ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/63
ސިވިލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު ވަސީމް، 2016/HC-A/63
Civil Service Commission v. Mohamed Vaseem 2016/HC-A/63 (2016/HC-A/63, High Court of the Maldives, 10 October 2018)
ސިވިލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު ވަސީމް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (67/VTR/2015) ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ވަޒީފާގައި އަލުން ބަހައްޓައި، ވަކިކުރި ދުވަހުން ފެށިގެން ލިބެންވާ މުސާރައާއި ޢިނާޔަތް ދިނުމަށް އަމުރުކުރިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފު، އިންޓެލިޖެންސުން ދީފައިވާ ސިއްރު މަޢުލޫމާތާއި ސެކިއުރިޓީ އެސެސްމަންޓަކަށް ބިނާކޮށް، ޤައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަނުން 06 މެއި 2015 ގައި ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ 273 ވަނަ މާއްދާގެ ދަށުން ވަޒީފާގައި ބެހެއްޓުމުން ގެއްލުން ލިބިދާނެ ޙާލަތުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ވަކިކުރެވޭތީ އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުވާކަމަށް ބުނުމަކީ ގޯހެއްކަމާއި، މައްސަލައިގެ ޒާތަށް ނުބަލައި ވަޒީފާ އަނބުރާ ރުޖޫޢަކުރީ ގޯހުންކަމަށެވެ.
މައިގަނޑު ސުވާލު
ޤައުމީ ސަލާމަތާ ގުޅޭ ވަޒީފާއެއްގައި ހުރި ސިވިލް ސަރވިސް މުވައްޒަފަކު އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނޯޓިސް ނުދީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ 273 (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވެފައިވޭތޯ؛ އަދި ޤާނޫނާ ޚިލާފަށް ވަކިކުރިކަމަށް ކަނޑައެޅުމުން ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަކީ އެކަށީގެންވާ ފަރުވާއެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: ވަޒީފާގައި އަލުން ބެހެއްޓުމަށް ކުރި އަމުރު ބާޠިލުކޮށް، ވަކިކުރި ތާރީޚުން ފެށިގެން ޓްރައިބިއުނަލުން ނިންމި ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތް ދިނުމަށް އަމުރުކުރި
ކުރި ޢަމަލަކީ ކޮބައިކަން ކޮމިޝަނުން ސާފުކޮށްފައި ނުވާތީއާއި، ތުހުމަތު މުވައްޒަފަށް އަންގާފައި ނުވާތީއާއި، ގެއްލުން ލިބިދާނެކަމަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްކަން ސާބިތުކޮށްދީފައި ނުވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވެއެވެ. ނަމަވެސް ވަޒީފާގެ ބާވަތުން ވަޒީފާދޭ ފަރާތުގެ އިތުބާރު މުހިއްމުވާތީ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ ދެފަރާތަށް އެންމެ މަސްލަޙަތުހުރި ގޮތެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަކީ ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނެ ދެ ޤާނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުން ލިބިދާނެކަމަށް ފެނުމަކީ އެކަށީގެންވާ ސަބަބުތަކަކާއި މަޤްބޫލު ޙުއްޖަތްތަކެއްނެތި ހަމައެކަނި ސިވިލް ސަރވިސް ކޮމިޝަނަށް ފެންނަ ފެނުމެއްގެ މައްޗަށް ވަޒީފާއިން ވަކިކުރެވިދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- އެފަދަ ޙާލަތެއްގައި ވަޒީފާއިން ވަކިކުރާއިރު ވެސް ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްތޯ ބެލެވެން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- އެފަދަ ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލުވެރިކަމާއެކުގައިތޯއާއި، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ހަމައަކުންތޯއާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް ވަޒީފާދިން ފަރާތުން ތަބާވުމަށް ފަހުގައިތޯއާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކަށް އެކަށީގެންވާ މިންވަރަކަށް ބެލުމަށްފަހުގައިތޯ ކަށަވަރުކުރަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުން ލިބިދާނެކަމަށް ފެންނަ ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ވެސް ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއް ކަމުގައިވީނަމަވެސް، އެޙާލަތުގައިވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މަޢުލޫމާތު އެފަރާތަށް އަންގަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ވަޒީފާދޭ ފަރާތަށް ގެއްލުމެއް ލިބިދާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ސާބިތުކޮށްދޭ ހުއްޖަތެއް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތްއިރު، ވަޒީފާއިން ވަކިކުރުމުގެ ކުރިން އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކަށް އެކަށީގެންވާ މިންވަރަކަށް ބެލިފައިނުވާކަން އެނގެން އޮތުމުން، އެނިންމެވުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ވަޒީފާ ދޭ ފަރާތުން ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރި ނަމަވެސް، އެފަދަ މުވައްޒަފަކަށް ޤާނޫނީ ފަރުވާއެއްގެ ގޮތުން އެމުވައްޒަފަކު ކުރިން ހުރި ވަޒީފާގައި ބެހެއްޓުމަށް ކަނޑައެޅުމުގައި، އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކޮށް ވަޒީފާދޭ ފަރާތުގެ ޙައްޤުތަކަށްވެސް ރިޢާޔަތްކުރައްވައި ދެފަރާތަށް އެންމެ މަޞްލަޙަތުހުރި ގޮތުގެ މައްޗަށް ރިޢާޔަތް ކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤައުމީ ސަލާމަތާ ގުޅިފައިވާ ވަޒީފާއެއް އަދާކުރަމުން ދިޔަ ފަރާތްތަކުގެ މައްޗަށް ވަޒީފާދޭ ފަރާތުގެ އިތުބާރުއޮތުން އެވަޒީފާގެ ބާވަތުން މުހިއްމުވާތީ، ވަށައިގެންވާ އެންމެހައި ކަންކަމަށާއި، ވަޒީފާއަދާކުރާ ތަނާއި ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ މައްޗަށް ބަލާއިރު، އިތުބާރު ގެއްލިފައިވާކަމަށް ބެލެވިގެން ވަޒީފާއިން ވަކިކުރެވިފައިވާ މި ޙާލަތުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ އެންމެ މަސްލަޙަތު ހުރި ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު
- ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ 273 ވަނަ މާއްދާގެ (ށ)
- ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް
- ހައިކޯޓުގެ ނަންބަރު 2016/HC-A/20
- ހައިކޯޓުގެ ނަންބަރު 2011/HC-A/128
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް