ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/126
2017/HC-A/126، 2017/HC-A/126
2017/HC-A/126 (2017/HC-A/126, High Court of the Maldives, 8 March 2017)
2017/HC-A/126
މައްސަލައިގެ ޚުލާޞާ
"ކޯޓުން އަންގާ ގޮތަށް ޢަމަލު ނުކުރުމުން" ކަމަށް ބަޔާންކޮށް ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތާއި އިތުރު މީހަކު ބައިވެރިވެގެން، ހޮސްޕިޓަލަކުން ވަރކްވިސާގެ ބޭނުމަށް މެޑިކަލް ޗެކަޕް ހަދާ މީހުންގެ ލެބޯޓަރީ ރިޕޯޓް އޮޅުވާލާކަމަށް ތުހުމަތުކުރެވުނެވެ. ފުލުހުން (MF/156412) ބަންދަށް އެދުނީ ހެކި ނައްތާލާފާނެތީ، ފިލާފާނެތީ އަދި މުޖުތަމަޢުގެ ސަލާމަތަށް ހުރަސް އެޅިދާނެތީއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އަމުރު ނެރުއްވާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގައިވާ އުޞޫލަށް ރިޢާޔަތްނުކޮށް ކަމަށެވެ.
މައިގަނޑު ސުވާލު
މަކަރާއި ހީލަތުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ބޭރުގެ ރައްޔިތަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުއްވި 145-J/MD/2017/1223 އަމުރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް ނެރުއްވާފައިވޭތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު؛ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި
ތުހުމަތުކުރެވޭ މީހާ ތަޙުޤީޤުގައި އިޢުތިރާފުވެފައިވާއިރު އަދި އިންޑިއާގެ ރައްޔިތެއްކަމަށްވާއިރު، އޭނާ ދޫވެފައިހުރުމަކީ ފިލާފާނެކަމުގެ އިޙްތިމާލު އޮތްކަމެއްކަމުން، ދަށުކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް ފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން، ބަންދުގައި ބެހެއްޓުމަށް ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ތުހުމަތުކުރެވޭ މީހާ މައްސަލައިގެ ތަޙުޤީޤުގައި އިޢުތިރާފުވެފައިވާއިރު، އަދި އޭނާ ބޭރުގެ ޤައުމެއްގެ ރައްޔިތެއްކަމަށްވާއިރު، އޭނާ ބަންދުން ދޫވެފައިހުރުމަކީ އޭނާ ފިލާފާނެކަމުގެ އިޙްތިމާލު އޮތްކަމެއްކަމުން، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމަވާފައިވާ ކޯޓު އަމުރަށް ބަދަލު ގެންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ (ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރު)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް