ސައިޓޭޝަން ކޮޕީ ކުރުމަށް
2010/SC-A/09
ޢަބްދުއްސައްތާރު މުޙައްމަދު ވ. ޝަފީޤާ އިބްރާހީމް، 2010/SC-A/09
Abdhusathaaru Mohamed v. Shafeeqaa Ibrahim 2010/SC-A/09 (2010/SC-A/09, Supreme Court of the Maldives, 23 March 2011)
ޢަބްދުއްސައްތާރު މުޙައްމަދު ވ. ޝަފީޤާ އިބްރާހީމް
މައްސަލައިގެ ޚުލާޞާ
މަދަނީ ކޯޓުގެ 2008/MC/1515 ގައި، ކޯޓުން އެކުލަވާލި އަގުކޮމިޓީން ޢިމާރާތް ހުރި ޙާލަތަށް ބަލައި ކަނޑައެޅި 48،750 ރުފިޔާގެ މައްޗަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2009/HC-A/115 ގައި އެ ޙުކުމަށް ތާއީދުކުރިއެވެ.
މަދަނީ ކޯޓުގެ 280/MC/99 އިން ޢަބްދުއްސައްތާރު މުޙައްމަދަށް ލިބިދިން ހިބަ، ބަންޑާރަ ގޯތި ގޯތީގައި ހުންނަ ޢިމާރާތް ދިނުމާއި ވިއްކުމުގެ ޤަވާޢިދުގެ ނަންބަރު 1 ގެ (ހ) އާ ޚިލާފުކަމަށް ބުނެ ހައިކޯޓުގެ 2006/HC-A/19 އިން ބާޠިލުކުރިއެވެ. އޭގެފަހުން މ. ރިލޫމްގައި އޭނާ ހެދި ޢިމާރާތުގެ ޝަރުޢީ ބަދަލު ޝަފީޤާ އިބްރާހީމްގެ އަތުން ހޯދުމަށް ޢަބްދުއްސައްތާރު މުޙައްމަދު ދަޢުވާކުރިއެވެ.
ޢަބްދުއްސައްތާރު މުޙައްމަދު ބުނީ އަގުކޮމިޓީން އަގުކުރި މިންގަނޑު ތަފްޞީލުކޮށް ނޭނގޭ ކަމަށާއި، ހިބަ ބާޠިލުވީ އޭނާގެ އުނިކަމަކުން ނޫންކަމުން ޢިމާރާތުގެ މިހާރުގެ އަގު 700،000 ރުފިޔާ ލިބެން ޖެހޭ ކަމަށެވެ.
މައިގަނޑު ސުވާލު
ހިބަ ބާޠިލުކުރުމާ ގުޅިގެން ބިމުގައި ހެދި ޢިމާރާތުގެ ޝަރުޢީ ބަދަލު ކަނޑައަޅަންވީ، އަގުކޮމިޓީން ޢިމާރާތް ހުރި ޙާލަތަށް ބަލައި ކުރާ އަގަށްތޯ ނުވަތަ ހެދި ފަރާތުން ޚަރަދުވި ކަމަށް ބުނާ މިންވަރަށްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ބުނީ ޚުޞޫމަތްތެރި މައްސަލަތަކުގައި ތަންތަނާއި ތަކެތި އަގުކުރަންވާނީ އަގުކުރާ ވަގުތު ހުރި ޙާލަތަށް ބަލައި ކަމަށާއި، ފަރާތެއް ބުނާ ޚަރަދު ހިނގިތޯ ބަލައިގެން ނޫން ކަމަށެވެ. އަގުކޮމިޓީން ޢިމާރާތުގެ ތަފްޞީލު ބަޔާންކޮށް އަގު ކަނޑައަޅާފައިވާތީ، ދަށު ކޯޓުތަކުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ޙުކުމެއް ނޫންކަމަށް ބަލައި، ހައިކޯޓުގެ ޙުކުމް ޤާއިމުކުރިއެވެ.
ކަނޑައެޅުނު އުޞޫލު
- ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ޚުސޫމަތްތެރި މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތި އަގުކުރުމުގައި ރިޢާޔަތްކުރެވޭ އުޞޫލަކީ، އެ ތަނެއް ނުވަތަ އެއެއްޗެއް އަގުކުރާއިރު ހުރި ޙާލަތަށްބަލައި އެ ތަނެއް ނުވަތަ އެއެއްޗެއްގެ އަގު ކަނޑައެޅުން ކަމާއި، އެއެއްޗެއް ނުވަތަ ތަނެއް ހެދުމަށް ޚަރަދުވިކަމަށް ދަޢުވާކުރާ ފަރާތަކުން ނުވަތަ ދަޢުވާލިބޭ ފަރާތަކުން ބުނާ މިންވަރު އެތަނަކަށް ޚަރަދުވެފައި ވޭތޯ ބެލުން ނޫން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2010/SC-A/09
ދަޢުވާކުރާ ފަރާތް: ޢަބްދުއްސައްތާރު މުޙައްމަދު
ދަޢުވާ ލިބޭ ފަރާތް: ޝަފީޤާ އިބްރާހީމް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
[1]މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 28 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 23 މާރޗް 2011
މައްސަލަ ނިންމި ގަޑި: 14:45
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/115
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 28 އޭޕްރީލް 2009
ނިމުނު ތާރީޚް: 14 ޑިސެމްބަރު 2009
މައްސަލައިގެ ޚުލާޞާ
[2]މި މައްސަލައަކީ މަދަނީ ކޯޓުގެ ނަންބަރު 280/MC/99 ޤަޟިއްޔާއިން ޢަބްދުއްސައްތާރު މުޙައްމަދަށް ލިބިދީފައިވާ ހިބަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/19 ޤަޟިއްޔާއިން ބާޠިލް ކުރެއްވުމާ ގުޅިގެން، ޢަބްދުއްސައްތާރު މުޙައްމަދާއި ޝަފީޤާ އިބްރާހީމް، މިދެމީހުންގެ ނަމުގައި މ. ރިލޫމް އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ހެދިފައި އޮތްއިރު، ޢަބްދުއްސައްތާރު މުޙައްމަދު ޚަރަދުކޮށްގެން މ. ރިލޫމްގައި ހަދާފައިވާކަމަށް ބުނާ ޢިމާރާތުގެ ޝަރުޢީ ބަދަލު، ޝަފީޤާ އިބްރާހީމްގެ އަތުން ހޯދުމަށް އެދި، ޢަބްދުއްސައްތާރު މުޙައްމަދު މަދަނީ ކޯޓަށް ހުށަހެޅުމުން، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1515 ޤަޟިއްޔާއިން އެ މައްސަލަ ބެއްލެވުމަށް ފަހު މަދަނީ ކޯޓުން ކުރެއްވި ޙުކުމާމެދު ޢަބްދުއްސައްތާރު މުޙައްމަދު ހިތްހަމަ ނުޖެހިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފުކޮށް އެ އިސްތިއުނާފުކުރި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/115 ޤަޟިއްޔާއިން ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި ޙުކުމާމެދު ވެސް މި ޢަބްދުއްސައްތާރު މުޙައްމަދު ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް އިލްތިމާސް ކުރުމުން ބެލުނު މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
[3]މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީކޯޓުގެ ނަންބަރު 1515/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/115 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅުނު އެހެނިހެން ލިޔެކިއުންތަކަށް ރިޢާޔަތްކޮށް ބެލުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
[4](ހ) ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/115 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ޢަބްދުއްސައްތާރު މުޙައްމަދު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް އިލްތިމާސް ކޮށްފައިވަނީ، މަދަނީ ކޯޓުން އެކުލަވާލެއްވި އަގުކޮމިޓީން އަގުކުރައްވާފައިވާ މިންގަނޑު ތަފްޞީލްކޮށް އެނގެން ނެތް ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ކަމަށާއި، ޢަބްދުއްސައްތާރު މުޙައްމަދަށް ޝަރުޢީ ހަމަތަކުގެ މަތިން ލިބިފައިވާ ތަނެއްގައި ކޮށްފައިވާ ޢިމާރާތެއް އަގުކުރައްވާފައިވާ ގޮތާއި، އެޢިމާރާތް އެތަނުގައި ހަދަންޖެހުނީ ހިބައަކުން ލިބިގެންކަމަށް ވާހިނދު، އެހިބައިގެ މައްސަލަ ނިންމަވާފައިވާ ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވާފައި ވަނީ ޢަބްދުއްސައްތާރު މުޙައްމަދުގެ ފަރާތުން އައި އުނިކަމަކުން ކަމަށް ނުވާހިނދު، މަދަނީ ކޯޓުން ކުރައްވާފައިވާ އަގަކީ ޝަރުޢީ އަދި ޤާނޫނީ މިންގަނޑަށް ފެތޭފަދަ އަގެއް ކަމުގައި ޤަބޫލު ކުރަން ޢަބްދުއްސައްތާރު މުޙައްމަދަށް ދަތިކަމަށާއި، ޢަބްދުލްސައްތާރު މުޙައްމަދަށް ލިބިފައިވާ ތަނެއްގައި ހަދާފައިވާ ޢިމާރާތްތަކުގެ އަގު ކަނޑައެޅުއްވުމުގައި ގެންގުޅުއްވާފައިވާ އުޞޫލެއް ފެންނަން ނެތްކަމަށާއި، މަދަނީ ކޯޓުގެ ނަންބަރު 99/MC/280 ޤަޟިއްޔާއިން ލިބިފައިވާ ހިބަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 19/HC-A/2006 ޤަޟިއްޔާއިން ބާޠިލް ކުރައްވައި، ޢަބްދުއްސައްތާރު މުޙައްމަދު ހަދާފައިވާ ޢިމާރާތުގެ ބަދަލު ދެއްވަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ކަމަށް ޢަބްދުއްސައްތާރު މުޙައްމަދަށް ނުފެންނަ ކަމަށް ޢަބްދުއްސައްތާރު މުޙައްމަދު ބުނާބުނުމެވެ.
[5](ށ) ދެވަނަ ކަމަކީ މަދަނީ ކޯޓުގެ ނަންބަރު 99/MC/280 ޤަޟިއްޔާއިން ޢަބްދުއްސައްތާރު މުޙައްމަދަށް ލިބިދީފައިވާ ހިބަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 19/HC-A/2006 ޤަޟިއްޔާއިން ބާޠިލް ކުރައްވާފައިވަނީ "މާލޭގައި ބަންޑާރަ ގޯތި ގޯތީގައި ހުންނަ މީސްމީހުންގެ ޢިމާރާތް ދިނުމާއި ވިއްކުމުގެ ޤަވާޢިދު" ގެ ނަންބަރު 1 ގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތާ ޚިލާފަށް ހިބަ ދީފައިވާތީކަން އެ ޤަޟިއްޔާ އިން އެނގެން އޮންނަ އޮތުމެވެ.
[6](ނ) ތިންވަނަ ކަމަކީ މަދަނީ ކޯޓަށް ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅި މައްސަލައާ ގުޅިގެން އެކުލަވާލެވުނު އަގުކޮމިޓީގެ ރިޕޯޓަށް ބަލާއިރު، އެރިޕޯޓުން ފާހަގަ ކުރެވެނީ މ. ރިލޫމްގައި، ކުރިން ހަދާފައިހުރި ޢިމާރާތެއް ހުރިކަމާއި، ޢަބްދުއްސައްތާރު މުޙައްމަދު ފަހުން ހެދިކަމަށް ބުނާ ޢިމާރާތެއް ވެސް ހުރިކަމާއި، ޢަބްދުއްސައްތާރު މުޙައްމަދު ފަހުން ހެދިކަމަށް ބުނާ ޢިމާރާތަކީ ރާނައި ސިމެންތިޖަހައި ލަކުޑި ޑެކެއް އަޅައި އެޑެކް މަތީ ތަޅުންއަޅައި މުށިޖަހައި ލަކުޑި ސިޑި ބަހައްޓައި ބޮޑުދޮރާއި ކުދިދޮރު ބަހައްޓައި ދޮރުފަތް ހަރުކޮށް ކަރަންޓުވައިރުކޮށް ދިއްލުންތަކާއި ފަންކާތައް ހަރުކޮށް މަތިވަޑާންގަނޑު އަޅައި ދަނގަޑު ޓިނުޖަހައި ހިޔާކޮށްފައި ހުރި ޢިމާރާތެއްކަމާއި، ޢިމާރާތުގެ ތިރީބައިގައި ހުރީ 1 ކޮޓަރިއާއި، ކައްކާބަޔަކާއި، ތިރިތަށި ބަހައްޓާފައިވާ 1 ފާހާނާކަމާއި، ޢިމާރާތުގެ މަތީބައި އޮތީ ހޯލެއްގެ ގޮތުގައި ކަމާއި، ޢިމާރާތްވަނީ އާދައިގެ ގޮތަކަށް ދެބުރިއަށް ހަދާފައި ކަމާއި، ޢިމާރާތުގެ ބޮޑުމިނަކީ '10x'15 ކަމާއި، ޢިމާރާތް އަގުކޮމިޓީން ބެލިއިރު ހުރި ހާލަތައްބަލައި، އަގުކޮމިޓީން އެ ތަނުގެ އަގެއްކަމަށް ކަނޑައަޅާފައިވާ އަގަކީ 48750.00ރ (ސާޅީސް އަށްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ ކަމެވެ.
[7](ރ) ހަތަރުވަނަ ކަމަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ޚުސޫމަތްތެރި މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތި އަގުކުރުމުގައި ރިޢާޔަތްކުރެވޭ އުޞޫލަކީ، އެ ތަނެއް ނުވަތަ އެއެއްޗެއް އަގުކުރާއިރު ހުރި ޙާލަތަށްބަލައި އެ ތަނެއް ނުވަތަ އެއެއްޗެއްގެ އަގު ކަނޑައެޅުން ކަމާއި، އެއެއްޗެއް ނުވަތަ ތަނެއް ހެދުމަށް ޚަރަދުވިކަމަށް ދަޢުވާކުރާ ފަރާތަކުން ނުވަތަ ދަޢުވާލިބޭ ފަރާތަކުން ބުނާ މިންވަރު އެތަނަކަށް ޚަރަދުވެފައި ވޭތޯ ބެލުން ނޫންކަމާއި، މ. ރިލޫމްގައި ޢަބްދުއްސައްތާރު މުޙައްމަދު ހެދިކަމަށް ބުނާ ޢިމާރާތް އަގު ކުރުމަށް 4 މެންބަރުންގެ މައްޗައް އެކުލެވޭ އަގުކޮމިޓީއެއް އެކުލަވާލިކަމާއި، އެ އަގުކޮމިޓީއިން މ. ރިލޫމްގައި ހުރި ޢަބްދުއްސައްތާރު މުޙައްމަދު ހެދިކަމަށް ބުނާ ޢިމާރާތް އަގުކުރައްވާފައިވާކަމާއި، އަގުރިޕޯޓުގައި ޢަބްދުއްސައްތާރު މުޙައްމަދު ހެދިކަމަށް ބުނާ ޢިމާރާތް ހުރިގޮތުގެ ތަފްޞީލް ބަޔާން ކުރެއްވުމަށްފަހު އަގެއް ކަނޑައަޅުއްވާފައިވާކަމެވެ.
[8](ބ) ފަސްވަނަ ކަމަކީ މ. ރިލޫމްގައި ޢަބްދުއްސައްތާރު މުޙައްމަދު ހެދިކަމަށް ބުނާ ޢިމާރާތުގެ އަގެއްކަމަށް ޢަބްދުއްސައްތާރު މުޙައްމަދު ބުނާ 700000.00ރ (ހަތްލައްކަ ރުފިޔާ) އެއީ ޢަބްދުއްސައްތާރު މުޙައްމަދު ހެދި ޢިމާރާތުގެ މިހާރުގެ އަގުކަމަށް ބަލައިނުގަނެ، އަގު ކޮމިޓީގެ ރިޕޯޓަށް ބައްލަވައި މަދަނީ ކޯޓުން އެކޯޓުގެ ނަންބަރު 2008/MC/1515 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމާއި އެ ޙުކުމަށް ތާޢީދު ކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 115/HC-A/2009 ޤަޟިއްޔާއިން ކުރެއްވި ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެކޭ ބުނެވޭނެ ޖާގައެއް ނެތްކަމެވެ.
ޙުކުމް:
[9]ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ނުކުތާތައް އެހެން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2008//MC1515 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 115/HC-A/2009 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 115/HC-A/2009 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
- މާލޭގައި ބަންޑާރަ ގޯތި ގޯތީގައި ހުންނަ މީސްމީހުންގެ ޢިމާރާތް ދިނުމާއި ވިއްކުމުގެ ޤަވާޢިދުގެ ނަންބަރު 1 ގެ (ހ)
- 280/MC/99
- 2006/HC-A/19
- 2008/MC/1515
- 2009/HC-A/115
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް
- ރިޔާސަތު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 28 ފެބުރުއަރީ 2010 · ރަޖިސްޓްރީކުރީ 28 ފެބުރުއަރީ 2010 · ނިމުނީ 23 މާރިޗު 2011 (12.7 މަސް)