ ތަންފީޒް ނުކުރެވުމުގެ ސަބަބުން ނުކުންނަ ނަތީޖާގެ ޒިންމާ އުފުލަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމެވެ.
ފަނޑިޔާރު އަޙުމަދު މުއުތަސިމް ޢަދުނާނު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 6 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ)
- ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ)
- 2009/SC-C/02
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- މި ކޯޓުގައި
- ހުށަހެޅުނީ 29 އޮގަސްޓް 2010 · ރަޖިސްޓްރީކުރީ 29 އޮގަސްޓް 2010 · ނިމުނީ 28 އޮކްޓޫބަރު 2010 (2.0 މަސް)