ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/28
ޢައިޝަތު އާޞިމް ވ. ޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، 2015/HC-A/28
Aishathu Aasim v. Oaldivs Inland Revenue Authority 2015/HC-A/28 (2015/HC-A/28, High Court of the Maldives, 23 November 2016)
ޢައިޝަތު އާޞިމް ވ. ޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މައްސަލައިގެ ޚުލާޞާ
މީރާގެ އިޢުތިރާޒު ނިންމުން ރަނގަޅުކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2 މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައެޅިއެވެ.
މީރާއިން ކުރި އޮޑިޓަކަށްފަހު، އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސް އިނގިރޭސިވިލާތުގެ ވެބްސައިޓެއްގައި އިސްތިހާރުކުރުމަށް ދައްކާފައިވާ ފައިސާއިން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭކަމަށް ޓެކްސް އެސެސްމަންޓް ނޯޓިސް ފޮނުވިއެވެ. ފައިސާ ދައްކާފައިވަނީ ގެސްޓް ހައުސްގެ މެނޭޖަރެއްގެ ގޮތުގައި ހިންގާ ފިރިމީހާގެ ނަމުގައިވާ ބޭރުގެ ކްރެޑިޓް ކާޑަކުންނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، މުޢާމަލާތް ހިނގީ ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރުގައި ކަމަށާއި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް އިޢުތިރާފުތައް ހެކީގެ ގޮތުގައި ބޭނުންކޮށްފައިވާކަމަށާއި، ޓެކްސް ނެގީ ކައިވެނީގެ ގުޅުމަށް ބަލައިގެން ކަމަށާއި، ޓެކްސް ދައްކާ ފަރާތުގެ ޙައްޤުތަކާ ޚިލާފުވެފައިވާކަމަށެވެ. މީރާއިން ބުނީ، ރިޒޯޓު ނުވަތަ ވިޔަފާރި ހިންގާ ފަރާތުން އަމިއްލަ ތަން އިސްތިހާރުކުރުމަށް ދައްކާ ފައިސާއިން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ކަމަށެވެ.
މައިގަނޑު ސުވާލު
ވިޔަފާރި ވެރިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެސްޓް ހައުސް ބޭރުގެ ވެބްސައިޓެއްގައި އިސްތިހާރުކުރުމަށް ވެރިފަރާތުގެ ފިރިމީހާގެ ނަމުގައިވާ ބޭރުގެ ކްރެޑިޓް ކާޑަކުން ދައްކާފައިވާ ފައިސާއިން ޤާނޫނު ނަންބަރު 5/2011 ގެ 6 ވަނަ މާއްދާގެ ދަށުން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ ވިޔަފާރީގެ ވެރިފަރާތުންތޯއާއި، މީރާގެ އޮޑިޓަށް ޓެކްސް ދައްކާ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބިނާކުރުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ފައިސާ ދައްކާފައިވަނީ ފިރިމީހާގެ ކާޑުން ނަމަވެސް، އެއީ ވެރިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ މަންފާއަށް ކުރި މުޢާމަލާތެއް ކަމުން ޓެކްސް ދައްކަންޖެހޭނީ ވިޔަފާރީގެ ވެރިފަރާތުންނެވެ. ލިޔުންތައް ހުށަހެޅީ އަމިއްލައަށް، މަޖުބޫރުކުރުމެއް ނެތި ކަމުން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދިފާޢު ޠަޠްބީޤު ނުކުރެވޭނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވިޔަފާރި އިސްތިހާރުކުރުމަށް ދައްކާފައިވާ ފައިސާ ދައްކާފައިވަނީ އެހެން މީހެއްގެ ނަމުގައި ބޭރުގެ ބޭންކަކުން ދޫކޮށްފައިވާ ކްރެޑިޓް ކާޑަކުން ކަމުގައި ވީނަމަވެސް، އެއީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން ގެންދާ ވިޔަފާރިން ދައްކާފައިވާ ފައިސާއެއް ކަމުގައި ބެލެވޭތީ، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ޓެކްސް ކުރެވޭނީ އެވިޔަފާރި އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ހ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަކީ ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހާގެ އިޢުތިރާފާއި، ޤާނޫނާ ޚިލާފަށް ހޯދި ހެއްކާ ގުޅޭ މާއްދާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ޓެކްސް ދެއްކުމަށް މީރާއިން އަންގާފައިވަނީ ޓެކްސް ދައްކާ ފަރާތުން މީރާއިން ކުރި އޮޑިޓަށް އަމިއްލައަށް ހުށަހެޅި ލިޔުންތަކުގެ މައްޗަށް ކަމަށްވެފައި، އެލިޔުންތަކަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރި ތަޙްޤީޤަކަށް މަޖްބޫރުކޮށް ނުވަތަ އޭނާގެ އިޚްތިޔާރުން ބޭރުން ހޯދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭފަދަ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ދެއްކިފައިނުވާނަމަ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ލިބިދޭ ދިފާޢު ޠަޠްބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ޤާނޫނު ނަންބަރު 5/2011 ގެ 6 ވަނަ މާއްދާގެ ދަށުން، ހޯދާ ޚިދުމަތަކާ ގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅެމުން ނުގެންދާ މީހަކަށް ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ފައިސާއަކުން ޓެކްސް ނެގޭނީ އެފައިސާ ދެއްކި ވިޔަފާރިއެއްގެ ވެރިފަރާތް ނުވަތަ އެވިޔަފާރިއެއް މީރާގައި ޓެކްހުގެ ބޭނުމަށްޓަކައި ރަޖިސްޓްރީކުރެވިފައިވާ ފަރާތަކުންކަން އެމާއްދާގެ މަޤްޞަދަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ރ))
- ވިޔަފާރި ވެރިފަރާތުގެ ނަމުގައި ހިންގާ ވިޔަފާރީގެ މަންފާއަށްޓަކައި އެތަން އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި ވިޔަފާރީގެ މެނޭޖަރެއްގެ ހައިސިއްޔަތުން ކޮށްފައިވާ މުޢާމަލާތަކީ ވިޔަފާރިން އިސްތިހާރުކުރުމުގެ ގޮތުން ކުރެވިފައިވާ މުޢާމަލާތެއް ކަމުން، އެމުޢާމަލާތުން ވިތްހޯލްޑިންގ ޓެކްސް ނަގާފައިވަނީ ކައިވެނީގެ ގުޅުމުގެ މައްޗަށް ބިނާކޮށްގެންކަމަށް ބެލެވޭނެ ސަބަބެއް ނެތުމާއެކު، 6 ވަނަ މާއްދާގައި ބުނާ ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ އެވިޔަފާރީގެ ވެރިފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ (ހ) އާއި (ހ) ގެ 4 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް