ސައިޓޭޝަން ކޮޕީ ކުރުމަށް
2017/SC-A/37
ސިވިލް ސަރވިސް ކޮމިޝަން ވ. ނަން ފޮރުވާފައި، 2017/SC-A/37
Civil Service Commission v. Name withheld 2017/SC-A/37 (2017/SC-A/37, Supreme Court of the Maldives, 8 October 2020)
ސިވިލް ސަރވިސް ކޮމިޝަން ވ. ނަން ފޮރުވާފައި
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރުމަކީ އެކަށީގެންވާ ސަބަބަކާ ނުލައި ކުރި ވަކިކުރުމެއްކަމަށް ކަނޑައަޅައި، އޭނާއަށް އެ ވަޒީފާ ނުވަތަ އެއާ އެއް ފެންވަރުގެ ވަޒީފާއެއް ދިނުމަށް އަމުރުކުރިއެވެ. ހައިކޯޓުން އެ ނިންމުން އިއްތިފާޤުން ދެމެހެއްޓިއެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރެއްގައި އެސިސްޓަންޓް ކައުންސެލަރުގެ މަޤާމަށް ބަދަލުކުރެވިފައިވާ މުވައްޒަފަކު، ކުއްޖަކަށް އަނިޔާވިކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ބެލުމުގައި އިހުމާލުވިކަމަށް އެޓަރނީ ޖެނެރަލް އެކުލަވާލި ކޮމިޓީއެއްގެ ރިޕޯޓުގައި ފާހަގަކުރުމުން، ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 ގެ 273 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ. ވަކިކުރުމުގެ ކުރިން އޭނާއަށް ވަޒީފާގެ ބަޔާނެއް، ތަމްރީނެއް ނުވަތަ ޖަވާބުދާރީވުމުގެ ފުރުޞަތެއް ދީފައެއް ނުވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ހައިކޯޓުން ދައުލަތުގެ ހެކިތަކަށް ރިޢާޔަތް ނުކުރާ ކަމަށާއި، ވަޒީފާ ބަދަލުކުރިކަން ފޯނުން އަންގާފައިވާތީ އަދި މުސާރަ ލިބިފައިވާތީ އޭނާއަށް މަސްއޫލިއްޔަތު އެނގޭ ކަމަށާއި، ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާތީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށެވެ. މުވައްޒަފު ބުނީ ވަޒީފާގެ ބަޔާނާއި ތަމްރީނެއް ލިބިފައި ނުވާ ކަމަށާއި، ތަޙުޤީޤު ނިމުމުގެ ކުރިން ވެސް އޭނާއާ އިސްކަންދޭ ކޭސްއެއް ޙަވާލުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ސިވިލް ސަރވިސްގެ މުވައްޒަފަކު ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާތީ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ނިންމުމާއި އެ ނިންމުން ދެމެހެއްޓި ހައިކޯޓުގެ ޙުކުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ނުދީ ވަކިކުރާއިރުވެސް މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ލާޒިމްކަމަށާއި، ވަކިކުރި ސަބަބު އެކަށީގެންވާކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދޭ ފަރާތުންކަމަށެވެ. ވަޒީފާގެ ބަޔާނާއި ތަމްރީނާއި ސާފު އިރުޝާދު ނުދީ ހައްސާސީ މަސައްކަތެއް ޙަވާލުކޮށްފައި، ކަމެއް ގޯސްވުމުން އިހުމާލުގެ ޒިންމާ މުވައްޒަފުގެ ބޮލުގައި އެޅުވުމަކީ ޢަދުލުވެރިކަމެއް ނޫންކަމަށާއި، ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ވަކިކުރުމުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށާއި، އިތުބާރު ގެއްލިފައިވާކަން ނޭނގޭތީ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން އެކަށީގެންވާކަމަށް ކަނޑައަޅައި ހައިކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް) އަދި 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ގައި އެކަށައަޅާފައިވާ ލާޒިމު އިޖުރާއަތަކީ، ސިވިލް ސަރވިސް ހިމެނޭގޮތުން، (ވަޒީފާއާބެހޭ ޤާނޫނުގައި އިސްތިސްނާ ކޮށްފައިވާ ފަރާތްތައް ފިޔަވައި) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ހުރިހާ ފަރާތެއްމެ ވަޒީފާއިން ވަކިކުރުމުގައި، އެ މައްޗަށް ޢަމަލުކުރަންޖެހޭނެ އިޖުރާއަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [52])
- ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތްތަކުގައެވެ. އަދި ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އެމީހަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަނަމަ، ނުވަތަ އެމީހަކު ޚިޔާނާތެއް ވެފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [53])
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [54])
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރުވެސް މައުޟޫޢީ ޢަދުލުވެރިކަން (Substantive Fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (Procedural Fairness) ޤާއިމުކުރުން ލާޒިމުކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، އެކަން ވަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި އިސްތިޤުރާރުވެފައި ވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [55])
- މުވައްޒަފު ކުރި އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [57])
- އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އަދި މުވައްޒަފު ކުރި ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [61])
- ދައުލަތުގެ ޒިންމާ އަދާކުރުމުގެ ގޮތުން މިފަދަ ހައްސާސީ މަސައްކަތެއް ކުރުމަށް ޙަވާލުކުރާ މުވައްޒަފުންނަކީ އެފަދަ ވަޒީފާ އަދާކުރާ ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކަމާ ގުޅޭ ތަމްރީނު ލިބިފައިވާ މުވައްޒަފުންނަށްވުމުގެ އިތުރުން، އެފަދަ މުވައްޒަފަކު މަސައްކަތުގެ ތެރޭގައި މަސްއޫލުވެ އުޅޭއިރު އެފަރާތަކަށް ސާފު އިރުޝާދު ލިބިދެވޭ ފަރާތެއްކަން ކަށަވަރުކުރުމަކީ އެ މުވައްޒަފެއް ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާކަމެއްގެ ސަބަބުން ޚިދުމަތް ހޯދަން އަންނަ (އަނިޔާ ލިބިފައިވާ) ފަރާތަށް އިތުރު ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ނުވަތަ އެހެންވެސް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށްޓަކައި، އެ މުވައްޒަފާއި އެ ޒިންމާ ޙަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތެއް ކަމުގައި އަހުރެން ދެކެމެވެ. އަދި އެހެންކަމުން، އެފަދައިން ޢަމަލުކުރުމަކާއި ނުލައި، ކަމެއް ގޯސް މަގުން ދިއުމުން، އެކަމަކީ ވަޒީފާ އަދާކުރާ މުވައްޒަފުގެ އިހުމާލުން ވީކަމެއް ކަމުގައި ބުނެ، އެފަދަ މުވައްޒަފެއްގެ ބޮލުގައި ކަންހިނގާ ދިޔަ ގޮތުގެ ޒިންމާ ނުވަތަ އޭގެން ބައެއް، އެޅުވުމަކީ ޢަދުލުވެރި ގޮތަކަށް ނުވުމުގެ އިތުރުން، ޤަބޫލުކުރަން ދަތިގޮތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [70])
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމުގެ އިތުރުން، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާންޖެހޭ ކަމުގައި ބަޔާންކުރުން މުހިންމު ކަމުގައި ދެކެމެވެ. އަދި މި ޢާންމު އުޞޫލަށް އޮންނަނީ ވަރަށް ހަނި އިސްތިސްނާއެއް (ޙުކުމްގެ ޕެރެގްރާފް ނަންބަރު [72])
- ވަޒީފާއަށް އަނބުރާ އިއާދަ ކުރެވޭނީ މައްސަލައިގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށް، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް ފަހު، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލުމަށްފަހުކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [73])
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 ގެ 272 ވަނަ މާއްދާގެ (ށ)
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 ގެ 273 ވަނަ މާއްދާގެ (ހ) އަދި (ށ)
- 2014/SC-A/27
- 2018/SC-A/49
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 25 މޭ 2017 · ރަޖިސްޓްރީކުރީ 9 ނޮވެމްބަރު 2017 · ނިމުނީ 8 އޮކްޓޫބަރު 2020 (35.0 މަސް)