ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/527
އައިމަން ޢަބްދުއްސައްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/527
Aiman Abdhusathaaru v. Prosecutor General's Office 2016/HC-A/527 (2016/HC-A/527, High Court of the Maldives, 28 November 2016)
އައިމަން ޢަބްދުއްސައްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ތުހުމަތުކުރެވޭ ފަރާތް 10 ދުވަހަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރި.
އިމިގްރޭޝަންގެ އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ފޯޖްކުރި ލިޔުންތައް ހުށަހަޅައިގެން ބިދޭސީން ރާއްޖެއަށް ގެނައުމުގެ (ޞައްޙަ ލިޔުމަށް ބަދަލުގެނައުމާއި ފޯޖަރީ) ތުހުމަތުގައިވާ ފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅި.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ފުލުހުން ބުނެދީފައިނުވާއިރު ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 އާއި ޤަވާޢިދުގެ 7(ހ) އާއި 2010/SC-A/19 އާ ޚިލާފު އަމުރެއްކަމަށާއި، ޟަރޫރަތަށް ރިޢާޔަތްނުކޮށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ޙައްޤުތައް ހިފެހެއްޓިކަމަށް؛ ތުހުމަތަކީ މުޖުތަމަޢަށް ނުރައްކާތެރި ޢަމަލެއް ނޫންކަމަށް. ދައުލަތުން ބުނީ، ބަންދުގެ މަޖިލީހުގައި ފުލުހުން އެ ސަބަބު ފާހަގަކޮށްފައިވާނެކަމަށް.
މައިގަނޑު ސުވާލު
ޞައްޙަ ލިޔުމަށް ބަދަލުގެނައުމާއި މަކަރުވެރި ޢަމަލު (ފޯޖަރީ) ގެ ތުހުމަތުގައިވާ ފަރާތެއް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށް ބުނެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 އާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަކީ ޤާނޫނުއަސާސީގެ 49 އާއި ޤަވާޢިދުގެ 7(ހ) ގެ ދަށުން ބަންދުގައި ބެހެއްޓުމަށް ޖާއިޒު ސަބަބެއްކަމާއި، ކުށުގެ ބާވަތާއި ކުޑަބޮޑު މިނާއި ތަޙުޤީޤުގެ އުނދަގޫތަކަށް ބަލާއިރު ބަންދުގެ ޟަރޫރަތެއް ނެތްކަމަށް ބެލެވެން ނެތުމުން، އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކޯޓުން ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ސަބަބުތަކުން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަކީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމަށް ޖާއިޒު ސަބަބެއްކަން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ތުހުމަތު ކުރެވިފައިވާ ކުށުގެ ޒާތަށާއި ބާވަތަށާއި، ކަންހިނގާފައިވާ ގޮތަށާއި، މައްސަލައިގެ ކުޑަބޮޑު މިނަށާއި، މައްސަލަ ތަޙުޤީޤު ކުރުމުގައި ހުރި ދަތި އުނދަގޫތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ތުހުމަތުކުރެވޭ ފަރާތް ދޫކޮށްލާފައި ބެހެއްޓުމަކީ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް މެދުވެރިވެދާނެ ކަމެއްކަމަށް ޤަބޫލުކުރެވެން އޮތުމާއެކު، ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް އެހިނދުގައި ނެތްކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2010/SC-A/19
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް