ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/30
ޢަބްދުﷲ ހައިޝަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2021/HC-B12/30
2021/HC-B12/30 (2021/HC-B12/30, High Court of the Maldives, 17 July 2021)
ޢަބްދުﷲ ހައިޝަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ޢަބްދުﷲ ހައިޝަމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު 287235)، ސައީދާމަންޒިލް / ސ. މީދޫ، އަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން، 2 ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، 3 ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދުނު ނަމަވެސް، ޢަބްދު ﷲ ހައިޝަމް ބަންދުން ދޫކުރުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ. މިއަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރެވި، ހައިކޯޓުގެ ނަންބަރު 2021/HC-B12/13,14,15,16,17 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި، ޢަބްދުﷲ ހައިޝަމް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ހައިކޯޓުން ނިންމިއެވެ. ބަންދުކުރުމަށް އަމުރުކުރި ތާރީޙްއަކީ 2021 ޖޫން 21 ވަނަ ދުވަހެވެ. އެހެންނަމަވެސް، ޢަބްދުﷲ ހައިޝަމް ޝަރީޢަތް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެދި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އިތުރު 20 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނިންމިއެވެ. މިއީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ޢަބްދުﷲ ހައިޝަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެވެ.
މައިގަނޑު ސުވާލު
1. ދަށު ކޯޓުން އަމުރު ނެރެދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުކަމަށްވާ، ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުރިކަމަށް މާނަކޮށްފައިވާ ގޮތާ ޙިލާފަށްތޯ ނުވަތަ ނޫންތޯ؟
2. ދަށު ކޯޓުން އަމުރު ނެރެދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 (ޤާސިމް އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް، ބަންދުގައި ހުންނަ މީހާގެ އަސާސީ ޙައްޤު ކަށަވަރު ކުރުމަށްފަހުގައިތޯ ނުވަތަ ނޫންތޯ؟
ނިންމި ގޮތް
އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ނިޔާ ކަނޑައެޅުމުގެ ކުރިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާ މެދު ހައިކޯޓުން ގޮތް ކަނޑައަޅައިފައިވާއެވެ. މިނުކުތާއާމެދު ހައިކޯޓުން ނިންމާފައިވަނީ، އިސްތިއުނާފުކުރާ ފާރާތުގެ ޤާނޫނީ ވަކީލުކަމުގައިވާ ސ. ފޭދޫ / ހިރިލަންދޫ، މުޙައްމަދު މިންހާޖު އަކީ އެމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތެއްގެ ޤާނޫނީ ވަކީލަކަށްވާތީ، އަދި މިކަމާ ވަކީލު ދެބަސްވެފައިނުވާތީ، ޤާނޫނު ނަންބަރު 12/2026 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ކ) ގައި "މި މާއްދާގެ (ބ) ގެ ދަށުން ދަޢުލަތުގެ ފަރާތުން ދިފާޢީ ވަކީލުން ޢައްޔަންކޮށްދޭ ޙާލަތުގައި ފިޔަވައި، މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢައްޔަންކުރެވިފައިވާ ފަރާތެއް، ހަމަ އެމައްސަލައިގައި ސުވާލުކުރެވޭ އެހެންފަރާތެއް ވަކީލެއްގެ ގޮތުގައި ޢައްޔަންނެއް ނުކުރެވޭނެއެވެ. ހަމަ އެފަދައިން، މައްސަލައެއްގައި ސުވާލުކުރެވޭ އެއް ފަރާތުގެ ވަކީލަކަށް ޢައްޔަންވުމަށްފަހު، އޭނާގެ ވަކީލުކަމުން ތަނާޒުލުވެ، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައިވެސް ޢައްޔަނެއްނުވެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާތީ، މުޙައްމަދު މިންހާޖުއަކީ އެމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތެއްގެ ޤާނޫނީ ވަކީލަކަށްވެފައި، އަދި މިމައްސަލައިގައި ޢަބްދުﷲ ހައިޝަމްގެ ވަކީލެއްގެ ހައިސިއްޔަތުން މިމައްސަލައިގެ ހައިކޯޓު މަރުހަލާގައި ބައިވެރިވެފައިވާތީ، މިމަރުހަލާގައި މުޙައްމަދު މިންހާޖުއަށް މަސައްކަތެއް ނުކުރެވޭނެކަމަށެވެ.
އިސްތިއުނާފުކުރި އަމުރާމެދު ހައިކޯޓުން ނިންމާފައިވަނީ ދަށުކޯޓުގެ ނިންމުމަށް ތާއީދުކޮށް، ދަށުކޯޓުން އަމުރު ނެރިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 (ޤާސިމް އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް) މިދެޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށްކަމަށް ކަނޑައަޅައި، ދަށުކޯޓުގެ ނިންމުން ދަމަހައްޓައިފައިވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ނިޔާ ކަނޑައެޅުމުގެ ކުރިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާ މެދު ހައިކޯޓުން ގޮތް ކަނޑައަޅައިފައިވާއެވެ. މިނުކުތާއާމެދު ހައިކޯޓުން ނިންމާފައިވަނީ، އިސްތިއުނާފުކުރާ ފާރާތުގެ ޤާނޫނީ ވަކީލުކަމުގައިވާ ސ. ފޭދޫ / ހިރިލަންދޫ، މުޙައްމަދު މިންހާޖު އަކީ އެމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތެއްގެ ޤާނޫނީ ވަކީލަކަށްވާތީ، އަދި މިކަމާ ވަކީލު ދެބަސްވެފައިނުވާތީ، ޤާނޫނު ނަންބަރު 12/2026 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ކ) ގައި "މި މާއްދާގެ (ބ) ގެ ދަށުން ދަޢުލަތުގެ ފަރާތުން ދިފާޢީ ވަކީލުން ޢައްޔަންކޮށްދޭ ޙާލަތުގައި ފިޔަވައި، މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢައްޔަންކުރެވިފައިވާ ފަރާތެއް، ހަމަ އެމައްސަލައިގައި ސުވާލުކުރެވޭ އެހެންފަރާތެއް ވަކީލެއްގެ ގޮތުގައި ޢައްޔަންނެއް ނުކުރެވޭނެއެވެ. ހަމަ އެފަދައިން، މައްސަލައެއްގައި ސުވާލުކުރެވޭ އެއް ފަރާތުގެ ވަކީލަކަށް ޢައްޔަންވުމަށްފަހު، އޭނާގެ ވަކީލުކަމުން ތަނާޒުލުވެ، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައިވެސް ޢައްޔަނެއްނުވެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާތީ، މުޙައްމަދު މިންހާޖުއަކީ އެމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތެއްގެ ޤާނޫނީ ވަކީލަކަށްވެފައި، އަދި މިމައްސަލައިގައި ޢަބްދުﷲ ހައިޝަމްގެ ވަކީލެއްގެ ހައިސިއްޔަތުން މިމައްސަލައިގެ ހައިކޯޓު މަރުހަލާގައި ބައިވެރިވެފައިވާތީ، މިމަރުހަލާގައި މުޙައްމަދު މިންހާޖުއަށް މަސައްކަތެއް ނުކުރެވޭނެކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ދަށު ކޯޓުން އަމުރު ނެރިފައިވޭތޯ ބަލާއިރު، ޢަބްދުﷲ ހައިޝަމްގެ މައްޗަށް ތުހުމަތުކޮށްފައިވާ މިކުށްތައް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި މިމައްސަލައިގައި ހުރިތޯ ބަލާއިރު، ޢަބްދުﷲ ހައިޝަމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްތަކަކީ، ޤާނޫނު ނަންބަރު 32/2015 (ޓެރިޒްމް މަނާކުރުމުގެ ޤާނޫނު) ގައިވާ ކުށްތަކެއްކަމާއި، މިކުށްތަކަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދައިން ޖިނާޢީ ބޮޑު ކުށެވެ. އަދި ތުހުމަތާ ގުޅިގެން މިމައްސަލައިގައި ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ރިޕޯޓަށާއި ޕްރިލިމިނަރީ މޮބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު، ޢަބްދުﷲ ހައިޝަމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްތައް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުރިކަމަށް ކަނޑައަޅާފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއެއް ގޮތަށް ދަށު ކޯޓުން އަމުރު ނެރިފައިވާކަން ކަނޑައަޅައިފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 (ޤާސިމް އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ދަށު ކޯޓުން އަމުރު ނެރިފައިވޭތޯ ބަލާއިރު، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ ބަންދުގައި ހުންނަ މީހާގެ އަސާސީ ޙައްޤުތަކާ ޚިލާފުވެފައިވޭތޯ ބަލާއިރު، ކުށުގެ ތުހުމުތުގައި ބަންދުކޮށްފައިވާ މީހަކު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއްގެ ޞިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް، އޭނާ ބަންދުން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމާއި، މިމައްސަލައިގައި ޢަބްދުﷲ ހައިޝަމް ހުށަހަޅާފައިވާ ޞިއްޙީ ލިޔުންތަކަށް ބަލާއިރު ޢަބްދުﷲ ހައިޝަމްގެ ޞިއްޙީ ޙާލަތަކީ އޭނާ ބަންދުގައި ހުރެއްޖެނަމަ އޭނާގެ ފުރާނައަށް ނުވަތަ އޭނާއަށް ޞިއްޙީ ބޮޑު ގެއްލުމެއް ލިބިދާނެފަދަ ޞިއްޙީ ޙާލަތެއް ނޫންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 (ޤާސިމް އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޙިލާފުވެފައިނުވާކަމަށް ކަނޑައަޅައިފައިވެއެވެ.