ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/105
2016/HC-A/105، 2016/HC-A/105
2016/HC-A/105 (2016/HC-A/105, High Court of the Maldives, 20 March 2016)
2016/HC-A/105
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ނުފެންނަ ކަމަށް ބަޔާންކޮށް، ޝަރުޠުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުލުހުން ތަޙްޤީޤުކުރަމުންދާ މުޙައްމަދު މާނިޙް، 2015 ޑިސެންބަރު 11 ގައި ހައްޔަރުކުރުމަށްފަހު ޖުމްލަ 77 ދުވަހު ބަންދުގައި (37 ދުވަސް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި، 40 ދުވަސް ގޭގެ ބަންދުގައި) ބަހައްޓާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 (ހ) އާ ޚިލާފު، 2010/SC-A/19 ގެ 9 ވަނަ ނުކުތާއަށް ރިޢާޔަތް ނުކޮށް ނެރުނު، އަދި ޤާނޫނުއަސާސީގެ 143 (ރ) އާ ހިލާފަށް 2011/SC-A/33 ގައި ކަނޑައެޅި އުޞޫލަށް ތަބާނުވެ ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ތުހުމަތުގައި ތަޙްޤީޤުކުރެވެމުންދާ މީހަކު ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ސާބިޤާތަކާ ޚިލާފަށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ބަންދާމެދު ގޮތެއް ނިންމުމުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7 (ހ) ގެ ސަބަބުތަކާއި 2010/SC-A/19 ގެ ކަންކަން ވަޒަންކޮށް، މުޖުތަމަޢުގެ މަސްލަޙަތާއި ތުހުމަތުކުރެވޭ މީހާގެ ފަރުދީ މަސްލަޙަތު ބެލެންސްކުރަންޖެހޭ ކަމަށް ކޯޓު ބަޔާންކުރިއެވެ. 77 ދުވަހު ބަންދުގައި ހުރުމާއި ޝަރުޠު ޚިލާފުވެއްޖެނަމަ އަނބުރާ ބަންދުކުރެވޭނެ ފުރުޞަތު އޮތުމާއެކު، އިތުރަށް ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ސަބަބެއް ދައްކާފައި ނުވާތީ އަމުރު ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ބަންދުގައި ބެހެއްޓުމުގެ ސަބަބުތަކުންކުރެ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ކުށެއްގެ ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ މީހެކެވެ. އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، ފަނޑިޔާރަކު ބައްލަވަން ޖެހޭނީ މުޖުތަމަޢުގެ މަސްލަޙަތަށް އެކަނި ނޫނެވެ. މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތާއި އެމީހަކު ޝަރުޢީ ޤާނޫނީ ގޮތުން އުފުލަންޖެހިފައިވާ ޒިންމާތަކާއި ވާޖިބުތަކަށްވެސް ބަލާ، އެފަރާތުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ޝަރުޠުކުރުމަށްފަހުގައި ކަމަށްވާއިރު، ކުރެވިފައިވާ ޝަރުޠަކާ ޚިލާފުވެއްޖެ ނަމަ އަނބުރާ ބަންދުކުރުމުގެ ފުރުޞަތު އޮތުމާއެކު، އިތުރަށް ބަންދުކޮށްފައި ބެހެއްޓުމަށް އެކަށީގެންވާ ސަބަބެއް ވުޖޫދުވެފައިވާކަން ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ދައްކާފައި ނުވާނަމަ، އެ އަމުރަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް