ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/325
2015/HC-A/325، 2015/HC-A/325
2015/HC-A/325 (2015/HC-A/325, High Court of the Maldives, 13 October 2016)
2015/HC-A/325
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ލޯނު ނެގި ފަރާތާއި ޔަޤީންކަން ދިން ފަރާތްތަކުން ލޯނުގެ ފައިސާ، ޤާނޫނީ ޚަރަދު، އިންޓަރެސްޓާއި ޖޫރިމަނާ 10 މަސްދުވަހުގެ ތެރޭގައި ދައްކަން ޙުކުމްކޮށް، ނުދައްކައިފިނަމަ ރަހުނުތައް ވިއްކުމުގެ ހުއްދަ ބޭންކުތަކަށް ދިނެވެ.
ސިންޑިކޭޓަޑް ލޯން އެއްބަސްވުމެއްގެ ދަށުން ތިން ބޭންކަކުން ކުންފުންޏަކަށް ޖުމްލަ 24 މިލިއަން ޑޮލަރުގެ ޑިމާންޑް ލޯނުތަކެއް ދޫކޮށް، އެ ލޯނަށް ކުންފުނިތަކަކާއި ފަރުދުންތަކަކުން ޔަޤީންކަން ދީ، ރިސޯޓުތަކާއި ޙިއްޞާ ރަހުނުކުރިއެވެ. އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުމުން ލޯނު ނެގި ފަރާތާއި ޔަޤީންކަން ދިން ފަރާތްތަކުގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސްއިން އަމިއްލަ ޙައިޘިއްޔަތާއި އޭޖެންޓުގެ ޙައިޘިއްޔަތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ، ފޯމް CvC-007 އާ ޚިލާފަށް ދަޢުވާ ބަލައިގަތުމާ ގުޅޭ އިޖުރާއީ މައްސަލައަށް ގޮތެއް ނުނިންމާ ކަމަށާއި، ރަހުނު ވިއްކާލުމަކާ ނުލައި ޔަޤީންކަން ދިން ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމަކީ ރަހުނާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށާއި، ކޮންމެ ފަރާތެއް ޒިންމާވާ މިންވަރު ބަޔާން ނުކުރުމަކީ ޤާނޫނުއަސާސީގެ ޙައްޤުތަކާ ޚިލާފު ކަމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާ ފޯމާއެކު ބައެއް ލިޔުންތައް ހުށަނާޅާ ހުރުމުން ދަޢުވާ ބަލައިގަނެ ކުރިއަށް ގެންދިޔުން ބާޠިލުވޭތޯ، އަދި ސިންޑިކޭޓަޑް ލޯނަކަށް ޔަޤީންކަން ދިން ފަރާތްތަކުން، ރަހުނު ވިއްކާލުމަކާ ނުލައި، ލޯނު ނެގި ފަރާތާ އެކުއެކީގައި ލޯނުގެ ފައިސާއަށް ޒިންމާވާންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ލޯނުގެ ފައިސާ ލިބުނުކަމަށް އިންކާރު ނުކުރާއިރު، ހުށަނާޅާ ލިޔުންތަކަކީ އިސްތިއުނާފުކުރާ ފަރާތްތަކުން ސޮއިކުރި އެއްބަސްވުންތަކުގެ ތަރުޖަމާކަމާއި، އެއްބަސްވުމުގެ ދަށުން ޔަޤީންކަން ދިން ފަރާތްތައް ލޯނު ނެގި ފަރާތާ އެއްހަމައެއްގައި ޒިންމާވާން އެއްބަސްވެފައިވާތީ، ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަ ސަބަބެއް ނެތްކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާ ފޯމާއެކު ހުށަހަޅާފައި ނުވާކަމަށް ފާހަގަކުރެވޭ ލިޔުންތަކަކީ، އިސްތިއުނާފުކުރާ ފަރާތްތައްވެސް ސޮއިކޮށްފައިވާ އެގްރީމަންޓްތަކެއްގެ ދިވެހި ތަރުޖަމާ ކަމަށްވެ، މައްސަލަ ހިންގުމުގެ ތެރޭގައި ޖަވާބުދާރީވުމުގެ ކުރިން އެ ތަރުޖަމާ ފޯރުކޮށްދެވިފައިވާނަމަ، އެއީ އެ ފަރާތްތަކަށް އޭގެ މަޢުލޫމާތު ކުރިން އެނގިފައިވާ، އެފަރާތްތަކުގެ އަތުގައިވެސް އަޞްލު ހުރި ލިޔުންތަކެއް ކަމުގައި ޤަބޫލުކުރަންޖެހޭތީ، ދަޢުވާ ފޯމު ބަލައިގަނެ މައްސަލަ ހިންގުމުގެ އިޖުރާއަތު ކުރިއަށް ގެންގޮސްފައިވާ ގޮތް އެ ސަބަބަށްޓަކައި ބާޠިލުކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ކޮންޓްރެކްޓަކީ ދެ ޝަޚްޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޚްޞުންގެ މެދުގައި ކަމެއްކުރުމުގެ ނުވަތަ ކަމެއްކުރުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެއް ކަމަށްވީހިނދު، ދެ ފަރާތެއްގެ ދެމެދުގައި އެއްބަސްވުމެއް ވުމަށްފަހު، އެ އެއްބަސްވުމެއް ޞައްޙަވުމުގެ ޝަރުޠުތަކާއި ރުކުންތައް ފުރިހަމަވެފައިވާނަމަ، އެ އެއްބަސްވުމެއްގައި ބަޔާންކުރާ އުޞޫލުތަކުގެ ދަށުން ޢަމަލުކުރުން އެއްބަސްވުމުގެ ދެބައިވެރިންގެ މައްޗަށްވެސް ލާޒިމްވާނެއެވެ. އަދި އެފަދަ ޙާލަތުގައި އެ އެއްބަސްވުމެއްގެ ދެބައިވެރިންގެ ދެމެދުގައި ޙަކަމަކަށްވާނީވެސް އެ އެއްބަސްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ލޯނަށް ފައިސާ ނުދެއްކޭ ޙާލަތުގައި ރަހުނު އޭގެ ޒާތުގައި ދެމި އޮއްވައި، އެ ރަހުނު ވިއްކާލުމަކާ ނުލައި، ލޯނު ނެގިފަރާތެކޭ އެއްފަދައިން ޔަޤީންކަން ދިން ފަރާތްތަކުގެ މައްޗަށްވެސް ލޯނުގެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެއްބަސްވުމުގެ ދަށުން ބޭންކަށް ލިބިދީފައިވާނަމަ، ލޯނު ނެގިފަރާތެކޭ އެއްފަދައިން އެއްހަމައެއްގައި ޔަޤީންކަން ދީފައިވާ ފަރާތްތަކުންވެސް ލޯނު ދެއްކުމުގައި އެކުއެކީގައިވެސް އަދި ވަކިވަކިން ފަރުދީގޮތުންވެސް ޒިންމާވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ލޯނު ދޫކުރިފަރާތުން އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތަށް ލުޔެއް ނުދޭހާ ހިނދަކު، ޔަޤީންކަން ދީފައިވާ ފަރާތްތަކުން ފަރުދީ ގޮތުން ވަކި ޢަދަދެއް ދެއްކުމަށް ޝަރީޢަތުން ލާޒިމްކުރެވިދާނެ ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- މަދަނީ ޤާނޫނު (ކޮންޓްރެކްޓުގެ ތަޢުރީފު)
- ސިވިލް ކޯޓުގެ ވިޔަފާރިއާއި ބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމް (CvC-007) ގެ 'މުހިންމު މަޢުލޫމާތު' ގެ 5 ވަނަ ނަންބަރު
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް