ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-JC/01
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަދުޙަމް މުޙައްމަދު، 2024/HC-JC/01
2024/HC-JC/01 (2024/HC-JC/01, High Court of the Maldives, 30 June 2026)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަދުޙަމް މުޙައްމަދު
މައްސަލައިގެ ޚުލާޞާ
އަދުޙަމް މުހައްމަދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
ވާޤިއާ: 04 ޑިސެންބަރު 2019 ދުވަހުގެ ރޭ 21:06 އެހައިކަށްހައިރު، ހުޅުމާލޭގައި ދުއްވަމުންދިޔަ ޓެކްސީއެއްގެ ފަހަތު ސީޓުގައި އިނދެ، ފޭރުމުގެ ނިޔަތުގައި، އަދުޙަމް މުޙައްމަދު އަތުގައިއޮތް ތިލައިގެ ދިގުމިނުގައި 6 އިންޗި ހުރި ވަޅިއަކުން ޓެކްސީ ޑްރައިވަރު (ޤާސިމް ޙަސަން) ގެ ކަރަށް ޙަމަލާދީ މަރާލާފައިވާ މައްސަލައެވެ.
ދަށު ކޯޓުގެ ނިންމުން: ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 މައްސަލާގައި އަދުޙަމް މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މަރާމަރަށް މަރުހިފުމަށް (ޤިޞާޞް ހިފުމަށް) ޙުކުމްކުރިއެވެ.
ހައިކޯޓަށް ހުށަހެޅި ހުށަހެޅުން: ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ) ގެ 1205 ވަނަ މާއްދާގެ ދަށުން، މަރުގެ އަދަބު ކަނޑައެޅޭ މައްސަލަތަކުގެ ނިހާއީކަން ކަށަވަރުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
މައިގަނޑު ސުވާލު
މަރުގެ އަދަބުގެ ނިހާއީކަން ކަށަވަރުކުރުމުގެ މަރުޙަލާގައި ހައިކޯޓުން ބެލި މައިގަނޑު އިޝޫތަކަކީ:
ދަށު ކޯޓުގައި މައްސަލަ ހިންގުނުއިރު، ޤާނޫނުއަސާސީއާއި ޤާނޫނުން އަދުޙަމް މުޙައްމަދަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް (ވަކީލެއްގެ އެހީތެރިކަން ލިބުމާއި ދިފާއު ވުމުގެ ފުރުސަތު) އެންމެ ފުރިހަމައަށް ލިބިދީފައިވޭތޯ؟
އަދުޙަމް މުޙައްމަދުގެ މައްޗަށް ކުށް ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅި ހެކިޤަރީނާއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ފެތޭ ހެކިތަކެއްތޯ؟
އަދުޙަމް މުޙައްމަދުގެ ކިބައިގައި ޤަޞްދު މަރުގެ ނިޔަތް (Mens Rea) އޮތްކަން ހެކިޤަރީނާއިން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވޭތޯ؟ (އޭނާ މަސްތުގެ ޙާލަތުގައި ހުރިކަމަށް ބުނާ ބުނުމުން ނިޔަތް ނަފީވޭތޯ؟)
މަރަށް މަރުހިފުމުގެ އަދަބު ކަނޑައެޅިއިރު، މަރުވި ޤާސިމް ޙަސަންގެ އެންމެހައި ވާރިސުންގެ ބަސް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން ސާފުކޮށް، ކުށުގެ އަދަބުން އިސްތިސްނާވާ ފަދަ ޝަރުޢީ އެއްވެސް ސަބަބެއް ނެތްކަން ކަށަވަރުކުރެވިފައިވޭތޯ؟
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ނަންބަރު: 62/Cr-C/2020 ޤަޟިއްޔާއިން އަދުޙަމް މުޙައްމަދުގެ މައްޗަށް ދަޢުވާކުޅަ މައްސަލައިގެ ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އޭނާއަށް ލިބިދީފައިވާކަމަށް ކަނޑައަޅައި،
ކްރިމިނަލް ކޯޓުގެ ނަންބަރު: 62/Cr-C/2020 ޤަޟިއްޔާގައި ހުށަހެޅުނު ހެކި ޤަރީނާ ވަޒަންކޮށް، އަދުޙަމް މުޙައްމަދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި،
ކްރިމިނަލް ކޯޓުގެ ނަންބަރު: 62/Cr-C/2020 ޤަޟިއްޔާގައި ޤާސިމް ޙަސަންގެ ވާރިސުން ކަނޑައަޅައި ހެކިބަސް ނަގާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި،
ކްރިމިނަލް ކޯޓުގެ ނަންބަރު: 62/Cr-C/2020 ޤަޟިއްޔާގައި އަދުޙަމް މުޙައްމަދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާތީ އަދުޙަމް މުޙައްމަދު މެރުމަށް ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމަށް ހުރަސްއެޅޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި،
ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ޖެހޭކަމަށް ނިންމައި، ކްރިމިނަލް ކޯޓުގެ ނަންބަރު 62/Cr-C/2020 މައްސަލާގައި އަދުޙަމް މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް މަރަށްމަރު ހިފުމަށް (ޤިޞާޞް ހިފުމަށް) ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ ނިހާއީ ޙުކުމެއް ކަމަށް ކަނޑައަޅައި، އެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމެވީއެވެ.
ކަނޑައެޅުނު އުޞޫލުތައް
މަރުގެ އަދަބުގެ ނިހާއީކަން ކަށަވަރުކުރުން: މަރުގެ އަދަބަކީ ތަންފީޒުކުރުމަށްފަހު ބަދަލުނުކުރެވޭނެ އަދަބަކަށްވާތީ، އިސްތިއުނާފު ނުކުރިކަމުގައި ވިޔަސް، މަތީ މަރުޙަލާގެ ކޯޓަކުން އެ މައްސަލައެއްގެ އިޖުރާއަތްތަކާއި، ހެކި ވަޒަންކުރިގޮތާއި، އަދި އަދަބު ކަނޑައެޅި އުޞޫލުތަކުގެ ޞައްޙަކަން އަލުން ބަލައި ކަށަވަރުކުރަންޖެހެއެވެ.
އަމިއްލަ އިޚްތިޔާރުގައި މަސްތުވެގެން ހުރެ ކުރާ ކުށް (Self-Induced Intoxication): މަޖުބޫރުކަމެއްނެތި، އަމިއްލަ އިޚްތިޔާރުގައި މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ޙާލަތުގައި ހުރެ، އިސްލާމީ ޝަރީޢަތުގައި ޤަޞްދު މަރެއްކަމުގައި ބެލެވޭ ޢަމަލެއް ހިންގައިފިނަމަ، އޭނާގެ ކިބައިން ޤަޞްދުގެ ނިޔަތް (Mens Rea) ނަފީއެއް ނުކުރެވޭނެއެވެ.
ނިޔަތް ޤަރީނާއިން ސާބިތުވުން (Inference of Intent): މީހެއްގެ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނާނީ ކުށުގެ ޢަމަލު ހިންގި ޙާލަތަށާއި، ބޭނުންކުރި ހަތިޔާރަށާއި، ޙަމަލާދިން ގުނަވަނަށް (ކަރަކީ ނާޒުކު ގުނަވަނަކަށްވުން)، އަދި ކުށް ކުރުމަށްފަހު ފިލަން ކުރި ރޭވުންތެރި ޢަމަލުތަކުގެ (ހެކި ފޮރުވުމާއި އަންނައުނު ބަދަލުކުރުން) މައްޗަށް ބަލައިގެންނެވެ.
ވާރިސުންގެ އިއްތިފާޤު: ޤަޞްދު މަރުގެ މައްސަލަތަކުގައި ޤިޞާޞް (މަރަށްމަރު) ހިފޭނީ ނިޔައުވި މީހާގެ އެންމެހައި ވާރިސުން (ބާލިޣުވެ ބުއްދިސަލާމަތުން ތިބި) މަރަށް މަރުހިފުމަށް އެދި އިއްތިފާޤުވާނަމައެވެ.
އިޢުތިރާފުން ރުޖޫޢަވުން: ތަޙުޤީޤުގައާއި ކޯޓުގައި ވެފައިވާ އިޢުތިރާފަކުން ފަހުން ރުޖޫޢަވި ނަމަވެސް، އެ އިޢުތިރާފަށް ބާރުދޭ މިނޫންވެސް އެކަށީގެންވާ ސާބިތުކުރުވަނިވި މާއްދީ ހެކީގެ ސިލްސިލާއެއް (Scientific & Circumstantial Evidence) ހުރިނަމަ، ކުށް ސާބިތުކުރުމަށް އެ ހެކިތަކުގެ މައްޗަށް ބުރަވެވޭނެއެވެ.