ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/18
އާދަމް ޝަރީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2009/SC-A/18
2009/SC-A/18 (2009/SC-A/18, Supreme Court of the Maldives, 22 February 2010)
އާދަމް ޝަރީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
އާދަމް ޝަރީފު އާއި އިތުރު މީހަކު ބައިވެރިވެގެން ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ދަޢުވާ އުފުލުނެވެ. ކުށަށް އާދަމް ޝަރީފު އިޢުތިރާފުވެ ތަޙްޤީޤު މަރުޙަލާގައި ބަޔާނެއް ދީފައިވެއެވެ. މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން ތަޙްޤީޤު މަރުޙަލާގައި އާދަމް ޝަރީފު ވެފައިވާ އިޢުތިރާފުން ރުޖޫޢަވެ ކުށަށް އިންކާރު ކޮށްފައިވެއެވެ. ދައުލަތުން އާދަމް ޝަރީފްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އާދަމް ޝަރީފު ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފަށް ބާރު ލިއްބައިދޭ ޤަރީނާތަކެއް ހުރުމުންނެވެ. އެއިގެ ތެރޭގައި ވަގަށް ގެންދިޔަކަމަށް ބުނާ ތަކެތި އާދަމް ޝަރީފުގެ އަތުން ފެނިފައިވާއިރު އެ ތަކެތި އާދަމް ޝަރީފުގެ އަތުން ފެނުނު ކަމާއި މެދު އިންކާރު ކޮށްފައިނުވާ ނުވުން ހިމެނެއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ އާދަމް ޝަރީފު ތަޙްޤީޤުގައި ކިޔައިދިން ވާހަކަތަކުގައި ވައްކަމުގެ ޢަމަލު ހިނގާދިޔަ ގޮތްކަމަށް ކިޔައިދިން ގޮތާއި އާދަމް ޝަރީފާއި އެކު މި ވައްކަމުގައި ބައިވެރިވި ދެވަނަ ފަރާތުން ކިޔައިދިން ކިޔައިދިނުން އެއްގޮތްވުމާއި ވަގަށްނެގި ތަކެތި އާދަމް ޝަރީފުގެ ދަބަހަކުން ފެނިފައިވާތީ ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ޝައްކެއްނެތް މިންވަރުން ދަޢުވާ ސާބިތުވާކަމުގައެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިމުމުން އާދަމް ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލި މައްސަލައެވެ.
މައިގަނޑު ސުވާލު
1- ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުން ޝަރީޢަތުގެ މަޖިލީހުގައި ރުޖޫޢަވެއްޖެނަމަ އެ އިޢުތިރާފުގެ މައްޗަށް ބުރަދަނެއް ދެވިދާނެތޯ؟
ނިންމި ގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް.
ކަނޑައެޅުނު އުޞޫލު
- ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފަށް ބާރު ލިއްބައިދޭ ޤަރީނާތަކެއް ހުރިނަމަ ތަޙްޤީޤުގައިވެފައިވާ އިޢުތިރާފަށް ބުރަދަނެއް ދެވިދާނެކަން.