ސައިޓޭޝަން ކޮޕީ ކުރުމަށް
2014/SC-A/07
ސިވިލް ސަރވިސް ކޮމިޝަން ވ. އިބްރާހީމް ސާމިނު، 2014/SC-A/07
Civil Service Commission v. Ibrahim Saaminu 2014/SC-A/07 (2014/SC-A/07, Supreme Court of the Maldives, 15 January 2020)
ސިވިލް ސަރވިސް ކޮމިޝަން ވ. އިބްރާހީމް ސާމިނު
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (169/VTR/2012) ވަކިކުރުމަކީ ޤާނޫނާ ޚިލާފު ވަކިކުރުމެއް ނޫންކަމަށް ނިންމިއެވެ. ހައިކޯޓުން (2013/HC-A/112) ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށް، ވަކިކުރުމަކީ ޤާނޫނާ އެއްގޮތް ވަކިކުރުމެއް ނޫންކަމަށް ކަނޑައަޅައި، ވަޒީފާ ނުވަތަ އެއާ އެއްވަރުގެ ވަޒީފާއެއް އަނބުރާ ދީ، ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި ޙުކުމްކުރިއެވެ.
ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތެއްގެ ތަޙުޤީޤަށް 11 ޖަނަވަރީ 2011 ން ފެށިގެން ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާގެ މުވައްޒަފު އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކުރެވުނެވެ. 29 އޭޕްރީލް 2012 ގައި އަނގަބަހުން އޮފީހަށް ނުކުތުމަށް އެންގިކަމަށާއި، އެއަށް ޢަމަލުނުކޮށް ޗުއްޓީ ނުހޯދާ ހާޒިރުނުވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ގެ ދަށުން 27 ޖޫން 2012 ގައި ސިވިލް ސަރވިސް ކޮމިޝަނުން އޭނާ ވަޒީފާއިން ވަކިކުރިއެވެ. ލިޔުމުން އެންގި 2 މެއި 2012 ގެ ސިޓީ އޭނާއަށް ރައްދުވީ 29 މެއި 2012 ގައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، އޮފީހަށް ނުކުތުމަށް އެންގިކަން ސާބިތުކުރުމަށް ހުށަހެޅި ލިޔުމާއި ޝަފަހީ ހެއްކަށް ހައިކޯޓުން ރިޢާޔަތްނުކުރިކަމަށާއި، މުވައްޒަފު އުޅޭ ތަނާއި ފޯނު ނަންބަރު ނޭނގުމަކީ އޭނާގެ ޒިންމާ އަދާނުކުރުމުން ވީ ކަމެއްކަމަށެވެ. އިބްރާހީމް ސާމިނު ބުނީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން އެންގުން ވާންވާނީ ލިޔުމުން ކަމަށާއި، ސިޓީ ލިބުނުތާ 7 ދުވަހުގެ ތެރޭގައި ޢާއިލީ ޒިންމާގެ ޗުއްޓީ ހޯދައިގެން ހާޒިރުވީކަމަށެވެ.
މައިގަނޑު ސުވާލު
ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައިވާ ސިވިލް ސަރވިސް މުވައްޒަފަކަށް އަލުން ވަޒީފާއަށް ނުކުތުމަށް އަނގަބަހުން އެންގުމަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ފުރިހަމަކުރާ އެންގުމަކަށް ވެ، އެއަށް ޢަމަލުނުކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމަކީ ޤާނޫނާ އެއްގޮތް ވަކިކުރުމެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ގައި އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަކު އަލުން މަސައްކަތަށް ނެރުމުގެ ނިންމުން ލިޔުމުން އަންގަންވާނެކަމަށް ބުނެފައިވާތީ، ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވަކިގޮތަކަށް ކުރަން ލާޒިމުކުރާ ކަމެއް އެނޫން ގޮތަކަށް ކުރުމަކީ ޤާނޫނުގެ ހުދޫދުން ބޭރުވުންކަމަށާއި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމުން އެކަން އެހެން ގޮތަކަށް ކުރިކަން ދައްކާ ހެކިބަހަށް ބުރަދަނެއް ނުދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. މުވައްޒަފު އެޑްރެސް ނުދިނުމަކީ ކޮމިޝަނުގެ މައްޗަށް 226 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮތް އިލްތިޒާމުން ބަރީއަކޮށްދޭ ކަމެއް ނޫންކަމަށްވެސް ކަނޑައަޅައި ހައިކޯޓުގެ ޙުކުމް ޤާއިމުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން އަދި އެފަދަ ޤާނޫނެއްގެ ދަށުން ހަދާފައިވާ ޤަވާޢިދެއްގެ ދަށުން، ވަކި ކަމަކާ ގުޅިގެން ވަކި ގޮތަކަށް ޢަމަލުކުރުމަށް ލާޒިމުކޮށްފައިވާނަމަ، އެކަމަކާ ގުޅިގެން އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ޤާނޫނުގެ ހުދޫދުން ބޭރުވުންކަމަށާއި (ޙުކުމްގެ ޕެރެގްރާފް ނަންބަރު [33])
- ވަކިގޮތަކަށް ކުރުމަށް ލާޒިމުކޮށްފައިވާ ކަމެއް، އެނޫންގޮތަކަށް ކޮށްފައިވާކަން ސާބިތުކުރުމަށްޓަކައި ހެކިންގެ ހެކިބަސް ހުށަހަޅާފައިވީނަމަވެސް، އެފަދަ ހެކިބަހަކުން ސާފުވާ ކަންކަމަކީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމުން، ބުރަދަނެއް ދެވޭނެ ކަމެއް ނޫންކަމާއި (ޙުކުމްގެ ޕެރެގްރާފް ނަންބަރު [33])
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަކު އޮފީސް މަސައްކަތަށް ނެރުމާމެދު ކޮމިޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، އެކަން ލިޔުމުން ޒިންމާދާރުވެރިޔާއަށް އަދި އެ މުވައްޒަފަށް އަންގަންވާނެކަމުގައި ބަޔާންކޮށްފައިވާތީ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [30]، [33])
- މީހަކު އެވަގުތު ދިރިއުޅޭ އެޑްރެހަކީ އަދި ފޯނު ނަންބަރަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމެނޭ މަޢުލޫމާތެއް ނޫންކަމުން، އެ މަޢުލޫމާތު ވަޒީފާއަދާކުރާ އޮފީހަށް އެންގުން ޤާނޫނީގޮތުން ލާޒިމުކޮށްފައިވާކަން އެނގެން ނެތްކަމާއި (ޙުކުމްގެ ޕެރެގްރާފް ނަންބަރު [34])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-A/07
ދަޢުވާކުރާ ފަރާތް: ސިވިލް ސަރވިސް ކޮމިޝަން
[1]ދަޢުވާ ލިބޭ ފަރާތް: އިބްރާހީމް ސާމިނު، ދިނަށަ، ގއ.ގެމަނަފުށި
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
[2]މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 18 ޑިސެންބަރު 2013
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޖަނަވަރީ 2014
ނިމުނު ތާރީޚް: 15 ޖަނަވަރީ 2020
މައްސަލަ ނިންމި ގަޑި: 13:30
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2013/HC-A/112
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 31 މާރިޗު 2013
ނިމުނު ތާރީޚް: 14 ނޮވެންބަރު 2013
މައްސަލައިގެ ޚުލާޞާ
[3]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިނަށަ، ގއ.ގެމަނަފުށި، އިބްރާހީމް ސާމިނު އެވެ.
[4]ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 169/VTR/2012 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އިބްރާހީމް ސާމިނުގެ ފަރާތުން އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2013/HC-A/112 ނަންބަރު ޤަޟިއްޔާގެ ދަޢުވާ ރައްދުވި ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެވެ.
ފާހަގަކުރެވުނު ނުކުތާތައް
[5]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 169/VTR/2012 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ، އިބްރާހީމް ސާމިނު ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާގައި 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 06 ވަނަ ދުވަހުން ފެށިގެން އަދާކުރަމުން އައިސްފައިވާ ވަޒީފާއިން، 2012 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ވަކިކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި، 06 ސެޕްޓެމްބަރު 2012 ގައި އިބްރާހީމް ސާމިނު ހުށަހަޅާފައިވާ މައްސަލަ އެއްކަން އެނގެން އޮންނަކަމާއި،
[6]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 169/VTR/2012 މައްސަލަ ނިންމާފައިވަނީ، "ދެންފަހެ މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު، 2009 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް އިދާރާގައި އިބްރާހީމް ސާމިނު އަދާކުރަމުން އައިސްފައިވާ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ޚިޔާނާތާއި ކޮރަޕްޝަންގެ ތުޙުމަތުގެ މައްސަލައެއްގެ ތަޙްޤީޤަށް 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވުމުން 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް އިބްރާހީމް ސާމިނު ހާޒިރުކޮށް އޮފީހަށް ހާޒިރުވުމަށް އެންގި އެންގުމަށް އޭނާ ޢަމަލުކޮށްފައި ނުވާތީ އާއި ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެމަތިން ކުރިއަށް ޗުއްޓީ ހޯދުމާ ނުލައި އޮފީހަށް ހާޒިރުވެފައި ނުވުމުންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ ހިނދު، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް ވަޒީފާއަށް ހާޒިރުވުމަށް އޭނާއަށް އެންގުމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން ސިވިލް ސަރިވިސް ކޮމިޝަނުގެ ނަންބަރު: 188-L/413/2012/5 (24 އެޕްރީލް 2012) ސިޓީން އެނގެން އޮތުމާއި، އިބްރާހީމް ސާމިނު ރަށުގައި ނެތުމުން ސިވިލް ސަރވިސް ކޮމިޝަނަށް އޭނާ ހާޒިރުކޮށް އޮފީހަށް ހާޒިރުވުމަށް އަންގައި ދިނުމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާއިން ސިވިލް ސަރވިސް ކޮމިޝަނުގައި އެދިފައިވާކަން އެ އިދާރާގެ ނަންބަރު: 413-A-MN/2012/69 (25 އެޕްރީލް 2012) ފެކްސް މެސެޖުން އެނގެން އޮވެމެ 29 އެޕްރީލް 2012 ގައި އިބްރާހީމް ސާމިނު ސިވިލް ސަރވިސް ކޮމިޝަނަށް ހާޒިރުކޮށް ވަޒީފާއަށް ނުކުތުމަށް އޭނާއަށް އަންގާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ އާއި، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވަޒީފާއަށް ނުކުތުމަށް އަންގާ ލިޔުން އޭނާއާ ހަވާލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެކިފަހަރު މަތިން މަސައްކަތްކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުންނާއި ހެކިންގެ ހެކިބަހުން ސާބިތުވާތީ އާއި، އިބްރާހީމް ސާމިނު ދިރިއުޅޭ އެޑްރެސްކަމަށް ބުނެ އޭނާ ވަޒީފާ އަދާކުރާ ތަނަށް ދީފައިވާ އެޑްރެހަކީ އާބާދުގެ، ގއ. ގެމަނަފުށި ކަމަށްވެފައި އެ އެޑްރެހަކީ މީހުން ދިރިނޫޅޭ ގެއެއްކަން އިބްރާހީމް ސާމިނުގެ ބަހުން އެނގެން އޮވެމެ އޭނާއަށް ތަކެތި ހަވާލުކުރާނެ އެހެން އެޑްރެހެއް އޭނާ ވަޒީފާ އަދާކުރާ ތަނަށް ލިޔުމުން ދީފައި ނުވާކަން އޭނާގެ ބަހުން އެނގެން އޮތުމުން އިބްރާހީމް ސާމިނުއަށް އެ ލިޔުން ހަވާލުކުރެވިފައި ނުވަނީ އޭނާގެ އިހުމާލުތަކެއް އޮތުމުންކަމަށް ބުރަވެވޭތީ އާއި، އިބްރާހީމް ސާމިނު މަސައްކަތަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަން ސިވިލް ސަރވިސް ކޮމިޝަނުން އަނގަބަހުން އޭނާއަށް އަންގާފައިވުމުން އެ ލިޔުން އޭނާއަށް ހަވާލުނުކުރެވި އޮތް އޮތުމަކީ ވަޒީފާއަށް ނުކުތުމަށް އޭނާއަށް އަންގާފައި އޮތް އޮތުން ނަފީކުރާފަދަ ކަމެއްކަމަށް ބުރަވެވެން ނެތަތީ އާއި، އިބްރާހީމް ސާމިނު މަސައްކަތަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަން 29 އެޕްރީލް 2012 ގައި ސިވިލް ސަރިވސް ކޮމިޝަނުން އޭނާއަށް އަންގާފައިވާ ތާރީޚުން ފެށިގެން 01 މަހާއި 07 ދުވަސް ފާއިތުވިފަހުން އޭނާ ވަޒީފާއަށް ހާޒިރުވިކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮތުމުން، އިބްރާހީމް ސާމިނު އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވުމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެ ހުށަހަޅާފައިވާ ކަންކަން ސާބިތުވާތީ އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތުމުން އިބްރާހީމް ސާމިނު ހޯދުމަށް އެދުނު ރަމަޟާން މަހުގެ އިނާޔަތާއި މުސާރައާއި އެހެނިހެން އިނާޔަތްތައް އޭނާއަށް ދިނުމަށް އަދި އިބްރާހީމް ސާމިނު އެދުނު ފަދައިން އޭނާ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް، މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް" ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާކަން އެނގެއެވެ.
[7]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 169/VTR/2012 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާގައި އިބްރާހީމް ސާމިނު އަދާކުރަމުން ދިޔަ ވަޒީފާއިން 27 ޖޫން 2012 ގައި އިބްރާހީމް ސާމިނު ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބެލެވެން ނެތްކަމަށްޓަކައި، އެ ވަޒީފާއިން އިބްރާހީމް ސާމިނު ވަކިވެފައިވާކަމަށް ނުބެލުމަށާއި، 14 ނޮވެންބަރު 2013 ވަނަ ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާގައި އިބްރާހީމް ސާމިނު އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއްވަރުގެ އެހެން ވަޒީފާއެއް އިބްރާހީމް ސާމިނަށް ދިނުމަށާއި، އަދި އިބްރާހީމް ސާމިނަށް ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް، 14 ނޮވެންބަރ 2013 ވަނަ ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި އިބްރާހީމް ސާމިނަށް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެއެވެ.
[8]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން:
[9]ފުރަތަމަ ސަބަބަކީ، މައްސަލަ ނިންމުމުގައި އިޖްރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަމެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ދަޢުވާ ރައްދުވާ އިބްރާހީމް ސާމިނު އޮފީހަށް ނުކުތުމަށް އަންގާ ލިޔުން ހަވާލުކުރެވިފައިވާކަން ސާބިތުކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ އަދި ޝަފަހީ ހެއްކަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
[10]ދެވަނަ ސަބަބަކީ، އިބްރާހީމް ސާމިނު 29 އޭޕްރީލް 2012 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އޮފީހަށް ނުކުތުމަށް އަންގާފައިވާކަމާމެދު ހެކިންގެ ހެކިބަހުގައި ތަފާތުތަކެއް އުޅޭކަމަށާއި، އެކަމާމެދު ސުވާލު އުފެދޭކަމަށް ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާގެ 4 ވަނަ ނަންބަރުގެ (ރ) ގައި ފާހަގަކޮށްފައިވާތީ، އަސްލު ޙަޤީޤީ މައްސަލައަށް ރިޢާޔަތް ކުރުމަކާ ނުލައި މައްސަލައިގެ ނިންމުމަށް ވާޞިލުވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
[11]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އިބްރާހީމް ސާމިނުގެ ފަރާތުން 4 (ހަތަރު) ނުކުތާއެއް ފަހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން:
[12]ފުރަތަމަ ނުކުތާއަކީ، ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައިވާ މުވައްޒަފަކު، އޮފީހަށް ނުކުތުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށްގެނެސް، އެ މުވައްޒަފަކު އޮފީހަށް ނުކުތުމަށް އަންގަވާނީ ލިޔުމުން ކަމުގައި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މި މައްސަލައިގައި އިބްރާހީމް ސާމިނު އޮފީހަށް ނުކުތުމަށް އަންގަވާނީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް، އަނގަބަހުން ކަމަށްވާއިރު، އެފަދަ އެންގުމެއް އަނގަބަހުން އެންގޭނެކަމަށް ބުނުމަކީ ޤާނޫނީގޮތުން ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
[13]ދެވަނަ ނުކުތާއަކީ، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހަވާލުކުރަން ބޭނުންވި ލިޔުން ހަވާލުކުރެވިފައިނުވަނީ އިބްރާހީމް ސާމިނު އުޅޭ ވަކި އެޑްރެހެއް ނޭނގޭތީކަމަށް ބުނެފައިވާއިރު، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުއްދަތުގައި، ސިވިލް ސަރވިސް ކޮމިޝަނުން ގުޅައިގެން އެތަކެއް ފަހަރަކު އިބްރާހީމް ސާމިނު އެ ކޮމިޝަނަށް ހާޒިރުވެފައިވާނެކަމާއި، މިގޮތުން 2 މެއި 2012 ގެ ދެ ދުވަސް ކުރިން، 29 އޭޕްރީލް 2012 ގައިވެސް އެ ކޮމިޝަނަށް އިބްރާހީމް ސާމިނު ހާޒިރުވެފައިވާކަން އެ ކޮމިޝަނުގެ ބަހުން އެނގެން އޮތްކަމާއި، ހަމަ އެ މުއްދަތުގައި އިބްރާހީމް ސާމިނުގެ މުސާރަ ހަވާލުކޮށްފައިވަނީ އަތުންއަތަށް ކަމަށާއި، އެގޮތުން ކޮންމެ މަހަކުވެސް އިބްރާހީމް ސާމިނު ނުވަތަ އޭނާގެ ފަރާތުން ފޮނުވާ މީހަކާ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މުސާރަ ހަވާލުކޮށްފައިވާކަމާއި، އެފަދައިން ޤަވާޢިދުން މުސާރަ ހަވާލުކުރެވޭއިރު، ފޯނަށް ނުގުޅިގެން ނުވަތަ ފޯނަށް ޖަވާބުނުދީގެން ލިޔުމެއް ހަވާލުނުކުރެވެންވީ ސަބަބެއް ނެތްކަމާއި، ހަވާލުކުރަން މަސައްކަތްކުރި އެއްވެސް ލިޔުމަކާ އިބްރާހީމް ސާމިނު ހަވާލުވުމަށް އިންކާރުކޮށްފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައި ނުވާކަމުން، އުޅޭ ވަކި އެޑްރެހެއް ނޭނގިގެން އިބްރާހީމް ސާމިނުއާ ލިޔުމެއް ހަވާލުނުކުރެވުނީކަމަށް ބުނާބުނުމަކީ ތެދު ވާހަކައެއް ނޫންކަމަށާއި އިބްރާހީމް ސާމިނުއަށް ވަޒީފާއަށް ނުކުތުމަށް އަންގާ ފޮނުވި ލިޔުން ރައްދުވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
[14]ތިންވަނަ ނުކުތާއަކީ، އިބްރާހީމް ސާމިނުއަށް ވަޒީފާއަށް ނުކުތުމަށް އަންގާ ފޮނުވި ސިޓީ ލިބިފައިވަނީ 29 މެއި 2012 ވަނަ ދުވަހުކަމާއި، އެ ސިޓީ ލިޔުނު ތާރީޚު ކަމުގައިވާ2 މެއި 2012 އާއި އެ ސިޓީ އިބްރާހީމް ސާމިނުއަށް ރައްދުވި ތާރީޚްކަމުގައިވާ 29 މެއި 2012 ވަނަ ދުވަހާ ދެމެދު ފާއިތުވި 27 (ހަތާވީސް) ދުވަހަކީ އިބްރާހީމް ސާމިނުގެ ބާރާއި އިޚްތިޔާރު އެކަމުގެ މައްޗަށް ހިނގާދިޔަ ދުވަސްތަކެއް އަދި އެފަރާތުން އެ ސިޓީ ރައްދުނުވެ އޮތުމުގެ ޒިންމާ އުފުލާންޖެހޭ ދުވަސްތަކެއް ނޫންކަމާއި، އެ ސިޓީ ރައްދުކުރުން ލަސްވިލަސްވުމަށް ބަލައި އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރުމަކީ ޤާނޫނީ އަދި ޝަރުޢީގޮތުންވެސް އިންޞާފުވެރި ގޮތެއް ނޫންކަމާއި، އެ ލިޔުން ލިބުނު ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އޮފީހަށް ނިކުމެފައި ވާނެކަމާއި، ޢާއިލީ ޒިންމާއެއްގެ ސަބަބުން އެ ލިޔުމުގައި އޮފީހަށް ނުކުތުމަށް ބަޔާންކޮށްފައިވާ މުއްދަތުގައި މަސައްކަތަށް ނިކުމެވެން ނެތުމުން، ޤަވާޢިދުގައިވާ ފަދައިން ޢާއިލީ ޒިންމާގެ ޗުއްޓީއަށް އެދި، ގެމަނަފުށީ ކައުންސިލްގެ އިދާރާއިން ޤަވާޢިދުން ޗުއްޓީ ދީފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
[15]ހަތަރުވަނަ ނުކުތާއަކީ، ސިވިލް ސަރވިސް ކޮމިޝަނަކީ ޤާނޫނީ ޝަޚްސެއްކަމަށްވާއިރު، އެފަރާތުން ކުރާ ކަންކަން އެ ކޮމިޝަނުގެ ރިކޯޑުން ފެންނަން އޮންނަންވާނެކަމާއި، މިގޮތުން މުވައްޒަފަކަށް އެންގުމެއް އަންގައިފިނަމަ، އެކަން ރިކޯޑު ކުރެވިފައި އޮންނަން ޖެހޭނެކަމުގައިވާއިރު، ވަޒީފާއަށް ނުކުތުމަށް އެންގިކަން އެ ކޮމިޝަނުގެ ރިކޯޑުން ފެންނަން ނެތި، އެކަން މުވައްޒަފުންގެ ހެކިބަހުން ސާބިތުކުރުމަށް މަސައްކަތްކުރުމަކީ ސިވިލް ސަރވިސް ކޮމިޝަންފަދަ ޤާނޫނީ މުއައްސަސާއަކުން ކަންކުރަންޖެހޭ އުޞޫލު ނޫން ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
[16]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ މައްޗަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 169/VTR/2012 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
[17](ހ) ފުރަތަމަ ކަމަކީ، މައްސަލަ ނިންމުމުގައި އިޖްރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަމެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، ދަޢުވާ ރައްދުވާ އިބްރާހީމް ސާމިނު އޮފީހަށް ނުކުތުމަށް އަންގާ ލިޔުން ހަވާލުކުރެވިފައިވާކަން ސާބިތުކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ އަދި ޝަފަހީ ހެއްކަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
[18]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާއަށް ޙަވާލާދީ، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަމަކީ ކޮބައިކަން ފާހަގަކުރުމަށްފަހު، އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރެވުނު ސަބަބު ކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބަޔާންކުރާ ސަބަބުގެ މައްޗަށް އެ ކޯޓުން ބަލާފައިވާކަމާއި،
[19]މިގޮތުން، އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކޮށްފައިވަނީ ޚިޔާނާތާއި ކޮރަޕްޝަންގެ ތުޙުމަތުގައި 11 ޖެނުއަރީ 2011 ވަނަ ދުވަހުން ފެށިގެން ތަޙުޤީޤު ނިމެންދެން އޮފީހަށް ނުކުތުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާތީ، 29 އޭޕްރީލް 2012 ވަނަ ދުވަހު އިބްރާހީމް ސާމިނު ސިވިލް ސަރވިސް ކޮމިޝަނަށް ހާޒިރުކޮށް އޭނާ އޮފީހަށް ނިކުންނަން ފެށުމަށް އެންގި އެންގުމަށް ޢަމަލުކޮށްފައި ނުވާތީ އާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެމަތިން ޗުއްޓީ ހަމަޖެހުމަކާނުލައި އޮފީހަށް ހާޒިރުވެފައި ނުވާތީކަން ފާހަގަކޮށްފައިވާކަމާއި، މިކަންކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވާ ސަބަބުކަމާއި،
[20]29 އޭޕްރީލް 2012 ވަނަ ދުވަހު އިބްރާހީމް ސާމިނު ސިވިލް ސަރވިސް ކޮމިޝަނަށް ހާޒިރުކޮށް އޭނާ އޮފީހަށް ނިކުންނަން އެންގިކަމަށް އިބްރާހީމް ސާމިނު އިންކާރުކޮށްފައިވާކަމާއި، އެފަދައިން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން 29 އޭޕްރީލް 2012 ވަނަ ދުވަހު އަންގާފައިވާކަން ދައްކާދޭ އެއްވެސް ކިތާބީ ހެއްކެއް ނެތްކަމާއި، ސިވިލް ސަރވިސް ކޮމިޝަނުން ބުނާފަދައިން އިބްރާހީމް ސާމިނަށް އޮފީހަށް ނުކުތުމަށް އަންގާފައިވާކަމަށް އެފަރާތުން ބުނަނީ އެ ކޮމިޝަންގެ މުވައްޒަފެއްގެ ބަހުގެ މައްޗަށް ބަރޯސާވެކަމާއި،
[21]މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުމަށް ބެލުމުން، އިބްރާހީމް ސާމިނު ވަޒީފާއިން ނުކުތުން މަނާކޮށްފައިވަނީ ޚިޔާނާތާއި ކޮރަޕްޝަންގެ ތުޙުމަތުގައި 11 ޖެނުއަރީ 2011 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްކަން ސިވިލް ސަރވިސް ކޮމިޝަނުގެ "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ނަންބަރު ONM/L/2011/1 (24 ޖެނުއަރީ 2011) އިން އެނގެން އޮތްކަމާއި، އިބްރާހީމް ސާމިނު އަލުން އޮފީހަށް ނުކުތުމަށް އެންގުމަށް ގއ.ގެމަނަފުށީ ކައުންސިލް އިދާރާއަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ސިޓީ ފޮނުވާފައިވަނީ24 އޭޕްރީލް 2012 ވަނަ ދުވަހު، އެ ކޮމިޝަންގެ ނަންބަރު 188-L/413/2012/5 ސިޓީއިން، އިބްރާހީމް ސާމިނު ވަޒީފާއަށް ނުކުތުން މަނާކުރިކަން އެންގި ތާރީޚުން ފެށިގެން (ސަރުކާރު ބަންދު ދުވަސްތަކާއެކު) 456 (ހަތަރުސަތޭކަ ފަންސާސް ހައެއް) ދުވަސް ފަހުން ކަމާއި،
[22]ސިވިލް ސަރވިސް ކޮމިޝަނުން އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ގޮތާމެދު ނަޒަރުކުރާއިރު:
[23]02 މެއި 2012 އިން ފެށިގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުތުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 188-L/MIS/2012/241 (02 މެއި 2012) ސިޓީއިން އަންގާފައިވާހިނދު، އިބްރާހީމް ސާމިނު ވަޒީފާއަށް ހާޒިރުވާންޖެހޭ މުއްދަތުގެ އިތުރަށް 15 (ފަނަރަ) ދުވަސް ހޭދަވެފައިވާއިރުވެސް އެފަރާތުން އެއްވެސް އެއްޗެއް އެންގުމަކާއި ނުލައި ވަޒީފާއަށް ހާޒިރުވެފައި ނުވާތީ، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުމަށް އެންގި ތާރީޚެއް ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިބްރާހީމް ސާމިނުއަށް ފޮނުވުނު ސިޓީ ރައްދުވެފައިވާ ތާރީޚެއް އަންގައިދިނުމަށް އެދި ހުވަދުއަތޮޅު ދެކުނުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު 413-A-MN/2012/98 (29 މެއި 2012) ފެކްސް މެސެޖުން ސިވިލް ސަރވިސް ކޮމިޝަނުގައި އެދިފައިވާކަމާއި؛
[24]ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާއިން އިސްވެ ބަޔާންކޮށްފައިވާ ގޮތަށް އެދުމުން އެ ކައުންސިލަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވަނީ، 29 އޭޕްރީލް 2012 ވަނަ ދުވަހު އިބްރާހީމް ސާމިނު އެ ކޮމިޝަނަށް ހާޒިރުކުރުމަށްފަހު އިބްރާހީމް ސާމިނު އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި، އެހެންނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައިވާ ފަދައިން ޗުއްޓީ ހަމަޖެހުމަކާ ނުލައި އިބްރާހީމް ސާމިނު އޮފީހަށް ހާޒިރުވެފައި ނުވާތީ، އިސްވެ ދެންނެވުނު ތާރީޚުން ފެށިގެން އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމާއި، ސިވިލް ސަރވިސް ޤަވާޢިދުގެ 216 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިޝަންގެ އެ ނިންމުމާމެދު އިބްރާހީމް ސާމިނު ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ފަހުން ވަޒީފާއިން ވަކިކުރުމަށް އެ ކޮމިޝަނަށް ހުށަހެޅުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 188-L/413/2012/10 (03 ޖޫން 2012) ސިޓީއިން ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާއަށް ލަފާދީފައިވާކަމާއި؛
[25]29 އޭޕްރީލް 2012 ވަނަ ދުވަހު އިބްރާހީމް ސާމިނު ސިވިލް ސަރވިސް ކޮމިޝަނަށް ހާޒިރުކުރުމަށްފަހު އޮފީހަށް ހާޒިރުވުމަށް އަންގާފައިވީނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައިވާ ފަދައިން ޗުއްޓީ ހަމަޖެހުމަކާ ނުލައި އިބްރާހީމް ސާމިނު އޮފީހަށް ހާޒިރުވެފައި ނުވާތީ، އެ ތާރީޚުން ފެށިގެން އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާތީ، ދިވެހި ސިވިލް ސަރވިސް ޤަވާޢިދުގެ 216 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިޝަންގެ އެ ނިންމުމާމެދު އިބްރާހީމް ސާމިނު ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދީފައިވާކަން އަންގައި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު188-L/MIS/2012/310 (05 ޖޫން 2012) ސިޓީ ފޮނުވާފައިވާކަމާއި؛
[26]އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަށް ޖަވާބުދާރީވުމުގެ ގޮތުން ދެވުނު ފުރުޞަތުގައި، ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭފަދަ މަޤުބޫލު ސަބަބެއް އިބްރާހީމް ސާމިނުގެ ފަރާތުން ދައްކާފައި ނުވާތީ، އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރުމަށް އެދި ހުށަހެޅުމަށް ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާއަށް ލަފާދީ އެ ކޮމިޝަނުގެ ނަންބަރު 188-L/413/2012/12 (21 ޖޫން 2012) ސިޓީ ފޮނުވާފައިވާކަމާއި؛
[27]ހުވަދުއަތޮޅު ދެކުނުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު 01/2012(26 ޖޫން 2012) "ވަޒީފާއިން ވަކިކޮށް ދެއްވުމަށް އެދި ދަންނަވާ ޗިޓު" އިން އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރުމަށް އެދި އެ ކައުންސިލްގެ އިދާރާއިން ސިވިލް ސަރވިސް ކޮމިޝަންގައި އެދިފައިވަނީ އެ ކޮމިޝަންގެ ނަންބަރު 188-L/413/2012/10(03 ޖޫން 2012) ސިޓީއާއި، ނަންބަރު 188-L/MIS/2012/310 (05 ޖޫން 2012) ސިޓީއާއި، ނަންބަރު 188-L/413/2012/12 (21 ޖޫން 2012) ސިޓީގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށްކަން، ބަޔާންކުރެވުނު "ވަޒީފާއިން ވަކިކޮށް ދެއްވުމަށް އެދި ދަންނަވާ ޗިޓު" ގެ 2 ވަނަ ބައިގެ 7 ވަނަ ނަންބަރުން ސާފުވާކަމާއި؛
[28]އިސްވެ ބަޔާންކުރި "ވަޒީފާއިން ވަކިކޮށް ދެއްވުމަށް އެދި ދަންނަވާ ޗިޓު" ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާއިން ފޮނުވާފައިވަނީ އެ އިދާރާގެ ނަންބަރު 413-A/188/2012/115 (26 ޖޫން 2012) ސިޓީއާއެކުކަމާއި، އެ ސިޓީގައި އިބްރާހީމް ސާމިނު އޮފީހަށް ހާޒިރުވެފައިވަނީ 10 ޖޫން 2012 ވަނަ ދުވަހުކަން ފާހަގަކޮށްފައިވާކަމާއި؛
[29]އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު (2)CSC/2012/772 (27 ޖޫން 2012) "ވަޒީފާ ވަކިކުރެއްވި ޗިޓު" އިންކަމާއި، ބަޔާންކުރެވުނު "ވަޒީފާ ވަކިކުރެއްވި ޗިޓު" ގައި ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ކޮމިޝަނަށް ސާބިތުވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން" މިހެންކަމާއި؛
[30]އިސްވެ ބަޔާންކޮށްފައިވާ މުޢާމަލާތްތަކަށް ބެލުމުން، އިބްރާހިމް ސާމިނު ވަޒީފާއިން ވަކިކުރުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަކީ އެ ކޮމިޝަނުގެ ނަންބަރު 188-L/413/2012/10 (03 ޖޫން 2012) ސިޓީއިން، 29 އޭޕްރީލް 2012 ވަނަ ދުވަހު އިބްރާހީމް ސާމިނު އަލުން އޮފީހަށް ނުކުތުމަށް (އަނގަބަހުން) އަންގާފައިވާކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކެއްކަން ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 188-L/MIS/2012/310 (05 ޖޫން 2012) ސިޓީއާއި، އެ ކޮމިޝަނުގެ ނަންބަރު 188-L/413/2012/12 (21 ޖޫން 2012) ސިޓީއާއި، ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު 2012/01 (26 ޖޫން 2012) "ވަޒީފާއިން ވަކިކޮށް ދެއްވުމަށް އެދި ދަންނަވާ ޗިޓު" އާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު (2)CSC/2012/772 (27 ޖޫން 2012) "ވަޒީފާ ވަކިކުރެއްވި ޗިޓު" އަށް ބެލުމުން އެނގެން އޮންނަކަމުން، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 188-L/413/2012/10 (03 ޖޫން 2012) ސިޓީއިން 29 އޭޕްރީލް 2012 ވަނަ ދުވަހު އިބްރާހީމް ސާމިނު އެ ކޮމިޝަނަށް ހާޒިރުކުރުމަށްފަހު އޭނާ އޮފީހަށް ހާޒިރުވުމަށް އަންގާފައިވާކަމުގައި ބަޔާންކޮށްފައިވާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަކު އޮފީސް މަސައްކަތަށް ނެރުމާމެދު ކޮމިޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، އެކަން ލިޔުމުން ޒިންމާދާރުވެރިޔާއަށް އަދި އެ މުވައްޒަފަށް އަންގަންވާނެކަމުގައި ބަޔާންކޮށްފައިވާތީ އާއި، އިބްރާހީމް ސާމިނު ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުމަށް އެންގުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ނަންބަރު 188-LM/MIS/2012/241 ސިޓީގެ ތާރީޚަކީ02 މެއި 2012 ކަމުގައިވެފައި، ބަޔާންކުރެވުނު 02 މެއި 2012 ގެ ސިޓީގެ އިތުރުން، އިބްރާހީމް ސާމިނު ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އޭނާ އޮފީހަށް ނުކުތުމަށް އަންގާ އިތުރު އެހެން ސިޓީއެއް ނުވަތަ އެނޫންވެސް ލިޔުމެއް ތައްޔާރުކޮށްފައިވާކަން އެނގެން ނެތުމުންނާއި،02 މެއި 2012 ގެ ސިޓީ އިބްރާހީމް ސާމިނަށް ރައްދުކުރެވިފައިވަނީ 29 މެއި 2012 ވަނަ ދުވަހުކަން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، 02 މެއި 2012 ވަނަ ދުވަހުގެ ކުރީގެ ތާރީޚެއް ކަމުގައިވާ 29 އޭޕްރީލް 2012 ވަނަ ދުވަހު، އިބްރާހީމް ސާމިނަށް އަލުން ވަޒީފާއަށް ނުކުތުމަށް އަންގާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ކަމަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މައްސަލަ ނިންމުމުގައި ޢަމަލުކޮށްފައިވަނީ އިޖްރާއީ ގޮތުންނާއި މައުޟޫޢީގޮތުން ޢަދުލުވެރިކޮށް ކަމުގައި ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުން ދެކެއެވެ.
[31](ށ) ދެވަނަ ކަމަކީ، އިބްރާހީމް ސާމިނު 29 އޭޕްރީލް 2012 ވަނަ ދުވަހުން ފެށިގެން07 (ހަތެއް) ދުވަހުގެ ތެރޭގައި އޮފީހަށް ނުކުތުމަށް އަންގާފައިވާކަމާމެދު ހެކިންގެ ހެކިބަހުގައި ތަފާތުތަކެއް އުޅޭކަމަށާއި، އެކަމާމެދު ސުވާލު އުފެދޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާގެ 4 ވަނަ ނަންބަރުގެ (ރ) ގައި ފާހަގަކޮށްފައިވާތީ، އެ ކޯޓުން މައްސަލައިގެ ނިންމުމަށް ވާސިލުވެފައިވަނީ އަސްލު ޙަޤީޤީ މައްސަލައަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު،
[32]ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެ ނުކުތާ ފާހަގަކޮށްފައިވަނީ ހެކިންގެ ހެކިބަހަށް ޙަވާލާދީ ކަމުގައިވާނަމަވެސް، އިސްތިއުނާފު ފޯމުގައި އެ ނުކުތާގެ ތަފްޞީލުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އިބްރާހީމް ސާމިނުގެ ފަރާތުން އޭނާ އުޅޭ ނޫޅޭ ތަނެއް ވަޒީފާ ދިން ފަރާތަށް އެންގުމާއި ފޯނަށް ޖަވާބުދިނުމުގައި އިބްރާހީމް ސާމިނުގެ މައްޗަށް އޮތް ޒިންމާ އާއި، އިބްރާހީމް ސާމިނު އޭނާގެ އެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ވަޒީފާދޭ ފަރާތުގެ ޙައްޤަށް އައިސްފައިވާ އުނިކަމުގެ މައްޗަށްކަން އެނގެން އޮންނަކަމާއި،
[33]ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން އަދި އެފަދަ ޤާނޫނެއްގެ ދަށުން ހަދާފައިވާ ޤަވާޢިދެއްގެ ދަށުން، ވަކި ކަމަކާ ގުޅިގެން ވަކި ގޮތަކަށް ޢަމަލުކުރުމަށް ލާޒިމުކޮށްފައިވާނަމަ، އެކަމަކާ ގުޅިގެން އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ޤާނޫނުގެ ހުދޫދުން ބޭރުވުންކަމަށާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ގައި ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައިވާ މުވައްޒަފަކު، އަލުން އޮފީސް މަސައްކަތަށް ނެރުމާމެދު ގޮތެއް ކަނޑައަޅައި އަންގަންވާނީ ލިޔުމުންކަމުގައި ބަޔާންކޮށްފައި އޮތުމުން، ވަކިގޮތަކަށް ކުރުމަށް ލާޒިމުކޮށްފައިވާ ކަމެއް، އެނޫންގޮތަކަށް ކޮށްފައިވާކަން ސާބިތުކުރުމަށްޓަކައި ހެކިންގެ ހެކިބަސް ހުށަހަޅާފައިވީނަމަވެސް، އެފަދަ ހެކިބަހަކުން ސާފުވާ ކަންކަމަކީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމުން، ބުރަދަނެއް ދެވޭނެ ކަމެއް ނޫންކަމާއި،
[34]ދިރިއުޅޭ ތަނާއި ގުޅޭނެ ނަންބަރާބެހޭ މަޢުލޫމާތު ވަޒީފާ ދިން ފަރާތަށް އެންގުމަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް މަތިކޮށްފައި އޮންނަ ޒިންމާއެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 200 ވަނަ މާއްދާގައި މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތަކަށް ބަދަލު އަތުވެއްޖެނަމަ އެކަން ވަޒީފާއަދާކުރާ އޮފީހަށް އަންގަންޖެހޭކަމުގައި ބަޔާންކޮށްފައި އޮންނަކަމާއި، މީހަކު އެވަގުތު ދިރިއުޅޭ އެޑްރެހަކީ އަދި ފޯނު ނަންބަރަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމެނޭ މަޢުލޫމާތެއް ނޫންކަމުން، އެ މަޢުލޫމާތު ވަޒީފާއަދާކުރާ އޮފީހަށް އެންގުން ޤާނޫނީގޮތުން ލާޒިމުކޮށްފައިވާކަން އެނގެން ނެތްކަމާއި، ދިރިއުޅޭ ތަނާބެހޭ މަޢުލޫމާތު ވަޒީފާ ދިން ފަރާތަށް އެންގުމާއި ފޯނަށް ޖަވާބުދިނުމުގެ ޤާނޫނީ ޒިންމާއެއް އިބްރާހީމް ސާމިނުގެ މައްޗަށް އޮތްކަމުގައި ބެލިނަމަވެސް، އެފަދައިން އިބްރާހީމް ސާމިނުގެ ފަރާތުން ޢަމަލުކޮށްފައި ނުވުމަކީ ހުށަހެޅިގެން ބަލަމުން މިދާ މައްސަލައިގެ މަޤްޞަދަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން އުފުލަންޖެހޭ އިލްތިޒާމުން ބަރީޢަކޮށްދޭ ކަމެއް ނޫނެވެ.
ޙުކުމް
[35]ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހާ ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓަރައިބިއުނަލްގެ ނަންބަރު 169/VTR/2012 މައްސަލައިގެ ނިންމުން ބާޠިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފުކޮށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު މަހާޒް ޢަލީ ޒާހިރު
(ރިޔާސަތު)
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 200 ވަނަ މާއްދާ
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 216 ވަނަ މާއްދާ
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 226 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ)
- 2011/HC-A/134
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 18 ޑިސެމްބަރު 2013 · ރަޖިސްޓްރީކުރީ 19 ޖަނަވަރީ 2014 · ނިމުނީ 15 ޖަނަވަރީ 2020 (71.8 މަސް)