ސައިޓޭޝަން ކޮޕީ ކުރުމަށް
2017/SC-E/05
އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު، 2017/SC-E/05
Elections Commission v. Fareedhaa Umar 2017/SC-E/05 (2017/SC-E/05, Supreme Court of the Maldives, 27 March 2017)
އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު
މައްސަލައިގެ ޚުލާޞާ
ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރު، 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ނ. ލަންދޫ ރަށު ކައުންސިލަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސްގެ ޓިކެޓް ހޯދުމަށް 04 ނޮވެންބަރު 2016 ގައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރިއެވެ. ދެން، ޖަނަވަރީ 2017 ގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ޤަބޫލުކުރިއެވެ. ފަހުން، ޤާނޫނު ނަންބަރު 28/2016 ގެ 10 ވަނަ މާއްދާގެ ދަށުން އޭނާގެ ކެންޑިޑެސީ ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ޤާނޫނު ނަންބަރު 28/2016 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން، ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރި މީހަކަށް އެ އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދަނުކުރެވޭނެ ކަމަށެވެ. ފަރީދާ ޢުމަރު ބުނީ، އޭނާ ޕްރައިމަރީގައި ވާދަކުރީ އެ މާއްދާއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަމަށާއި، އެހެންކަމުން އެ މާއްދާ އޭނާގެ މައްޗަށް ތަޠްބީޤުކުރުމަކީ ޤާނޫނު ފަހަތަށް ތަޠްބީޤުކުރުން ކަމަށެވެ.
މައިގަނޑު ސުވާލު
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރި މީހަކު، އެ އިޞްލާޙަށް ޢަމަލުކުރަން ފެށުމަށްފަހު ބާއްވާ އިންތިޚާބެއްގައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހެޅުމުން، ޤާނޫނު ނަންބަރު 28/2016 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާ އޭނާގެ މައްޗަށް ތަޠްބީޤުކުރުމަކީ ޤާނޫނު ފަހަތަށް ތަޠްބީޤުކުރުން ކަމުގައި ބެލެވޭނެތޯ.
ނިންމި ގޮތް
ކެންޑިޑެސީ ޤަބޫލުކުރި ނިންމުން ބާޠިލު (އިއްތިފާޤުން)
ޖިނާއީ ނޫން ޤާނޫނެއްވެސް ޢާންމު އުޞޫލެއްގެ ގޮތުން ތަޠްބީޤުކުރެވޭނީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ހިނގާ ކަންކަމުގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓު ދެކުނެވެ. ޤާނޫނު ނަންބަރު 28/2016 ގެޒެޓުގައި ޝާއިޢުކުރެވުނީ 6 ޑިސެންބަރު 2016 ގައި ކަމަށްވާއިރު، 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ފަރީދާ ޢުމަރު ކުރިމަތިލުމަށް ހުށަހެޅުން ވެސް ވީ އެ ތާރީޚުގެ ފަހުން ކަމުން، ޤާނޫނު ނަންބަރު 28/2016 ގެ 10 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އޭނާގެ ކެންޑިޑެސީއާމެދު ގޮތެއް ނިންމުމަކީ ޤާނޫނު ފަހަތަށް ތަޠްބީޤުކުރުމެއް ނޫނެވެ. އެހެންކަމުން، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ޙައްޤު އޭނާއަށް ލިބިގެން ނުވާތީ، އޭނާއަށް ވާދަކުރެވޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންމެ ޤާނޫނެއްވެސް އުޞޫލެއްގެ ގޮތުން، ތަޠްބީޤުކުރެވޭނީ އެ ޤާނޫނަކަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ފަހުން ހިނގާ ވަޤާއިޢުތަކުގެ މައްޗަށް، ނުވަތަ ކުރެވޭ މުޢާމަލާތު ތަކުގެ މައްޗަށްކަމާއި، މީގެ މަފްހޫމަކީ ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާޟީގައި ހިނގައިދިޔަ ވާޤިޢާއެއްގެ މައްޗަށް ނުވަތަ ކުރެވުނު މުޢާމަލާތެއްގެ މައްޗަށް އެ ޤާނޫނު "ރަޖްޢީ" (retrospective) ކޮށް ތަޠްބީޤު ނުކުރެވުން ކަމާއި … ޖިނާއީ ނޫން އެހެން ޤާނޫނެއްގައި، އެ ޤާނޫނު "ރަޖްޢީކޮށް" މާޟީގައި ހިނގާފައިވާ ކަންތަކުގެ މައްޗަށް ތަޠްބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާނަމަ، އެ ޤާނޫނަކީވެސް ޢާންމު އުޞޫލެއްގެ ގޮތުގައި "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރެވޭނެ ޤާނޫނެއްކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [9])
- ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤު ކުރެވި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ތާރީޚަކީ 6 ޑިސެންބަރު 2016 (7 ރަބީޢުލްއައްވަލް 1438ހ) ކަމުގައި ވާއިރު، އެ ތާރީޚުގެ ފަހުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އިންތިޚާބެއްގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހަޅާ މީހުންގެ މައްޗަށް ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އިޞްލާޙުކުރެވުނު އެ ޤާނޫނުގެ 10 ވަނަ މާއްދާ ތަޠްބީޤުކުރެވޭނެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [9])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:2017/SC-E/05
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: ފަރީދާ ޢުމަރު
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 12 މާރިޗު 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 މާރިޗު 2017
ނިމުނު ތާރީޚް: 27 މާރިޗު 2017
މައްސަލަ ނިންމި ގަޑި: 13:52
[2]މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާޞާ
[3]މި ޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ނ. ލަންދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރު އަކީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) ގެ ޕްރައިމަރީގައި ބައިވެރިވެފައިވާ ފަރާތެއްކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި އެ ޕާޓީގެ ޕްރައިމަރީގެ ނަތީޖާ އިން ސާބިތުވެފައިވާ މީހަކަށްވެފައި، ޤާނޫނުއަސާސީ އިން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލްކުރަންވާނެކަމަށް ޤާނޫނު ނަންބަރު 28/2016 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައި ކަނޑައަޅައިފައިވާތީ، ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަ ނުވާ މީހެއްކަމަށް ބުނެ، ފަރީދާ ޢުމަރުގެ ކެންޑިޑެސީއަކީ ބާޠިލް ކެންޑިޑެސީއެއްކަމަށް ކަނޑައަޅައިދިނުން އެދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/01 ޤަޟިއްޔާ އިން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ 48 ގަޑިއިރު ފާއިތުވާ ފަހުން އިންތިޚާބަށް ކުރިމަތިލުމަށް އެދިފައިވާ މީހެއްގައި ފުރިހަމަވުން ޤާނޫނުން ލާޒިމްކޮށްފައިވާ ޝަރުޠެއް ފުރިހަމަ ނުވާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެ މީހެއްގެ ކެންޑިޑެސީ ބާޠިލްކޮށްދިނުން އެދި ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށް، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
[4]މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގައި "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، ބުނެވިދިޔަ ޤާނޫނު ނަންބަރު 2016/28 ގެ 10 ވަނަ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައި، އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލު ކުރަންވާނެއެވެ". މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
[6](ށ) ދެވަނަ ކަމަކީ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލެވުނުކަން އަންގައި، 08 ޖަނަވަރީ 2017 ވަނަ ދުވަހު، އިލެކްޝަން ކޮމިޝަނުން ކުރި އެ ކޮމިޝަންގެ ނަންބަރު (A)CA-2017/5 އިޢުލާނުގައި، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކަށް އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަނުކުރެވޭނެކަން ބަޔާންކޮށްފައި އޮންނަކަން އެނގެން އޮންނަ ކަމެވެ.
[7](ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާ ގުޅިގެން، ޤަވާޢިދު ނަންބަރު R-85/2016 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާޢިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤަވާޢިދުގައި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ލިސްޓްތައް އިލެކްޝަންސް ކޮމިޝަނާ ޙިއްސާކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށްފައިވާކަމާއި، ބަޔާންވެދިޔަ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުން ޕްރައިމަރީއެއް ބާއްވާނަމަ އެކަން އެ ކޮމިޝަނަށް އެންގުމަށާއި، ޕްރައިމަރީއެއް ބާއްވައިފައިވާނަމަ އެ ޕްރައިމަރީގެ މަޢުލޫމާތުތައް 12 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެ ކޮމިޝަނަށް އެންގުމަށް، އެ ކޮމިޝަންގެ ނަންބަރު 38-BB/MDA/2017/6 ސިޓީއިން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) އަށް އަންގައިފައިވާކަން އެނގެން އޮންނަކަމާއި، ބަޔާންވެދިޔަ ސިޓީއާ ގުޅިގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) އިން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓް ހޯދުމަށް ބޭއްވުނު ޕްރައިމަރީގެ މަޢުލޫމާތުތަށް 12 ޖަނަވަރީ 2017 ގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައިވާކަން އެނގެން އޮންނަކަމެވެ.
[8](ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ ޢިބާރާތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން އެ މީހަކަށް ލިޔުމަކުން އަންގަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، 14 ޖަނަވަރީ 2017 ގައި ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހެޅުމުން، އެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމަށް ހުށަހެޅި ކެންޑިޑެސީ ޤަބޫލުކޮށް، 22 ޖަނަވަރީ 2017 ގައި އެކަން ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރަށް އަންގައިފައިވާކަން އެނގެން އޮންނަކަމެވެ.
[9](ބ) ފަސްވަނަ ކަމަކީ، މި މައްސަލައިގައި ދަޢުވާ ރައްދުވާ ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރުގެ ފަރާތުން، އޭނާ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލތަކުގެ އިންތިޚާބުގައި، ނ. ލަންދޫ ރަށު ކައުންސިލަށް ކުރިމަތިލުމަށްޓަކައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) ގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވެފައިވަނީ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2016/28 (ސިޔާސީ ޕާޓީގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން އިޞްލާޙުކުރެވުނު އެ ޤާނޫނުގެ 10 ވަނަ މާއްދާއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަމަށާއި، އަދި އެ ފަރާތުން ބުނެވިދިޔަ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް 22 ޖަނަވަރީ 2017 ގައި ހުށަހަޅައިފައިވަނީ ބުނެވިދިޔަ އިޞްލާޙަށް ޢަމަލުކުރަންފެށި ފަހުންކަމަށް ބުނެ ދައްކައިފައިވާ ވާހަކަތަކުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، ކޮންމެ ޤާނޫނެއްވެސް އުޞޫލެއްގެ ގޮތުން، ތަޠްބީޤުކުރެވޭނީ އެ ޤާނޫނަކަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ފަހުން ހިނގާ ވަޤާއިޢުތަކުގެ މައްޗަށް، ނުވަތަ ކުރެވޭ މުޢާމަލާތު ތަކުގެ މައްޗަށްކަމާއި، މީގެ މަފްހޫމަކީ ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާޟީގައި ހިނގައިދިޔަ ވާޤިޢާއެއްގެ މައްޗަށް ނުވަތަ ކުރެވުނު މުޢާމަލާތެއްގެ މައްޗަށް އެ ޤާނޫނު "ރަޖްޢީ" (retrospective) ކޮށް ތަޠްބީޤު ނުކުރެވުން ކަމާއި، މި ޤާނޫނީ ޢާންމު މަބްދައަކީ އުޞޫލެއްގެ ގޮތުން، ހުރިހައި ބާވަތެއްގެ ޤާނޫނީ ޤާޢިދާތަކުގެ މައްޗަށް ހިނގާ މަބްދައެއްކަން އެނގެން އޮންނައިރު، އަލަށް ފާސްކުރާ ނުވަތަ ޢަމަލުކުރަން ފަށާ ޖިނާއީ ޤާނޫނު އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގައި މުއްތަހަމުގެ މަޞްލަޙަތު ހިމެނޭ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، އެ ޖިނާއީ ޤާނޫނު "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރުމުގެ މަބްދައަކީ ތަފާތު ދައުލަތްތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަމާއި، މި ދުސްތޫރީ މަބްދައު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، ޖިނާއީ ނޫން އެހެން ޤާނޫނެއްގައި، އެ ޤާނޫނު "ރަޖްޢީކޮށް" މާޟީގައި ހިނގާފައިވާ ކަންތަކުގެ މައްޗަށް ތަޠްބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާނަމަ، އެ ޤާނޫނަކީވެސް ޢާންމު އުޞޫލެއްގެ ގޮތުގައި "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރެވޭނެ ޤާނޫނެއްކަން ތަފާތު ޖުރިސްޑިކްޝަންސް ތަކުގައި އިސްތިޤްރާރުވެފައިވާ "ރަޖްޢީ" ކޮށް ޤާނޫނު ތަޠްބީޤު ނުކުރުމުގެ މަބްދައު (principle of non-retroactivity of the law) ގެ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، ޙަވާލާދެވުނު ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤު ކުރެވި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ތާރީޚަކީ 6 ޑިސެންބަރު 2016 (7 ރަބީޢުލްއައްވަލް 1438ހ) ކަމުގައި ވާއިރު، އެ ތާރީޚުގެ ފަހުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އިންތިޚާބެއްގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހަޅާ މީހުންގެ މައްޗަށް ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އިޞްލާޙުކުރެވުނު އެ ޤާނޫނުގެ 10 ވަނަ މާއްދާ ތަޠްބީޤުކުރެވޭނެ ކަމާއި، މިގޮތުން ބަލާއިރު، މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރީދާ ޢުމަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި އެމް.ޑީ.އޭ. ގެ ޕްރައިމަރީގައި ނ. ލަންދޫ ރަށު ކައުންސިލަށް ވާދަކޮށްފައިވަނީ ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ ތާރީޚެއް ކަމަށްވާ 04 ނޮވެންބަރ 2016 ގައި ކަމުގައި ވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017، އަކީ ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ފަހުން ބޭއްވުމަށް ކަނޑައެޅިފައިވާ އިންތިޚާބެއްކަމާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ އިންތިޚާބުގައި ނ. ލަންދޫ ރަށު ކައުންސިލަށް ކުރިމަތިލުމަށް އެދި ފަރީދާ ޢުމަރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފައިވަނީ ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ފަހުގެ ތާރީޚެއްކަމުގައިވާ 22 ޖެނުއަރީ 2017 ގައި ކަމާ، އެހެންކަމުން ފަރީދާ ޢުމަރުގެ ކެންޑިޑެސީއާ ބެހޭގޮތުން ގޮތެއް ނިންމުމުގައި ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު ބުނެވިދިޔަ އިޞްލާޙުގެ ދަށުން ޢަމަލުކުރަން ފެށުނު ސިޔާސީ ޕާޓީގެ ޤާނޫނު ގެ 10 ވަނަ މާއްދާ އަށް ރިޢާޔަތްކުރަން ވާނެކަމާއި، އެ ގޮތުގެމަތިން އެ މާއްދާ އަށް ރިޢާޔަތްކޮށް އޭނާގެ ކެންޑިޑެސީއާ ބެހޭގޮތުން ގޮތެއް ނިންމުމަކީ ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 10 ވަނަ މާއްދާ "ރަޖްޢީ" ކޮށް މާޟީގައި ހިނގައިފައިވާ ކަމެއްގެ މައްޗަށް ތަޠްބީޤުކުރުން ކަމުގައި ބަލަންޖެހޭ ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
[10](ޅ) ހަވަނަ ކަމަކީ، މީލާދީ ސަނަތުން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު، ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަކޮށްގެން ނުވާނެ ކަމަށާއި، އެ ފަރާތަކުން އެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލުކުރަން ވާނެކަމަށް ޤާނޫނު ނަންބަރު 2016/28 އިން ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙުގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރަކީ 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) އިން، އެ ޕާޓީގެ ޓިކެޓް ހޯދުމަށް ބޭއްވުނު ޕްރައިމަރީގައި ވާދަކޮށްފައިވާ މީހެއްކަން، އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް 12 ޖަނަވަރީ 2017 ގައި ފޮނުވި މަޢުލޫމާތުތަކުން ސާބިތުވެ އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރުމުގެ ޙައްޤު ފަރީދާ ޢުމަރަށް ލިބިގެން ނުވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[11]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ނ. ލަންދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައިފައިވާ، ނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރަކީ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށްޓަކައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) ގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މީހެއްކަން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައިވާ މަޢުލޫމާތުތަކުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ބައިވެރިވުމުގެ ޙައްޤުނ. ލަންދޫ ރިލެކްސް، ފަރީދާ ޢުމަރަށް ލިބިގެން ނުވާތީ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ފަރީދާ ޢުމަރަށް ވާދަކުރެވޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ޤާނޫނު ނަންބަރު 28/2016 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ޤަވާޢިދު ނަންބަރު R-85/2016 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާޢިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤަވާޢިދު
- 2011/SC-A/01
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 މާރިޗު 2017 · ރަޖިސްޓްރީކުރީ 15 މާރިޗު 2017 · ނިމުނީ 27 މާރިޗު 2017 (12 ދުވަސް)