ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/386
2017/HC-A/386، 2017/HC-A/386
2017/HC-A/386 (2017/HC-A/386, High Court of the Maldives, 11 April 2018)
2017/HC-A/386
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ޕޮލިސީގެ ކޮންޑިޝަން 20 ގައި ގެއްލުމުގެ ބަދަލުގެ އަދަދާ ބެހޭ ޚިލާފު ފުރަތަމަ އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭނެކަމަށް ބުނާތީ، އާބިޓްރޭޝަން ޤާނޫނުގެ 15 (ހ) ގެ ދަށުން މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ޙުކުމްކުރިއެވެ.
ފަޔަރ ޕޮލިސީއެއްގެ ދަށުން ޓޯޓަލް ލޮސްގެ ޙާލަތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބިފައިވާ ފައިސާއާއި ޑިޑަކްޓިބަލް އުނިކުރުމުން ބާކީވާ 6,334,800 ރުފިޔާ އިންޝުއަރެންސް ކުންފުނީގެ އަތުން ހޯދުމަށް އިސްތިއުނާފުކުރި ކުންފުނިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތް ބުނީ ކޮންޑިޝަން 20 އަކީ ބަދަލު ދިނުމަށް އެއްބަސްވުމަށްފަހު މިންވަރާ ބެހޭ ޚިލާފަށް ކަމަށާއި މި ދަޢުވާއަކީ ތަފާތު ޙާލަތެއް ކަމަށާއި، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ދަޢުވާ ރައްދުވާ ފަރާތް އެދުމަކީ 15 (ހ) ގެ ޙައްޤު ދޫކޮށްލުން ކަމަށެވެ.
މައިގަނޑު ސުވާލު
ގެއްލުމުގެ ބަދަލުގެ އަދަދާ ބެހޭ ޚިލާފު ފުރަތަމަ އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭނެކަމަށް އިންޝުއަރެންސް ޕޮލިސީގައި ބުނެފައިވާއިރު، ޕޮލިސީގެ ދަށުން ބާކީ ފައިސާ ހޯދުމަށް ކުރި ދަޢުވާ އާބިޓްރޭޝަން ޤާނޫނުގެ 15 (ހ) ގެ ދަށުން ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން ރަނގަޅުތޯއާއި، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި މައްސަލަ ޝަރީޢަތަށް ފޮނުވުމަށް އެދުމަކީ އާބިޓްރޭޝަނުގެ ޙައްޤު ދޫކޮށްލުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޕޮލިސީ ބަލައިގަތުމުން އޭގެ ޝަރުޠުތަކަށް ތަބާވުން ލާޒިމްވާއިރު، ބާކީ ފައިސާ ހޯދުމަށް ކުރި ދަޢުވާއަކީ ކޮންޑިޝަން 20 ގެ ދަށުން ފުރަތަމަ އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެކެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ޝަރީޢަތަށް ފޮނުވުމަށް އެދުމަކީ އާބިޓްރޭޝަން އެއްބަސްވުމަށް ދޫދިނުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ބުނެފައިވާ ގޮތުގެ މަތީން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން އެދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ކުރެވުނީ ކަމުގައި ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ދޫކުރި އިންޝުއަރެންސް ޕޮލިސީ ޤަބޫލުކޮށް އެޕޮލިސީ ބަލައިގަތުމަކީ އެޕޮލިސީގައި ބަޔާންކުރާ ކަންކަން އޭގައި ބަޔާންކުރާ ގޮތުގެ މަތީން ކުރުން ޕޮލިސީ ބަލައިގަތް ފަރާތަށްވެސް ލާޒިމްވާނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޕޮލިސީގެ ދަށުން ދިމާވާ ކްލެއިމެއްގައި ގެއްލުމުގެ ބަދަލުގެ އަދަދާ ބެހޭ ގޮތުން ދެފަރާތުގެ ދެމެދުގައި ދިމާވާ ޚިލާފެއް ޙައްލުކުރުމަށް ފުރަތަމަ ހުށަހަޅަންޖެހޭނީ އާބިޓްރޭޝަނަށް ކަމަށް ޕޮލިސީގައި ބަޔާންކޮށްފައިވާއިރު، ޕޮލިސީގެ ދަށުން ލިބެންޖެހޭ ކަމަށްބުނާ ފައިސާގެ ބާކީ ހޯދުމަށް އެދި ހުށަހެޅި ދަޢުވާއަކީ އެންމެ ފުރަތަމަވެސް އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމުން، މައްސަލަ އާބިޓްރޭޝަނަށް ހުށަނާޅާ ޝަރީޢަތަށް މައްސަލަ ހުށަހެޅުމަކީ، މިފަދަ މައްސަލަ ޙައްލުކުރުމަށްޓަކައި ޢަމަލުކުރުމަށް ދެފަރާތުންމެ އެއްބަސްވެފައިވާ ގޮތާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޡާމަކީ، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދެފަރާތުން ސުލްޙަކުރުވައިގެން ދެފަރާތުން އެއްބަސްވާގޮތެއްގެ މައްޗަށް މައްސަލައިގެ ނިންމުންތައް ނިންމުމަށް ޤާއިމުކުރެވިފައިވާ ނިޡާމެއްކަމުން، އެމަރުޙަލާގައި ދެފަރާތަށް ސުލްޙަވެރިނުވެވިގެން މައްސަލަ ޝަރީޢަތަށް ފޮނުވާގޮތަށް ކޯޓުން ނިންމުމަކީ ނުވަތަ އެފަދައިން މައްސަލައިގެ ޚަޞްމަކު އެދުމަކީ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަމެއްގެ މައްޗަށް އެއްވެސް ފަރާތަކުން ތަނާޒުލުވެ އެފަރާތްތަކަށް ލިބެން އޮންނަ ޙައްޤެއް ދޫކޮށްލުންކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި މައްސަލައަށް ސުލްޙަވެރި ޙައްލެއް އައިސްފައިނުވާތީ މައްސަލަ ޝަރީޢަތަށް ފޮނުވައިގެން ކުރިއަށް ގެންދިއުމަށް ޚަޞްމަކު ކޯޓުގައި އެދުމަކީ، އާބިޓްރޭޝަން އުޞޫލުން މައްސަލަ ހިންގުމަށް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް އެފަރާތުން ދޫދިނުންކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް