ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/38
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްވައްހާބު ޢަބްދުﷲ، 2025/HC-B12/38
2025/HC-B12/38 (2025/HC-B12/38, High Court of the Maldives, 23 November 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްވައްހާބު ޢަބްދުﷲ
މައްސަލައިގެ ޚުލާޞާ
މައްސަލާގައި ހިމެނޭ ހެކި ނަންބަރު 7 އަދި 8 (މައްސަލާގައި އަނިޔާލިބުނު ތ. ވޭމަންޑޫ، އަސްރަފީގެ، ފާޠިމަތު ޝޫރާ ޢަބްދުލްޢަލީމް (13 އަހަރު) އާއި ތ. ވޭމަންޑޫ، އަސްރަފީގެ، ޢާއިޝަތު ނޫރާ ޢަބްދުލްޢަލީމް (16 އަހަރު)) ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނިކޮށް، ދިފާއީ ހެކިންގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެ ހެކިން ހުށަހެޅުމުން، އެހެކިންނަކީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ޝަރީޢަތުން ނިންމަވައި، ދިފާއީ ހެކިންގެ ގޮތުގައި އެ ދެ ހެކިން ބަލައިގަތުމަށް ޝަރީޢަތުން ނިންމަވާފައިވެއެވެ.
މައިގަނޑު ސުވާލު
ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: N11C/SHN(20/N11C/2023)/2025/02 (19 އޮކްޓޫބަރު 2025) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިން ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު: 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 111 ވަނަ މާއްދާގެ ރޫޚާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ޚިލާފަށް ނިންމަވާފައިވާ ނިންމެވުމަކަށްވުން.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ނަންބަރު: N11C/SHN(20/N11C/2023)2025/02 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި.
ކަނޑައެޅުނު އުޞޫލުތައް
ތިރީގައިވާ ސަބަބުތަކަށްޓަކައި ޢަބްދުލްވައްހާބު ޢަބްދުﷲ ގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ނިންމެވިއެވެ.
މި މައްސަލާގައި ދައުލަތުން ހުށަހެޅި ޖަދަލު ބިނާވަނީ ޝަރީޢަތް ފެށުމުގެ ކުރިއަށް ހެކި ބަލައިގަތުމާ ގުޅޭ (admissibility of evidence) މަފްހޫމްގެ މައްޗަށް ކަމަށާއި،
ހެކި ބަލައިގަތުމުގެ މަފްހޫމްގައި ހިމެނޭ ޖައުހަރީ އުޞޫލަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކަކީ ގުޅުން އޮތް (relevant) ހެއްކަކަށްވުންކަމަށާއި،
މައްސަލާގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ވާޤިޢާއަށް ތާއީދުލިބޭ ނުވަތަ ނަފީކުރާ ކޮންމެ ވާޤިޢާއަކީވެސް ގުޅުން ހުރި ވާޤިޢާއެއްކަމަށާއި،
ހެއްކާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާއާއި 114 ވަނަ މާއްދާގައި ގުޅުންހުރި ހެކި ކަމަށް ބެލެވޭ އަސާސްއަކީ ސާބިތުރުކުރުމަށް ބޭނުންވާ ވާޤިޢާއަކާއި، އެ ވާޤިއާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުންކަމާއި،
ވަކި ވާޤިއާއަކާ ވަކި ހެއްކަކާ ގުޅުން ހުރިކަމަށް ބެލެވޭނީ، ޤާނޫނީ ގޮތުން ގުޅުން ހުރި ހެއްކެއް، މާއްދީ ގޮތުން ގުޅުން ހުރުމުގެ ސަބަބުން އެ ހެއްކެއް ކޯޓަށް ބަލައިގަތުމުން، ޝަރީޢަތުގައި އޮތް މައްސަލާގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް ވާނަމަކަމަށާއި،
ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ގޮތެއް ކަނޑައެޅޭނީ ހެއްކެއް ބަލައިގަތުމާ ގުޅިގެން ކަމަށާއި،
ހެއްކެއް ޝަރީޢަތަށް ބަލައިގަތުމަަކީ ހެއްކެއްގެ ޞައްޙަކަން ކަނޑައެޅުމެއް ނޫންކަމަށާއި،
ދައުލަތުގެ ހެކިން ދިފާއީ ހެކިންތަކެއްގެ ގޮތުގައި ހުށަހެޅުމުން އެ ހެކިން ބަލައިގަތުން މަނާކުރާ ޞަރީޙަ އެއްވެސް ޤާނޫނީ ނައްޞަކާ ދައުލަތުން ހަވާލާދީފައިނުވާތީއާއި،
ދަށު ކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ދައުލަތުން ބުނާއިރު، މި ބަހުސް ދަށު ކޯޓުގައި ހުށަހަޅާފައިނުވާތީއާއި،
ދަށު ކޯޓުގެ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 111 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގެ ރޫހާ ޚިލާފު ނިންމުމެއް ކަމުގައި ދައުލަތުން ބުނެފައިވާއިރު، މި މާއްދާތައް ނިސްބަތްވަނީ ކްރޮސްއެގްޒަމިނޭޝަން މަރުޙަލާއަށްކަމަށްވާތީ، މި މަރުޙަލާގައި އެ މާއްދާތަކާ ގުޅިގެން ގޮތެއް ކަނޑައަޅަން ނުޖެހޭނެތީއާއި،
އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް ޢަބްދުލްވައްހާބު ޢަބްދުﷲ ގެ ފަރާތުން އެ ހެކިން ޙާޟިރުކުރުމަށް އެދޭ ސަބަބުތަކަކީ ދައުލަތުން އެ ދެހެކިން ހުށަހަޅާފައިވާ ދާއިރާއާއި ތަފާތު ދާއިރާއަކުން ސުވާލުކޮށް ވާޤިޢާ ކަށަވަރުކުރުމުގެ ބޭނުމަށްކަމަށް މިހިނދަށް ބުރަވެވޭތީއެވެ.