ސައިޓޭޝަން ކޮޕީ ކުރުމަށް
2012/SC-A/08
އިލެކްޝަންސް ކޮމިޝަން ވ. ޢުމެއިރާ އަބޫބަކުރު، 2012/SC-A/08
Elections Commission v. Umeiraa Abubakr 2012/SC-A/08 (2012/SC-A/08, Supreme Court of the Maldives, 3 December 2012)
އިލެކްޝަންސް ކޮމިޝަން ވ. ޢުމެއިރާ އަބޫބަކުރު
މައްސަލައިގެ ޚުލާޞާ
ހައިކޯޓުގެ 2011/HC-I-SH/19 ޤަޟިއްޔާއިން، ގޮނޑި ޙަޤީޤަތުގައި ހުސްވެފައިވޭތޯ ކޮމިޝަނުން ބަލާ ކަށަވަރުކުރުމަށްފަހު މެނުވީ އިންތިޚާބު ނުބޭއްވުމަށް ޙުކުމްކުރިއެވެ. އެ ކަންކަން ފުރިހަމަނުކޮށް ކޮމިޝަނުން ދެވަނަ ފަހަރަށް ބައި އިލެކްޝަން އިޢުލާނުކުރުމުން، ހައިކޯޓުގެ 2011/HC-I-SH/20 ޤަޟިއްޔާއިން އެ އިޢުލާނު ބާޠިލުކަމަށް ޙުކުމްކުރިއެވެ.
ބ. ތުޅާދޫ ކައުންސިލުގެ މެމްބަރު ޢުމެއިރާ އަބޫބަކުރު މަޤުބޫލު ޢުޒުރަކާނުލައި ވިދިވިދިގެން 7 ޖަލްސާއަށް ޙާޟިރުނުވާތީ މެމްބަރުކަމުން ވަކިވެއްޖެކަމަށް ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް އެންގިއެވެ. ޢުމެއިރާ އެކަމާ ދެކޮޅުހަދާ ކޮމިޝަނަށް ޝަކުވާކުރި ނަމަވެސް، ކޮމިޝަނުން ބައި އިލެކްޝަނެއް އިޢުލާނުކުރިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ކައުންސިލަކުން ނިންމާ ނިންމުމެއް ތަޙުޤީޤުކުރުމަކީ ކޮމިޝަނުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތެއް މެދުވެރިވުމުން އިތުރު ނިންމުމަކާނުލައި މެމްބަރު ވަކިވާނެކަމަށާއި، ހައިކޯޓުން ކޮމިޝަނާ ޤާނޫނުން ޙަވާލުނުކުރާ މަސްއޫލިއްޔަތެއް މަތިކޮށްފައިވާކަމަށެވެ. ޢުމެއިރާ ބުނީ، ޖަލްސާތަކަށް ޙާޟިރުނުވެވުނީ މަޤާމުގެ ޙައިޘިއްޔަތުން ވޯކްޝޮޕަކަށް ރަށުން ބޭރަށް ދިޔުމުން ކަމަށެވެ.
މައިގަނޑު ސުވާލު
ކައުންސިލެއްގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެކަމަށް ކައުންސިލުން އަންގައި، އެކަމާ މެމްބަރު ދެކޮޅުހަދާއިރު، ބައި އިލެކްޝަން ބޭއްވުމުގެ ކުރިން އެ ގޮނޑި ޙަޤީޤަތުގައި ހުސްވެފައިވޭތޯ ބަލާ ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ ދަށުން، އިންތިޚާބެއް ބާއްވަންޖެހޭ ޤާނޫނީ ސަބަބެއް މެދުވެރިވެފައިވޭތޯ އަދި ގޮނޑި ޤާނޫނީ ގޮތުން ހުސްވެފައިވޭތޯ ކަށަވަރުކުރުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމަށާއި، ދެބަސްވުން އުފެދިފައިވާ ޙާލަތެއްގައި އެއް ފަރާތެއްގެ ބަހަށް ބުރަވެގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގެ ދަށުން ކޯޓެއްގެ ޙުކުމަށް ބަދަލު ނައިސް ދެމިއޮތްހާ ހިނދަކު އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްވާތީ، ހައިކޯޓުގެ 2011/HC-I-SH/19 ޙުކުމާ ފުށުއަރާ ގޮތަކަށް ޢަމަލުކުރުމުގެ ޙައްޤު ކޮމިޝަނަށް ނުލިބޭކަމަށް ކަނޑައަޅައި، ހައިކޯޓުގެ 2011/HC-I-SH/20 ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ އާއި އަދި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ގޮތުގެމައްޗަށް ބަލާއިރު، އިލެކްޝަނެއް ބާއްވަންޖެހިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހޭ ފަރާތަކީ އުސޫލެއްގެ ގޮތުން އިލެކްޝަންސް ކޮމިޝަންކަން އެނގެން އޮންނަކަމާއި އަދި އެފަދަ އިލެކްޝަނެއް ބޭއްވުމުގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަށަވަރުކުރަންޖެހޭ ކަންކަމުގެތެރޭގައި ޤާނޫނީގޮތުން އިލެކްޝަނެއް ބާއްވަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްފަހު އިންތިޚާބު ބޭއްވުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމާއި (ޙުކުމްގެ ޕެރެގްރާފް ނަންބަރު [11])
- އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރަންޖެހޭ ކަށަވަރުކުރުންތައް ކަށަވަރުކުރުމަކާނުލައި އިންތިޚާބެއް ބޭއްވުނުކަމުގައިވިޔަސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަޒަރުގައި އެއީއަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ ހަމަތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބޭއްވޭ އިންތިޚާބެއްކަމަށް ޤާނޫނީ ހަމަތަކުގެމަތިން ބެލެވެންޖެހޭ ސައްޙަ ސަބަބެއްނެތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [11])
- އިންތިޚާބަކަށް ހޮވިފައިވާ ފަރާތެއްގެ ގޮނޑި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ހުސްވެއްޖެކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީވެސް ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމާއި (ޙުކުމްގެ ޕެރެގްރާފް ނަންބަރު [12])
- މެމްބަރެއްގެ ގޮޑި ހުސްވެއްޖެ ކަމަށްބުނެ ކަމާބެހޭ ފަރާތަކުން ނުވަތަ ކައުންސިލަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ އިތުރު ބެލުމަކާނުލައި އެ މައްޗަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަންޖެހޭ ހުށަހެޅުމެއްކަމަށް ބެލެވުމަކީ އެއީ ޤާނޫނީ ގޮތުން އެކަން ސައްޙަކަމަށް ބަލަންޖެހޭފަދަ ޤާނޫނީ އަސްލެއް އޮތްކަމަކަށް ނުވާނެތީއާ، އަދި ވަކިން ޚާއްސަކޮށް އެ ހުށަހެޅުމަކީ އެ ހުށަހެޅުމާ ބެހޭގޮތުން އެ ދާއިރާއެއްގައި ދެބަސްވުން އުފެދިފައިވާ ހުށަހެޅުމަކަށްވާނަމަ، އެކަން ބަލާ އެކަމުގައި ޤާނޫނާ ޚިލާފުކަމެއް ނުވަތަ އޮޅުވާލުމެއް ނުވަތަ މަކަރާ ހީލަތެއް ހިމެނިފައިނުވާކަމާއި އަދި އެކަމުގެ ޙަޤީޤަތް ބަލާ ކަށަވަރުކުރުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި ބުނެފައިވާ ގޮތުގެމަތިން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބުތައް ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބަލާ ކަށަވަރުކުރަންޖެހޭ ކަންތައްތަކަކަށް ނޫނީ ނުވާނެކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [12]، [15])
- ދިވެހިރާއްޖެއަކީ ޤާނޫނުއަސާސީގެ ސިޔާދަތުގެ އުސޫލުން ހިނގަމުންދާ ދައުލަތެއްކަން ޤާނޫނުއަސާސީގެ 08 ވަނަ މާއްދާއިން އެނގެން އޮތުމާއެކު ކޯޓަކުން ކޮށްފައިވާ ޙުކުމަކަށް ބަދަލުނައިސް ދެމިއޮތްހާ ހިނދަކު އެ ޙުކުމަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްވާނެތީއާ، ކޯޓުތަކުގެ ޙުކުމްތަކަށް ޙުރުމަތްތެރިކޮށް ނުހިތުމަކީ ރޫލް އޮފް ލޯ ނެގެހެއްޓުމަށް ހުރަސްއެޅިދާނެ ކަމަކަށްވާތީ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [14])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2012/SC-A/08
[1]ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން، ޕީއޭ ކޮމްޕްލެކްސް 5 ވަނަ ބުރި
ދަޢުވާ ލިބޭ ފަރާތް: ޢުމެއިރާ އަބޫބަކުރު
މައްސަލައިގެ ބާވަތް: އިންތިޚާބާއިގުޅޭ މައްސަލަ
[2]މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 30 ޖެނުއަރީ 2012
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 މެއި 2012
ނިމުނު ތާރީޚް: 03 ޑިސެމްބަރ 2012
މައްސަލަ ނިންމި ގަޑި: 15:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސައީދު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-I-SH/20
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 14 ނޮވެމްބަރ 2011
ނިމުނު ތާރީޚް: 20 ޑިސެމްބަރ 2011
މައްސަލައިގެ ޚުލާސާ:
[3]މި ޤަޟިއްޔާއަކީ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބ. އަތޮޅު ތުޅާދޫ ކައުންސިލުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވަނީ ތުޅާދޫ ކައުންސިލުގެ ބައި އިލެކްޝަން ބޭއްވުމުގެ ކުރިން އިލެކްޝަން ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭނެ ކަމަށް ހައިކޯޓުގެ ނަންބަރު 2011/HCA/19 ޤަޟިއްޔާގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަންކަން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާގޮތަށް ފުރިހަމަކުރުމަކާނުލައި ކަމަށާއި، އެއީ ޤާނޫނީގޮތުން ހުއްދަކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބ. ތުޅާދޫ ކައުންސިލުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުގެ ނަންބަރު 05) (A) CA-2011/166 އޮކްޓޯބަރ 2011) ގެ އިޢުލާނުގައި އިޢުލާނުކުރިކުރުމަކީ ބާޠިލް ކަމެއްކަމަށް ހައިކޯޓުގެ ނަންބަރު 2011/HC-I-SH/20 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެކަން ބަލާ ފައިސަލާކުރުވަނިވި ނިންމެވުމެއް ނިންމާދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
[4]ހައިކޯޓުގެ ނަންބަރު 2011/HC-I-SH/20 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ އިލެކްޝަން ކޮމިޝަނުގެ ފަރާތުން ތިން ސަބަބެއް ހުށަހަޅާ އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
[5](ހ)ފުރަތަމަ ސަބަބަކީ، ހައިކޯޓުގެ ނަންބަރު 2011/HC-I-SH/19 ޤަޟިއްޔާގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަލީ ސަމީރު އަދި ފަނޑިޔާރު އައްބާސް ޝަރީފް ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ހަތަރުވަނަ ނުކުތާގައި "ޤާނޫނުނަކުން ކައުންސިލަކަށް ދީފައިވާ ބާރެއް އެކައުންސިލުން ބޭނުންކޮށްފައިވާގޮތް ތަޙްޤީޤްކޮށް، އެބާރެއް ބޭނުންކުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ދީފައިވާ ބާރުތަކާއި އިންތަކުގެ ބޭރުން ކުރެވޭ ކަމެއްކަމުން، މިފަދަ ކަންކަން ތަޙުޤީޤު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމުގައިވީ ނަމަވެސް، އެފަދަ ނިންމުމެއްގެ މައްޗަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަނެއް ބާއްވަން ނިންމުމުގެ ކުރިން، ކައުންސިލުން އެ ނިންމުންތައް ނިންމުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާޢާތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) އިން އިލެކްޝަންސް ކޮމިޝަނަށް މަތިކުރުވާފައިވާ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި މި ކޮމިޝަނުން ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށާއި، އެހެންކަމުން ކައުންސިލުން ނިންމާ މިފަދަ ލިޔުންތަކާއި އެކަމާބެހޭ އިޖުރާޢާތުތައް އެކައުންސިލުން ފުރިހަމަ ކޮށްފައިވޭތޯ " އިލެކްޝަންސް ކޮމިޝަންގެ މަސައްކަތުގެ ނިޒާމުގެ ތެރެއިން ދިރާސާކޮށް ބަލާ ކަށަވަރުކުރަންޖެހޭނެކަން" މިޢިބާރާތުން ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް މަސްއޫލިއްޔަތުގެ ތެރޭގައި ނުވާ ކަންތައްތައް މަސްއޫލުކުރުވާފައިވުމެވެ.
[6](ށ) ދެވަނަ ސަބަބަކީ، އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްވެސް އިންތިޚާބެއް ނުވަތަ ބައި-އިލެކްޝަނެއް ބޭއްވުމުގެ ކުރިން އެ އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަން ކަށަވަރުކުރުމަށް ބަލާއިރު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ށ) ގައި މެންބަރަކު މެންބަރުކަމުން ވަކިވާނެކަމަށް ސަރީޙަކޮށް ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަން ޔަޤީންވާނަމަ، އެފަދަ ޙާލަތުގައި އެއްވެސް ފަރާތަކުން އިތުރު ނިންމުމެއް ނިންމަންޖެހޭނެކަމަށް ޤާނޫނުގެ ޢިބާރާތުން ދޭހަނުވާއިރު، އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވުމެވެ.
[7](ނ) ތިންވަނަ ސަބަބަކީ، އިލެކްޝަންސް ކޮމިޝަނުން ބ. ތުޅާދޫ ރަށުކައުންސިލުގެ ބައި-އިލެކްޝަން އިޢުލާންކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢުމެއިރާ އަބޫބަކުރު މަޤުބޫލު ޢުޒުރެއްނެތި ވިދިވިދިގެން 7 (ހަތެއް) ޖަލްސާއަށް ހާޒިރުވެފައިނުވާތީ، އެ މަޤާމުން ޢުމެއިރާ އަބޫބަކުރު ވަކިވެފައިވާކަމަށް ކައުންސިލުގެ ލިއުންތަކުން އެނގެން އޮންނާތީ އެކަމުގެ މައްޗަށް ބިނާކޮށް ކައުންސިލުގެ ރައީސް އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއަކުންކަމަށްވެފައި، އަދި ތުޅާދޫ ކައުންސިލުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ (ހ) ގައި ކައުންސިލުގެ މެންބަރަކަށް ސަލާމް ބުނެވޭނީ އެ މެންބަރެއްގެ ނުވަތަ އެ މެންބަރެއްގެ ބެލުން ޝަރުޠުވާމީހެއްގެ ބަލިހާލަތު ހުރިގޮތުން ކައުންސިލުގެ ބައްދަލުވުމަށް ނުވަތަ މަސައްކަތަށް ނުކުމެވޭވަރުނުވާނަމަ ކަމަށާއި، އެގޮތުން އެފަދަ ޙާލަތުގައި ކައުންސިލުގެ ރައީސަށް އެކަން އަންގަންޖެހޭނެކަމަށާއި، އެގޮތުން އަންގާފައިނުވާނަމަ، ބެލެވޭނީ މަޤުބޫލު ޢުޒުރެއްނެތި ޙާޒިރުނުވީކަމަށްކަން ވަރަށް ސާފުކޮށް ތުޅާދޫ ކައުންސިލުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، ޢުމައިރާ އަބޫބަކުރު ވިދިވިދިގެން 7 ޖަލްސާއަށް ހާޒިރުވެފައިނުވަނީ މަޤުބޫލު ޢުޒުރަކާ ލައިގެންނޫންކަމަށް ޤަވާޢިދަށް ރިޢާޔަތްކުރުމުންވެސް އެނގެން އޮންނައިރު، މި މާއްދާއަށް ރިޢާޔަތްކުރައްވާފައި ނުވުމެވެ.
[8]މި މައްސަލައާ ގުޅިގެން ދެފަރާތުން ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޤާއިމުކުރެވިފައިވާ ދީމިޤްރާތީ އުޞޫލުތަކާއި މި ބާވަތުގެ މައްސަލަތަކުގައި ދީމިޤްރާތީ އެހެނިހެން މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[9]ފުރަތަމަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2011/HC-I-SH/20 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްގައި، ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނާ ޙަވާލުކޮށްފައިނުވާ މަސްޢޫލިއްޔަތެއް މަތިކޮށްފައިވާކަމަށް ބުނެފައިވާއިރު، އިލެކްޝަންސް ކޮމިޝަނަކީ ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއިއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް ނުވަތަ ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއްނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭނެގޮތަށްކަން ކަށަވަރުކުރުމަށްފަހު ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތައް ބޭއްވުމާބެހޭ އެންމެހައި މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ން ރަނގަޅަށް އެނގެން އޮންނައިރު އިލެކްޝަންސް ކޮމިޝަނުގެ ދަޢުވާގައި ބުނެފައިވާ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/19 ޤަޟިއްޔާއިން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވާ އެ ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ނުހިމެނޭ ކަމަށްބުނާ ކަންތައްތަކަކީ ބ. ތުޅާދޫ ކައުންސިލުގެ މެމްބަރަކު އިންތިޚާބުކުރުމުގެ ކުރިން އެ ކައުންސިލުގެ ގޮނޑިއެއް ޙަޤީޤަތުގައިވެސް ހުސްވެފައިވޭތޯ ބަލާ ކަށަވަރުކުރުމަށްޓަކައި ޤާނޫނީގޮތުން އެ ކޮމިޝަނުން ކުރަންޖެހޭނެކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާ ކަންތައްތައްކަން މި މައްސަލާގައި ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ރަސްމީ ލިއުންތަކުން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
[10]ދެވަނަ ކަމަކީ، ބ. ތުޅާދޫ ކައުންސިލުގެ މެމްބަރު އުމެއިރާ އަބޫބަކުރު، މަޤުބޫލު ޢުޒުރަކާނުލައި ވިދިވިދިގެން އެ ކައުންސިލުގެ 07 ޖަލްސާއަށް ޙާޟިރުވެފައި ނުވާކަމަށާއި އަދި އުމެއިރާ އަބޫބަކުރު އެ ކައުންސިލުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށްބުނެ އިލެކްޝަންސް ކޮމިޝަނަށް އެކަން އެންގުމާގުޅިގެން ތުޅާދޫ ކައުންސިލުގެ އެ ވާހަކަ ދޮގުކޮށް އެ މައްސަލަ ބަލާދިނުމަށް އެދި ޢުމެއިރާ އަބޫބަކުރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކުން އެނގެން އޮތްކަމާއި އަދި ޢުމެއިރާ އަބޫބަކުރުގެ އެ ޝަކުވާއާ ގުޅިގެން ތުޅާދޫ ކައުންސިލުގެ ގޮނޑި ހުސްވުމުގެ މައްސަލައަކީ ޤާނޫނީގޮތުން ސުވާލު އުފެދިފައިވާ މައްސަލައެއްކަން އިތުރު ޙުއްޖަތަކާ ނުލައި ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮތުމާއެކުވެސް އެ ގޮޑި ހުސްވެއްޖެތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިތުރު ބެލުންތަކެއް ބަލަންޖެހޭނެކަމަށް ޤަބޫލުނުކުރާކަމަށާއި އަދި އެފަދަ އިތުރު ބެލުމެއްބަލައި ކަށަވަރުކުރަންޖެހުމަކީ ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތުގެ ތެރެއަށް ޤާނޫނުގައި ނެތް އިތުރު މަސްއޫލިއްޔަތެއް ވެއްދުންކަމަށް ދެކޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
[11]ތިންވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތު ބަޔާންކުރާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ އާއި އަދި ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ގޮތުގެމައްޗަށް ބަލާއިރު، އިލެކްޝަނެއް ބާއްވަންޖެހިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހޭ ފަރާތަކީ އުސޫލެއްގެ ގޮތުން އިލެކްޝަންސް ކޮމިޝަންކަން އެނގެން އޮންނަކަމާއި އަދި އެފަދަ އިލެކްޝަނެއް ބޭއްވުމުގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަށަވަރުކުރަންޖެހޭ ކަންކަމުގެތެރޭގައި ޤާނޫނީގޮތުން އިލެކްޝަނެއް ބާއްވަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްފަހު އިންތިޚާބު ބޭއްވުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމާއި އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރަންޖެހޭ ކަށަވަރުކުރުންތައް ކަށަވަރުކުރުމަކާނުލައި އިންތިޚާބެއް ބޭއްވުނުކަމުގައިވިޔަސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަޒަރުގައި އެއީއަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ ހަމަތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބޭއްވޭ އިންތިޚާބެއްކަމަށް ޤާނޫނީ ހަމަތަކުގެމަތިން ބެލެވެންޖެހޭ ސައްޙަ ސަބަބެއްނެތުމެވެ.
[12]ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތު ބަޔާންވެފައިވާ ގޮތުގެމައްޗަށް ބަލާއިރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބަލާ ކަށަވަރުކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އިންތިޚާބު ބޭއްވުމުގެކުރިން ކަށަވަރުކުރަންޖެހޭ ކަންތައްތަކާއި އިންތިޚާބެއް ބޭއްވި ހިނގަމުންދާއިރު ކަށަވަރުކުރަންޖެހޭ ކަންތައްތަކާއި އަދި އިންތިޚާބު ބޭއްވި ނިމުމަށްފަހު ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމާމެދު ޤާނޫނީގޮތުން ދެބަސްވެވެން ނެތްކަން ފާހަގަކުރެވިފައިވާއިރު، އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ޤާނޫނީގޮތުން ހުރުން ލާޒިމްވާ ޝަރުޠުތައް އެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވޭތޯ ރަސްމީގޮތުން ބަލާ ކަށަވަރުކުރުމަކީ އިލެކްޝަންސް ބޭއްވުމުގެކުރިން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމަކަށްވާއިރު، ހަމައެފަދައިން އިންތިޚާބަކަށް ހޮވިފައިވާ ފަރާތެއްގެ ގޮނޑި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ހުސްވެއްޖެކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީވެސް ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމާއި، އަދި ހަމަ އެބީދައިން އިންތިޚާބުވެފައިވާ ގޮޑިއެއް ހުސްވެއްޖެކަމަށްބުނެ ހުށަހެޅޭ ކަމާބެހޭ އެންމެހައި ލިއުންތަކާއި އެކަން ހިނގާފައިވާ ގޮތުގެ މައްޗަށް ވިސްނާ ބެލުމަށްފަހު އެކަން އެގޮތަށް ހިނގާފައިވާކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ދަޢުވާގައި ބުނެފައިވާ ފަދައިން އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ނޫންކަމަށް ޤާނޫނީގޮތުން ބެލެވިދާފަދަ އެއްވެސް ހަމައެއްނެތަތީ، މެމްބަރެއްގެ ގޮޑި ހުސްވެއްޖެ ކަމަށްބުނެ ކަމާބެހޭ ފަރާތަކުން ނުވަތަ ކައުންސިލަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ އިތުރު ބެލުމަކާނުލައި އެ މައްޗަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަންޖެހޭ ހުށަހެޅުމެއްކަމަށް ބެލެވުމަކީ އެއީ ޤާނޫނީ ގޮތުން އެކަން ސައްޙަކަމަށް ބަލަންޖެހޭފަދަ ޤާނޫނީ އަސްލެއް އޮތްކަމަކަށް ނުވާނެތީއާ، އަދި ވަކިން ޚާއްސަކޮށް އެ ހުށަހެޅުމަކީ އެ ހުށަހެޅުމާ ބެހޭގޮތުން އެ ދާއިރާއެއްގައި ދެބަސްވުން އުފެދިފައިވާ ހުށަހެޅުމަކަށްވާނަމަ، އެކަން ބަލާ އެކަމުގައި ޤާނޫނާ ޚިލާފުކަމެއް ނުވަތަ އޮޅުވާލުމެއް ނުވަތަ މަކަރާ ހީލަތެއް ހިމެނިފައިނުވާކަމާއި އަދި އެކަމުގެ ޙަޤީޤަތް ބަލާ ކަށަވަރުކުރުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި ބުނެފައިވާ ގޮތުގެމަތިން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބުތައް ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބަލާ ކަށަވަރުކުރަންޖެހޭ ކަންތައްތަކަކަށް ނޫނީ ނުވާނެކަން ރަގަޅަށް އެނގެން އޮތުމެވެ.
[13]ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާއަކީ ލޯކަލް ކައުންސިލްތަކުގެ މެމްބަރުން އެ ކައުންސިލްތަކުގެ މެމްބަރުކަމުން ވަކިވާނޭ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާއަށްވާއިރު، އެ މާއްދާގައި އެމީހަކު މެމްބަރުކަމުން ވަކިވާން އެދި ކައުންސިލަށް އެޑްރެސްކޮށް ސިޓީފޮނުވުމާއި މަޤްބޫލު އުޒުރެއްނެތި ވިދިވިދިގެން 07 ޖަލްސާއަށް ޙާޟިރުނުވުމާއި މެމްބަރެއްގެ ކިބައިގައި ހުރުން މި ޤާނޫނު ލާޒިމްކުރާ ސިފައެއް އެ މެމްބަރެއްގެ ކިބައިން އުނިވުމާއި، މަރުވުން ނުވަތަ ކައުންސިލްގެ ވާޖިބު އަދާނުކުރެވޭ ދާއިމީ ޙާލަތެއްގައި ނުކުޅެދުމާއި މި ސަބަބުތައް އެއީ ކައުންސިލްގެ މެމްބަރަކު އެ ކައުންސިލުން ވަކިވާނެ ސަބަބުތައްކަމަށް ބަޔާންކުރިއިރު، މަޤްބޫލު ޢުޒުރެއްކަމަށް ބެލެވޭނީ ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކައުންސިލުން ޤަބޫލުކުރާ ސަބަބެއް މެދުވެރިވުންކަމަށް އެ މާއްދާގައި ބުނެފައިވާކަން ފާހަގަކުރެވިފައިވާއިރު ތުޅާދޫ ކައުންސިލުގެ މެމްބަރުކަމުން އެ ކައުންސިލްގެ މެމްބަރު ޢުމެއިރާ އަބޫބަކުރު ވަކިވެއްޖެކަމަށް ތުޅާދޫ ކައުންސިލުން ބަލާފައިވަނީ ބުނެވިދިޔަ ޤާނޫނުގެ 119 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ފަދައިން މަޤްބޫލު ޢުޒުރަކާނުލައި ވިދިވިދިގެން ތުޅާދޫ ކައުންސިލްގެ 07 ޖަލްސާއަށް ޢުމެއިރާ އަބޫބަކުރު ޙާޟިރުނުވުމުންކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު ޢުމެއިރާ އަބޫބަކުރު އެ ދުވަސްތަކުގައި ރަށުގައިނެތްކަމާއި، ޢުމެއިރާ އަބޫބަކުރު ރަށުގައިނެތީ މަޤާމުގެ ހައިޘިއްޔަތުން އޭނާ ބައިވެރިވާންޖެހޭ ވޯރކްޝޮޕެއްގައި ބައިވެރިވުމަށްޓަކައި ރަށުން ބޭރަށްދާންޖެހުމުގެ ސަބަބުންކަމާއި، އަދި ތުޅާދޫ ކައުންސިލުގެ ޖަލްސާތަކަށް ޢުމެއިރާ އަބޫބަކުރު ރަށުގައިނެތީސް ދެންނެވިފައިވާކަމަށް ތުޅާދޫ ކައުންސިލުންނާއި އަދި އިލެކްޝަންސް ކޮމިޝަނުންވެސް ދެކޭ ސަބަބަކީ ހަމައެކަނި އެ ޖަލްސާތަކަށް ދަންނަވާ ދެންނެވުން ތުޅާދޫ ކައުންސިލުގައި ހުންނަ ޢުމެއިރާ އަބޫބަކުރުގެ މޭޒުމަތީގައި އެ ކައުންސިލުގެ މުވައްޒަފަކު ބާއްވާ ބޭއްވުމުގެ މައްޗަށް ބިނާކޮށްގެންކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލިސްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން ޢުމެއިރާ އަބޫބަކުރު ރަށުގައިނެތީސް ހަމައެކަނި ކައުންސިލުގައި ހުންނަ އޭނާގެ މޭޒުމަތީގައި ޖަލްސާއަށް ދަންނަވާ ދެންނެވުން ބޭއްވުމަކީ އެ ޖަލްސާއަކަށް ޢުމެއިރާ އަށް ދެންނެވުންކަމަށް ޤާނޫނީގޮތުން ބެލެވިދާނެތޯ ބަލާ ކަށަވަރުކުރުން އެއީ ބަލާ ގޮތެއް ނިންމަންޖެހޭ މައްސަލައެއްކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
[14]ހަވަނަ ކަމަކީ، ބ. ތުޅާދޫ ކައުންސިލުގެ މެމްބަރުކަމުން ޢުމެއިރާ އަބޫބަކުރު ވަކިކޮށްފައިވާކަމަށް ބުނެ ފާސްކުރި ޤަރާރާ ގުޅިގެން ޢުމެއިރާ އަބޫބަކުރު އެކަމާ ދެކޮޅުހަދާފައިވާކަމާއި އަދި އެކަން ހިނގާފައިވާގޮތް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމުގައިވިޔަސް އެ ދާއިރާގައި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެނެސްފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ހައިކޯޓުގެ ނަންބަރު 2011/HC-I-SH/19 ޤަޟިއްޔާއަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު)ގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުކަމަށް ބުނެފައިވާ ކަންކަން އެންމެ އެކަށީގެންވާގޮތަށް ފުރިހަމަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަށަވަރުކުރަންޖެހޭ ކަންތައްތައް އިތުރަށްބަލާ ކަށަވަރުކުރުމަށްފަހުގައި މެނުވީ ބ. ތުޅާދޫ ކައުންސިލުގެ އިންތިޚާބު ނުބޭއްވުމަށް ހައިކޯޓުން ޙުކުމްކުރެއްވި ޤަޟިއްޔާކަމާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގައި ބުނެފައިވާ ކަންތައްތައް އެ ޤަޟިއްޔާގައި ބުނެފައިވާ ގޮތުގެމަތިން ބަލާ ކަށަވަރުކުރުމަކާނުލައި އެ އިންތިޚާބު ނުބޭއްވޭނެކަމަށް ދެވަނަ ފަހަރަށް ހައިކޯޓުގެ ނަންބަރު 2011/HC-I-SH/20 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ބ. ތުޅާދޫ ކައުންސިލުގެ ބައި އިލެކްޝަން އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދެވަނަ ފަހަރަށް އިޢުލާނުކޮށްފައިވަނީވެސް ހައިކޯޓުގެ ނަންބަރު 2011/HC-I-SH/19 ޤަޟިއްޔާގައި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންތައްތަކަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫންކަމަށްބުނެ އެކަންކަން އިތުރަށް ބަލާ ކަށަވަރުކުރުމަކާނުލައިކަމަށް ބުނެ ހުށަހެޅުނު ދަޢުވާއަކާ ގުޅިގެންކަން ފާހަގަކުރެވިފައިވާއިރު، ދިވެހިރާއްޖެއަކީ ޤާނޫނުއަސާސީގެ ސިޔާދަތުގެ އުސޫލުން ހިނގަމުންދާ ދައުލަތެއްކަން ޤާނޫނުއަސާސީގެ 08 ވަނަ މާއްދާއިން އެނގެން އޮތުމާއެކު ކޯޓަކުން ކޮށްފައިވާ ޙުކުމަކަށް ބަދަލުނައިސް ދެމިއޮތްހާ ހިނދަކު އެ ޙުކުމަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްވާނެތީއާ، ކޯޓުތަކުގެ ޙުކުމްތަކަށް ޙުރުމަތްތެރިކޮށް ނުހިތުމަކީ ރޫލް އޮފް ލޯ ނެގެހެއްޓުމަށް ހުރަސްއެޅިދާނެ ކަމަކަށްވާތީއާ އެފަދަ ޘަޤާފަތެއް ދިވެހިރާއްޖޭގައިވެސް އަދި ދީމިޤްރާތީ އެހެން ދައުލަތެއްގައިވެސް އާލާވެ އަށަގަތުމަށް ޖާގަލިބުމަކީ ދިވެހިރާއްޖެ ފަދަ ދީމިޤްރާތީ މުޖުތަމައެއްގައި ނެގެހެއްޓިފައިވާ ދުސްތޫރީ މަބުދައުތަކާއި އަދި ދީމިޤްރާތީ ވެލިއުސްތަކުގެ ބާރު ކެނޑިގެން ހިނގައިދާނެ ކަމަކަށްވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/19 ޤަޟިއްޔާގައި ބުނެފައިވާގޮތާއި ފުށުއަރާފަދަ ގޮތަކަށް ޢަމަލުކުރުމުގެ ޙައްޤު އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް އޮތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނުމެވެ.
[15]ހަތްވަނަ ކަމަކީ، މިނިވަން އިންސާފުވެރި އަދި ބިރުވެރިކަމެއް ތަޅާފޮޅުމެއް އަރާރުމެއްވިޔަސް ނެތް، އަމާން މާހައުލެއްގައި ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ އަދި ކޮރަޕްޝަނެއް ނެތް ފާޅުކަންބޮޑު އިންތިޚާބެއް ބޭއްވުމާއި، އަދި އެފަދަ އިންތިޚާބެއް ބޭއްވުމަށްޓަކައި މަގުފަހިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި އަދި އިންތިޚާބު ހިނގަމުންދަނީ އިންސާފުވެރިކަމާއެކުކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ކޮނޑުގައި އެޅިފައިވާ ދުސްތޫރީ މަސްއޫލިއްޔަތަކަށްވާއިރު، ބ. ތުޅާދޫ ކައުންސިލުގެ މެމްބަރު ޢުމެއިރާ އަބޫބަކުރު އެ ކައުންސިލުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް އެ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ޢުމެއިރާ އަބޫބަކުރު އެކަން ޤަބޫލުނުކުރާކަމަށް ބުނެ ޚުސޫމަތެއް އުފައްދާފައިވަނިކޮށް އެކަމާގުޅިގެން ރަނގަޅަށް ތަޙްޤީޤްކޮށް، ހޯދަންޖެހޭ ކަމުގެ ޙަޤީޤަތް ހޯދާ އެކަން ހިނގާފައިވާގޮތް ބަލައި ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާއިރު އެފަދަ ޚުސޫމަތްތެރި ޙާލަތެއްގައި ޒިންމާދާރު މުއައްސަސާއެއްގެ ޙައިޘިއްޔަތުން ބަލަންޖެހޭ ބެލުންތައް ބަލައި ކަށަވަރުކުރުމަކާނުލައި ޚުސޫމަތްތެރި ދެފަރާތުގެ ތެރެއިން އެއްފަރާތެއްގެ ބަހުގެ މައްޗަށް ބުރަވެތިބެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި ބުނެފައިވާ ފަދަ މިނިވަން އިންސާފުވެރި ނުރަނގަޅު ނުފޫޒެއްނެތް އަދި ކޮރަޕްޝަނުން އެއްކިބާކުރެވިފައިވާ ޓްރާންސްޕޭރަންޓް އިންތިޚާބެއް ބޭއްވިދާނެކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބަލާ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް
[16]އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި ކޮރަޕްޝަނެއް ނެތް ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބެއް ބޭއްވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނާ މަތިކުރެވިފައިވާ ދުސްތޫރީ މަސްއޫލިއްޔަތަކަށްވާތީއާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ފަދަ އަމާން މާޙައުލެއްގައި އިންތިޚާބު ބޭއްވޭނީ އިލެކްޝަންސް ބޭއްވުމުގެ ކުރިންނާއި އިލެކްޝަންސް ބޭއްވި ހިނގަމުންދާއިރުގައްޔާއި އަދި އިލެކްޝަނެއް ބޭއްވުމަށްފަހުވެސް ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގައި ބުނެފައިވާ ފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބަލާ ކަށަވަރުކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމައަށް ޒިންމާދާރުކަމާއެކު ފުރިހަމަކޮށްގެން ކަމަށްވެފައި ހައިކޯޓުގެ ނަންބަރު 2011/HC-I-SH/20 ޤަޟިއްޔާގައި އިލެކްޝަންސް ކޮމިޝަނުން ފުރިހަމަކުރަންޖެހޭނެކަމަށް ބުނެފައިވާ ކަންކަމަކީ ޤާނޫނުއަސާސީގެ ސިޔާދަތުގެ އުސޫލުން ހިނގަމުންދާ މި ދިވެހިރާއްޖޭގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްނޫންކަމަށް ކަނޑައަޅަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސައީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ
- 2011/HC-I-SH/19
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަލީ ޙަމީދު މުޙައްމަދު
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 30 ޖަނަވަރީ 2012 · ރަޖިސްޓްރީކުރީ 2 މޭ 2012 · ނިމުނީ 3 ޑިސެމްބަރު 2012 (7.1 މަސް)