ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/2
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ އަންވަރު މުޙައްމަދު، 2025/HC-B12/2
2025/HC-B12/2 (2025/HC-B12/2, High Court of the Maldives, 20 January 2026)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ އަންވަރު މުޙައްމަދު
މައްސަލައިގެ ޚުލާޞާ
ޢަލީ އަންވަރު މުޙައްމަދު ހައްޔަރުކުރުމަށާއި،. އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވޭ.
މީގެ ތެރެއިން ފުލުހުން އެންމެ ފުރަތަމަ ތަންފީޛުކުރީ ހައްޔަރު އަމުރު. ބަލައި ފާސްކުރުމުގެ އަމުރު ތަންފީޛުކޮށްފައިވަނީ ، ހައްޔަރުކޮށްގެން، ހައްޔަރު ދެމެހެއްޓުމަށްފަހު އޭނާ ގޮވައިގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް.
24 ގަޑި އިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރުމުން ހައްޔަރު ރަނގަޅުކަމަށް ކަނޑައެޅުމަށްފަހު 5 ދުވަހަށް ބަންދުކޮށްފައިވޭ.
މި މުއްދަތު ހަމަވެގެން ދެވަނަަ ފަހަރަށް ބަންދުކޮށްދިނުމަށް އެދުމުން، އެންމެ ފުރަތަމަ ހައްޔަރު އަމުރު ތަންފީޛުކުރުމުން ހައްޔަރު އިޖުރާއަތުގައި އުނިކަމެއް ހުރިކަމަށް ވިދާޅުވެ، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވޭ.
މައިގަނޑު ސުވާލު
ހައްޔަރު އަމުރަކާއި ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއް އެކު އެކީ ނެރެފައިވާ ހާލަތުގައި، ތަންފީޛުކުރުމުގައި އިސްކަންދޭން ޖެހޭ ތަރުތީބެއް ކަނޑައެޅިދާނެތޯ؟
24 ގަޑި އިރު ތެރޭގައި ހައްޔަރާ މެދު ގޮތެއް ކަނޑައެޅުމަށްފަހު އަލުން އަނެއްކާ އެ އިޖުރާއަތު ހިންގިދާނެތޯ؟
ނިންމި ގޮތް
ޢަލީ އަންވަރު މުޙައްމަދު ބަންދުން ދޫކޮށްލަން ދަށު ކޯޓުން ނިންމި އަމުރު ބާޠިލްކުރެއްވި.
ކަނޑައެޅުނު އުޞޫލު
ހައްޔަރު އަމުރަކާއި ބަލައި ފާސްކުރުމުގެ އަމުރެއް އެކު އެކީ ނެރޭ އިރު ތަންފީޛުކުރުމުގައި ވަކި ތަރުތީބެއް ޤާނޫނެއްގައިވެސް ގަވާއިދެއްގައިވެސް ކަނޑައަޅާފައިނުވާތީއާއި އަދި އެ އަމުރުތަކުގައިވެސް އެފަދަ ތަރުތީބެއް ކަނޑައަޅާފައިނުވާތީ، ޤާޟީ އަމިއްލައަށް އެކަމުގައި ތަރުތީބެއް ކަނޑައަޅައި، އެ ތަރުތީބަށް ޢަމަލުނުކުރުމަކީ އިޖުރާއީ ގޯހެއްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނިންމެވި. އަދި، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ހައްޔަރު ރަނގަޅުކަމަށް ކަނޑައަޅާފައިވަނިކޮށް އަދި އެ ނިންމުން ނިހާއީ ވެފައި ވަނިކޮށް، އެ ނިންމުމަށް އިތުރު ބަދަލެއް ގެންނަންޖެހޭ ސަބަބެއް ބަޔާންކުރުމަކާނުލައި ހައްޔަރާމެދު އަލުން ގޮތެއް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ނިންމެވި.