ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/22
މޫސާ ނާޝިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2024/HC-B12/22
2024/HC-B12/22 (2024/HC-B12/22, High Court of the Maldives, 29 May 2024)
މޫސާ ނާޝިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުން ނެރެފައިވާ ނަންބަރު 145-J/BFA/2024/117، 145-J/BFA/2024/116 އަދި 145-J/HBF/2024/115 އަމުރުތައް އިސްތިއުނާފުކޮށް ހައިކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. މި އަމުރުތަކަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެޑްމިންޓަން އެސޯސިއޭޝަންއާ ގުޅިގެން ހިންގަމުންދިޔަ ތަޙްޤީޤަކަށް އެދިގެން ނެރެފައިވާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުމުގެ އަމުރުތަކެކެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އޭނާއަކީ ދައުލަތުގެ މުވައްޒަފެއްކަމަށް ބަލައި އަމުރު ނެރުނު ސަބަބު ބަޔާންކޮށްފައިނުވާ ކަމަށާއި، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ކްރިމިނަލް ކޯޓުގެ އަމުރުތަކުގައި އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަމަށް ބަލައިފައިވާ ސަބަބު އެކަށީގެންވާ މިންވަރަށް ބަޔާންކޮށްފައިވޭތޯ ނުވަތަ ނޫންތޯ؟
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މީހުން ހުއްޓުވައި ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ލިބިގެންވާ ބާރެއްތޯ ނުވަތަ އެއީ ހަމައެކަނި ފުލުހުންނަށް އޮންނަ ބާރެއްތޯ؟
ނިންމި ގޮތް
އޭސީސީން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ 3 އަމުރުގެ ތެރެއިން ބަލައި ފާސްކުރުމަށް ނެރުއްވި 2 އަމުރު ރަނގަޅުކަމަށް ނިންމެވި. ހުއްޓުވާ ބަލައި ފާސްކުރުމަށް ނެރުއްވި އަމުރު ބާޠިލްކުރެއްވި. 3 އަމުރާމެދުވެސް ނިންމަވާފައިވަނީ މިއޮފީހުން އެދުނުގޮތަށް.
ކަނޑައެޅުނު އުޞޫލުތައް
ތަޙްޤީޤު މަރުޙަލާގެ އަމުރުތަކުގެ ސަބަބު ބަޔާންކުރުން: ތަޙްޤީޤު މަރުޙަލާގެ އެންމެ ކުރީކޮޅު ނެރޭ ބަލައި ފާސްކުރުމުގެ އަމުރުތަކުގައި މައްސަލައިގެ ތަފްޞީލު އިޖުމާލީ ގޮތެއްގައި ބަޔާންކުރުމުން ފުދޭނެކަމަށާއި، ތަޙްޤީޤުގެ ކުރީކޮޅު، މައްސަލައިގެ ތަފްޞީލުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ނަން ބަޔާންކޮށްފައިވުމުން އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ދެކިފައިވާ ސަބަބު ސާފުވާކަން.
މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ ބާރު: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ޚާއްޞަކުރެވިފައިވަނީ ފުލުހުންނަށްކަން. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެ ނޫން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، އެފަދަ ބާރެއް އޭސީސީއަށް ތަންފީޛެއް ނުކުރެވޭނެކަން.