ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/277
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޒާހިރު، 2023/HC-A/277
2023/HC-A/277 (2023/HC-A/277, High Court of the Maldives, 2 July 2026)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޒާހިރު
މައްސަލައިގެ ޚުލާޞާ
މި މައްސަލައަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އުފުލި މައްސަލައެކެވެ. މި ދަޢުވާ އުފުލާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ. ދަޢުވާ އުފުލާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ އެކި ދުވަސްމަތިން، ކުއްޖާ ލައިގެންހުރި އަންނައުނު މަތިން، އެ ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލައި، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީއެވެ.
ދަށު ކޯޓުން މި މައްސަލަ ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށް ކަނޑައަޅައި ދަށު ކޯޓުން ޙުކުމްކޮށްފައިވެއެވެ.
މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ހެކިބަސް ލިބިފައިވަނިކޮށް އެ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީއެވެ.
މައިގަނޑު ސުވާލު
1- ކުއްޖާ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކިޔައިދިން ކިޔައިދިނުމާއި ޝަރީޢަތުގައި ކިޔައިދިން ކިޔައިދިނުމުގައި ފުށުއެރުންތައް ހުރުމުން، ހެކި ވަޒަންކުރުމުގައި ޢަމަލުކުރާނީ ކިހިނެތްތޯ؟
2- ކުއްޖާ ޝަރީޢަތުގައި ހެކިބަސްދެމުން ހާދިސާއަކީ ނުހިނގާ ހާދިސާއެއްކަމަށް ބުނެފިނަމަ، އޭގެ ސަބަބުން ކުއްޖާ ކުރިން ދައްކާފައިހުރި ވާހަކަތައް އެއްފަރާތް ކުރަންޖެހޭތޯއާއި، ކުއްޖާ ކުރިން ދެއްކި ވާހަކަތައް ހެކިބަހުގެ ގޮތުގައި ބޭނުންކުރެވިދާނެތޯ؟
ނިންމި ގޮތް
ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރައްވައި، މައްސަލަ ދަށު ކޯޓަށް ތަހުވީލުކުރެއްވި.
ކަނޑައެޅުނު އުޞޫލު
ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅުއްވި. މިގޮތަށް ކަނޑައަޅުއްވާފައިވަނީ މި މައްސަލައިގައި އަނިޔާލިބުނު ކުއްޖާ ތަޙުޤީޤުގައި ކިޔައިދީފައިވާ ކިޔައިދިނުމާއި، ފުށުއަރާ ގޮތަށް ޝަރީޢަތުގައި ހެކިބަސް ދިނުމުން ކުއްޖާ ޝަރީޢަތަށް ދިން ހެކިބަހަށް އެކަނި ފަނޑިޔާރު ރިޢާޔަތްކޮށްފައިވާތީ. މި ހާލަތުގައި އެންމެ އިންޞާފުވެރި އަދި ޢަދުލުވެރި ގޮތަކަށްވާނީ، އެ ކިޔައިދިނުންތަކުގައި ހުރި ކަންކަމަށް ބަލައި، ބުރަދަން ދިނުމުގައި ރައްކާތެރި ގޮތަކީ ކޮބައިތޯ ބަަލައި އަލުން ހެކި ވަޒަންކުރުންކަމަށާއި، އެ ގޮތަށް ހެކިވަޒަންކޮށް އަލުން ގޮތެއް ކަނޑައަޅަން މައްސަލަ ދަށުކޯޓަށް ތަހުވީލުކުރެއްވި.