ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/39
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު އާފާޤް، 2025/HC-B12/39
2025/HC-B12/39 (2025/HC-B12/39, High Court of the Maldives, 23 November 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު އާފާޤް
މައްސަލައިގެ ޚުލާޞާ
މި މައްސަލާގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޖުމްލަ 4 ދަޢުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ ދަށުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް 2 ދަޢުވާއެއް ކޮށްފައިވެއެވެ. އެއީ ޖިންސީ ގޯނާ ކުރަން އުޅުމުގެ 2 ދަޢުވާއެކެވެ. ދަޢުވާލިބޭ ފަރާތް ޖިންސީ ގޯނާ ކުރަން އުޅެފައިވަނީ 16އ ފުރިފައިވާ ނަމަވެސް 18އ ނުފުރޭ 2 ކުއްޖަކަށެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅު އަންނަނިވި ހެކިތައް ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކާ އެއްގޮތަށް އެތަކެތި ޝަރީޢަތުގެ މަޖިލީހުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމް ދަޢުވާލިބޭ މީހާއަށް ލިބޭ މިންވަރަށް ހެކި ހާމަކުރުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދިފައިވެއެވެ.
1- އަނިޔާލިބުނު ލުއުލުއަތު ޙަސަން ސިމާލް (16އ) ގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ސީޑީ (ފޯލިއޯ 121)
2- އަނިޔާލިބުނު ފާޠިމަތު އިންޝާ ބިންތް ފަޟީލް (16އ) ގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ސީޑީ (ފޯލިއޯ 120)
3- ޢަބްދުއްރަޙްމާން ބިން ޢަބްދުﷲ (16އ) ގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ސީޑީ (ފޯލިއޯ 129)
4- ރޫޝާ ރަމީޒް (15އ) ގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ސީޑީ (ފޯލިއޯ 128)
5- މޯބައިލް ފޮރެންސިކް ރިޕޯޓްތަކުގެ އެޕެންޑިކްސްތަކާއި، ސީޑީތައް (ފޯލިއޯ: 36، 37، 57، 122، 123، 125، 126)
6- ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓް" އާ ގުޅޭ ސީޑީތައް (ފޯލިއޯ: 124)
ނަމަވެސް ޝަރީޢަތުން ނިންމަވާފައިވަނީ އެ ހެކިތައް، އެކްސަސް ކޮންޓްރޯލްކޮށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަ ޖެހިއްޖެނަމަ، ދިފާއީ ވަކީލަށް އެކަނި އެކްސަސް އޮންނާނެ ގޮތަށް، ދިފާއީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލެނޭ އިންތިޒާމް ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށެވެ.
ސަބަބެއްކަމަށް ޝަރީޢަތުން ވިދާޅުވަނީ، ދިފާއީ ވަކީލު ކޯޓަށް ގެނެސްގެން ފޮޓޯ އާއި ވީޑިއޯ ދެއްކުމަކީ ކޯޓުގެވެސް އެތަކެއް ވަގުތާއި ވަޞީލަތް ހޭދަވާ ކަމަކަށްވުމުގެ އިތުރަށް އެފަދަ ހެކިތައް ބަލައި ދިރާސާކުރުމަށް ގިނަ ދުވަސް ނެގުމުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް ދިގުލައި ދާތީކަމަށެވެ.ނަމަވެސް ކޯޓުން ބޭރުގައި ބެލޭނެ ފުރުޞަތު ދީފިނަމަ، ކޯޓުގެ ސިސްޓަމަށް ފްލެގް ނުވާގޮތަށް ރެކޯޑްކުރުމުގެ ފުރުޞަތު އޮތުމުންނާއި، މި މައްސަލާގައި ދަޢުވާ އުފުލުނީ 12/2009 ގެ ދަށުން ނޫންކަމުގައި ވީނަމަވެސް، މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުދިން ހިމެނޭތީ، ހައިކޯޓުގެ 2021 ވަނަ އަހަރުގެ 142 ވަނަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް މި މައްސަލައަށް ޠަޠްބީޤުކުރަންޖެހޭނެކަމަށް ޤަބޫލުކުރެވޭތީ، މި ނިންމުން އިސްތިއުނާފުކުރެވިފައިވެއެވެ.
މައިގަނޑު ސުވާލު
ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ހެކިތައް، އެކްސަސް ކޮންޓްރޯލްކޮށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަ ޖެހިއްޖެނަމަ، ދިފާއީ ވަކީލަށް އެކަނި އެކްސަސް އޮންނާނެ ގޮތަށް، ދިފާއީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލެނޭ އިންތިޒާމް ހަމަޖެއްސުމުގެ ފުރުސަތު ދިނުމަކީ ޤާނޫނު ނަންބަރު 19/2019 ގެ މަޤްޞަދާ ޚިލާފުވާ ނިންމުމެއްކަން ނުވަތަ ނޫންކަމާއި، ހައިކޯޓުގެ 2021 ވަނަ އަހަރުގެ 142 ވަނަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމަވާފައިވާ މައްސަލައެއްކަން ނުވަތަ ނޫންކަން.
ނިންމި ގޮތް
ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވި.
ކަނޑައެޅުނު އުޞޫލުތައް
ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގައި ޤާނޫނާ ގަވާއިދުން ކަނޑައެޅިފައިވާ އުޞޫލުގެ ތަރަހައިގެ ތެރެއިން ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސިއްރު ލިޔުންތައް ހަމައެކަނި ވަކީލުންނަށް ބަލައި ދިރާސާކުރެވޭ ގޮތަށް ހާމަކޮށް ދޫކުރުމަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ބަލައިގަނެވޭނެ އުޞޫލެއް ކަމަށާއި،
މި ފަދަ ޚައްސާސީ ލިޔެކިޔުންތައް، އިސްތިސްނާއީ ޙާލަތުގައި، ހަމައެކަނި ވަކީލުންނަށް ބެލޭ ގޮތަށް ދޫކުރަނީ ޤާނޫނީ ވަކީލުންނަކީ ކޯޓުން ކުރި ޝަރުޠުގެ އިތުރުން، އެފަންނުގެ ސުލޫކީ މިންގަނޑުގެ ދަށުން ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ބައެއް ކަމުގައިވާތީއާއި، ދައުލަތް ތަމްސީލުކުރާ ވަކީލުންނެކޭ އެއްފަދައިން، ދިފާޢީ ވަކީލުންނަކީވެސް ޤާނޫނީ ހުވައެއްކޮށް، ސުލޫކީ ވަކި ހަމަތަކާއި މިންގަނޑުތަކަށް ތަބާވުން ލާޒިމު ބައެއްކަމަށާއި،
ޝަރުޢީ ކޯޓަކުން ވަކި ޝަރުޠުތަކެއް ކޮށް ދިފާއީ ވަކީލަށް އެކަނި ބެލޭ ގޮތަށް ދޫކުރާ ލިޔެކިޔުމެއް ނަކަލުކޮށް އެހެން މީހުންނާ އެއް ޙާޟިރެއްގައި ބެލުމުގެ އިޙްތިމާލެއް އޮތްކަމަށް ވާޤިއީ ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި ދައުލަތުން ބުނާ ބުނުމަކީ ހަރުދަނާ އަސާސެއް އޮތް ބުނުމެއް ކަމުގައި ނުވާތީއާއި،
މި ނިންމުން ނިންމުމުގައި މައްސަލާގައި ހިމެނޭ ކުޑަކުދިންގެ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން މި ހެކިތައް ބެލުމުގެ ފުރުޞަތު ފަހިކޮށްދީފައިވަނީ ދިފާއީ ވަކީލަށް އެކަނިކަމަށްވާތީ، މިއީ ހައިކޯޓުގެ 2021 ވަނަ އަހަރުގެ 142 ވަނަ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ފަދައުން އިންސާފުވެރި ޝަރީޢަތަށް ލިބުމުގެ ޙައްޤާއި، ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު ވަޒަންކޮށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ފެންނާތީ.