ސައިޓޭޝަން ކޮޕީ ކުރުމަށް
2024/SC-A/05
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން، 2024/SC-A/05
2024/SC-A/05 (2024/SC-A/05, Supreme Court of the Maldives, 26 October 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން
މައްސަލައިގެ ޚުލާޞާ
ޙާދިސާ: 2019 ވަނަ އަހަރުގެ އެކި ދުވަސްމަތިން އިލްހާމް ޢަބްދުއްރަޙްމާން، އޭނާގެ އަނބިމީހާއަށް ބޮޑުދައިތަ ކިޔާ 5 އަހަރުގެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގައި، އޮރިޔާން މަންޒަރު ދައްކައި، އަދި އޭނާ ދިރިއުޅޭ ކޮޓަރިން އޮރިޔާންކާޑު ފެނުނު މައްސަލައެއްގައި ދައުލަތުން އޭނާގެ މައްޗަށް 3 ދައުވާއެއް ކުރިއެވެ:
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ.
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ.
އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ.
މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުގެ ނިންމުން: މީދޫ މެޖިސްޓްރޭޓް ކޯޓުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވާކަމަށް ނިންމި ނަމަވެސް، ޖިންސީ ގޯނާގެ ދެ ދައުވާ ސާބިތުނުވާކަމަށް ޙުކުމް ކުރިއެވެ. އެއީ ކުއްޖާ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތުމާއި، ކުއްޖާގެ އިންޓަވިއު ރެކޯޑިންގ ސީޑީ ކޮރަޕްޓްވެފައިވުމުން ކުއްޖާގެ ބަސް/ހެކިބަސް ސީދާ ޝަރީޢަތަށް ލިބިފައި ނެތުމުންނެވެ. ހައިކޯޓުންވެސް އަޣްލަބިއްޔަތުން ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކުރިއެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުން: ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއެވެ.
މައިގަނޑު ސުވާލު
ކުއްޖާގެ ސީދާ ބަޔާނެއް ނުވަތަ އިންޓަވިއު ރެކޯޑިންގެއް ނެތް ނަމަ، ތަޙުޤީޤަށްކުރި ފަރާތުގެ ބަޔާނުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުން ކުއްޖާގެ ޝަކުވާ އެނގެން އޮތުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ލުއި މިންގަނޑަކުން ހެކި ވަޒަންކުރެވިދާނެ ހެއްޔެވެ؟
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އަނިޔާލިބުނު ކުޑަކުއްޖާ ސީދާ ޝަރީޢަތަށް ހާޟިރުކޮށްގެން ހެކިބަސް ނެގުމަކީ ލާޒިމު ކަމެއްތޯ ނުވަތަ އިޚްތިޔާރީ ކަމެއްތޯ؟
ނިންމި ގޮތް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން:
މީދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމުން ޖިންސީ ގޯނާގެ ދެ ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅި ބަޔާއި، ހައިކޯޓުގެ ތާއީދުކުރި ނިންމުން ބާތިލުކުރެއްވިއެވެ.
ކުއްޖާގެ އިންޓަވިއު ރެކޯޑިންގ ކޮރަޕްޓްވެފައިވީ ނަމަވެސް، ފުލުހުންގެ ތަޙުޤީޤު ބަޔާނާއި ސައިކޮލޮޖިސްޓް ރިޕޯޓުން ކުއްޖާގެ ބަސް/ޝަކުވާގެ ތަފްސީލު ސާފުކޮށް އެނގެން އޮތުމުން ހެކި ވަޒަންކުރުމަށް ހުރަހެއް ނެތްކަމަށް ކަނޑައެޅުއްވިއެވެ.
މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް އެ ދެ ދައުވާއަށް އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކުރުމަށް ޙުކުމް ކުރެއްވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
ކުއްޖާގެ ބަހުގެ މާނަ: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ)، އަދި (އ) ގައި ބަޔާންކުރާ "ކުއްޖާގެ ބަސް/ކިޔައިދިނުން" އަކީ ސީދާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަސް އެކަންޏެއް ނޫނެވެ. އެއީ ޝަރީޢަތުގެ ކުރީ މަރުޙަލާތަކުގައި (މައިންބަފައިންނަށް، ފުލުހުންނަށް، ނުވަތަ ސައިކޮލޮޖިސްޓުން ފަދަ މީހުންނަށް) ކުއްޖާ ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމާއި ތަފްސީލީ ޝަކުވާއެވެ.
ޝަރީޢަތަށް ކުއްޖާ ހާޟިރުކުރުން: ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުޑަކުއްޖާ ޝަރީޢަތަށް ހާޟިރުކޮށްގެން ހެކިބަސް ނެގުމަކީ އިޚްތިޔާރީ ކަމެކެވެ. ޤާނޫނުގެ މަޤްޞަދަކީ އެ ނޫން ގޮތެއް ނެތިގެން އިސްތިސްނާ ޙާލަތެއްގައި މެނުވީ ކުޑަކުދިން ޝަރީޢަތުގެ މަޖިލީހަށް ހާޟިރު ނުކުރުމެވެ.
އިންޓަވިއު ރެކޯޑިންގ ނުވަތަ ސީދާ ބަޔާން ނެތް ޙާލަތު: ކުއްޖާގެ އުމުރާއި ޙާލަތަށް ބަލައި ލިޔުމުން އޮތް ބަޔާނެއް ނެތުމަކީ ނުވަތަ ރެކޯޑިންގ ހަލާކުވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ސައިކޮލޮޖިސްޓުގެ ރިޕޯޓާއި ތަޙުޤީޤު ކުރި ފަރާތުގެ ބަޔާން ފަދަ ރަސްމީ ލިޔެކިޔުންތަކުން ކުއްޖާގެ ޝަކުވާއާއި ބަހުގެ ތަފްސީލު ސާފުކޮށް އެނގެން އޮންނަ ނަމަ، އެއީ ކުއްޖާގެ ބަސް ކަމުގައި ބަލައިގެން ޤާނޫނުގެ 47 ވަނަ މާއްދާގެ ލުއި މިންގަނޑުން ހެކި ވަޒަންކުރަންޖެހޭނެއެވެ.